Roadha Mihaaru
އެމްޑީޕީ ފަހަތަށް އަރަން ޑިމޮކްރެޓްސް ބޭނުމެއް ނުވޭ!

އެމްޑީޕީގެ ފަހަތަށް އަރަން ޑިމޮކްރެޓްސް ކައުންސިލްގެ ގިނަ މެންބަރުން ބޭނުމެއް ނުވޭ!

12 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދަ ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލްގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދަ ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލްގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި އެވެ.

ރިޔާސީ އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިން ވަނަ އަށް ދިޔައީ ޑިމޮކްރެޓްސް އެވެ. އެހެންވެ ޕީޕީއެމް އާއި އެމްޑީޕީން އަންނަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ ވިސްނުން ހުރި ގޮތް ބަލަން މިއަދު ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީން ސިޔާސީ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދެވަނަ ބުރާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

އެ މަސައްކަތް ކުރާނެ ގޮތެއް އިންޓްރިމް ކައުންސިލުން ނިންމައި ދިނުމަށާއި އެކަމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލުފާޅު ކުރުމަށް ހަސަން ފުރުސަތު ދެއްވި އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އެ ޕާޓީ އަށް ތިން ގޮތެއް އެބައޮތް ކަމަށެވެ. އެއްގޮތަކީ އެއްވެސް ކޮޅަކަށް ނާރާ އެއްވެސް ބަޔަކަށް ތާއީދު ނުކޮށް ތިބުން ކަމަށާއި ދެން އޮތީ އެމްޑީޕީ ނޫނީ ޕީއެންސީ ކޮޅަށް އެރުން ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކޮންމެ ގޮތެއް ނިންމުމުގެ ކުރިން ވެސް އަޅުގަނޑުމެންގެ ޕްރިންސިޕަލްތަކަށް ވިސްނަން ޖެހޭ. މަޝްވަރާ ކޮށްގެން ގޮތެއް ނިންމަން ޖެހޭނީ،" އިލްޔާސް ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރުމަށް ތިން ގޮތެއް ނެތް ކަމަށާއި އެމްޑީޕީ އާއެކު ވާހަކަ ދެއްކުމަކީ އެ ޕާޓީ އަށް އޮތް ގޮތެއް ނޫން ކަމަށެވެ.

އެމްޑީޕީއަކީ އެއްވެސް ހާލެއްގައި މި ޕާޓީ އަށް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީވެ އަޅުގަނޑުމެން ނުކުމެ މިތިބީ -- އީވާ

އީވާ މިހެން ވިދާޅުވުމާ އެކު ކައުންސިލްގައި ތިބި ހުރިހާ މެންބަރުންނާއި ފަހަތުގައި ތިބި ސަޕޯޓަރުން ވެސް އެކަމަށް ތާއީދު ކުރި އެވެ.

"އެމްޑީޕީއަކީ އެއްވެސް ހާލެއްގައި މި ޕާޓީ އަށް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީވެ އަޅުގަނޑުމެން ނުކުމެ މިތިބީ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ޑިމޮކްރެޓްސް އަށް އިތުރަށް ހުށަހަޅާނެ ހުށަހެޅުމެއް ނޯންނާނެ ކަމަށާއި އެ ޕާޓީން ޑިމޮކްރެޓްސް އަށް ނަހަދާކަށް ދޮގެއް ނެތް ކަމަށެވެ.

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދެން އޮތީ ޕީޕީއެމް އާއެކީ ދިޔުންތޯ ނުވަތަ އެއްވެސް ގޮތެއް ނުނިންމާ އަޅުގަނޑުމެން އަޅުގަނޑުމެންގެ ގޮތުގައި ތިބުންތޯ." އީވާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އާއި މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާން އާއި އެހެން ގިނަ މެންބަރުން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުވަތަ އެމްޑީޕީގެ ފަހަތަށް އަރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި ދެވަނަ ބުރުގައި އަރާނެ ވަކި ޕާޓީއެއް ނުނިންމަ އެވެ. ވިލުފުށީ ދާއިރާގެ މެންބަރު އަފީފް ހުށަހަޅުއްވައިގެން ނިންމީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ވަކި ކޮމިޓީއެއް އެކުލަވާލުމަށެވެ.