03 ފެބުރުއަރީ 2017
އެއް ބައްދަލުވުން ނިންމާލައްވާފައި އަނެއް ބައްދަލުވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވީ ހަމަ އާއްމުކޮށް ވެސް އޮފީހުގައި އުޅުއްވާނެ ފަދަ ގޮތަކަށެވެ. އެކަމަކު މުހައްމަދު ކަލީމް ދައްކަވަން އެ އުޅުއްވަނީ ވިޔަފާރިއާ ގުޅޭ ވާހަކަތަކެއް ނޫނެވެ. އޭނާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރުގެ ވާހަކަތަކެއް ވެސް ނޫނެވެ. މުޅިން އަމިއްލަ ވާހަކަތަކެކެވެ.
އެއް ބައްދަލުވުން ނިންމާލައްވާފައި އަނެއް ބައްދަލުވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވީ ހަމަ އާއްމުކޮށް ވެސް އޮފީހުގައި އުޅުއްވާނެ ފަދަ ގޮތަކަށެވެ. އެކަމަކު މުހައްމަދު ކަލީމް ދައްކަވަން އެ އުޅުއްވަނީ ވިޔަފާރިއާ ގުޅޭ ވާހަކަތަކެއް ނޫނެވެ. އޭނާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރުގެ ވާހަކަތަކެއް ވެސް ނޫނެވެ. މުޅިން އަމިއްލަ ވާހަކަތަކެކެވެ.
ރާއްޖޭގެ މަޝްހޫރު ސޮނީ ވިޔަފާރި އާއިލާގެ އެންމެ ދޮށީ މެމްބަރު އަދި ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ކެންސަރާ ކުރެއްވި ހަނގުރާމަ ކިޔައިދެއްވި އިރު، އޭނާގެ ހިތްވަރުގެ ތެރެއިން ވެސް، އެ އުނދަގޫ ތަޖުރިބާގެ ފުން އިހުސާސްތައް މުޅިއަކުން ސިއްރެއް ނުކުރެއްވުނެވެ.
ކެންސަރު ފަދަ ބައްޔެއް ކުރިމަތިވެދާނެ ކަމުގެ ފިކުރެއް މުހައްމަދު ކުރިއަކުން ނުކުރައްވަ އެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިމެނޭ ސެލްތަކަށް ޖެހޭ ކެންސަރު ނުވަތަ ލިމްފޯމާ ހުރިކަން އެނގިވަޑައިގަތުމާ އެކު މުހައްމަދަށް ހިތާހިތާ ސުވާލުކުރެއްވުނީ ވެސް "އަހަންނަށް މިހެން ވާންވީ ކީއްވެގެން؟"ތޯ އެވެ. އެކަމަކު އެއީ ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ ޝަކުވާއެކެވެ.
"އިނގިރޭސި ބަހުން ބުނަންޏާ 'ވައި މީ؟'އޭ ފުރަތަމަ ހިތަށް އެރީ. ކުޑަކުޑަ ވަގުތުކޮޅަކަށް އެ ވިސްނުން އައިސްފައި ދެން ހަމަ އޭގެ ޖަވާބެއްގެ ގޮތުގައި ހިތަށް އަރައިފި 'ވައި ނޮޓް ޔޫ؟'އޭ،" މުހައްމަދު، 52، ވިދާޅުވި އެވެ.
"ދެން އައި ވިސްނުމަކީ މުހައްމަދު ކަލީމް ވީމަ ނުޖެހެއޭ މިކަމުން އިސްތިސްނާވާކަށް. ދުނިޔެ އަށް ފޮނުއްވި ފަރާތުންނޭ ގެންދަވާނީ ވެސް. ދެން އޮތީ މިކަމާ ކުރިމަތިލާ، މި ކަމުން ސަލާމަތްވާން ހަނގުރާމަކުރުމޭ."
ބައްޔަކީ ކެންސަރު ކަމަށް ލަފާކުރެވުނު ހިސާބުން، އެކަމާ ކުރިމަތިލުމުގެ ހިތްވަރު މުހައްމަދު ކަލީމަށް ލިބިވަޑައިގެންނެވި. ފޮޓޯ: ނިސާން އަލީ/ މިހާރު
ބަލީގެ އަލާމާތެއްގެ ގޮތުގައި މުހައްމަދަށް ކުރިމަތިވެވަޑައިގަތީ ކެންސަރާ ގުޅުމެއް ހުރެދާނެ ކަމަށް ނަގައިގަނެވުނު ކަމެއް ނޫނެވެ. ކަނާތު ފައި އެޅޭލެއް ލަސްވުމެވެ. ހިނގުމަށް އަންނަން ފެށި ހުއްޓުންތަކެވެ.
"އެއްގޮތަކަށް ވެސް ތަދެއް ނުވޭ. ކަނާތު ފައިން ކުޑަ ކޮރެއް ޖެހެން ފެއްޓީ. އެކަމާ ހެދި ހިނގުން ލަސްވަމުން ގޮސް އެހެން މީހުންނަށް ސިއްރު ނުކުރެވޭ ހިސާބަށް ގޯސްވީ. އެންމެ ފަހުން އަޅުގަނޑުގެ ދެ އަހަރުގެ ދަރިފުޅު [ހިނގާ އިރު] އަރާހަމަ ނުކުރެވޭ ވަރަށް ސްޕީޑް ދަށްވީ. އެއީ، މިކަން ބަލަން މަޖުބޫރުވި ހާލަތަކީ،" 2013ގައި ކުރެއްވި ތަޖުރިބާ ހިއްސާކުރައްވަމުން މުހައްމަދު ކިޔައިދެއްވި އެވެ.
އާދައިގެ މަތިން ސިންގަޕޫރުގައި މެޑިކަލް ޗެކަޕް ހެއްދެވި އިރު ފައިގެ މައްސަލަ އަށް ފަރުވާ ހޯއްދެވި އެވެ. އެކަމަކު އިންޖެކްޝަނެއް ޖެހިތާ ތިން ހަފްތާ ވީ އިރު ވެސް އެއްވެސް ބަދަލެއް ނަ އެވެ. މާލޭގައި ކަށީގެ ޑޮކްޓަރަކަށާއި ނާރުގެ ޑޮކްޓަރަކަށް ވެސް ދެއްކެވި އެވެ. އެމްއާރްއައި ހެއްދެވި އެވެ. އެންމެ ފަހުން ބަލި ދެނެގަނެވޭނެ މަގެއް ހޯއްދެވީ ކުރިން އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރި ސިންގަޕޫރުގެ ކަށީގެ ޑޮކްޓަރަކަށް ގުޅައިގެންނެވެ.
ކެންސަރުން ސަލާމަތްވުމަށް ކަލީމް ފަސް މަސް ދުވަސް ވަންދެން ކީމޯތެރަޕީ ހެއްދެވި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޯދަ މަސް ތެރޭ ގިނިކަންޏާ ސިންގަޕޫރަށް ވަޑައިގެން ކަށީގެ ޑޮކްޓަރަށް ދައްކަވައި އަލުން އެމްއާރްއައި ހައްދަވައިގެން ނިއުރޯ ސާޖަންއެއްގެ ލަފާ ހޯއްދެވި އެވެ. މައިބަދަ ހުންނަ ހިސާބުގައި "ޝައްކު އުފެދޭ ތަންތަންކޮޅު" ހުރިކަން ފާހަގަކުރުމާ އެކު ޑޮކްޓަރު އިރުޝާދު ދިނީ އެހެން ޑޮކްޓަރެއްގެ ޚިޔާލު ހޯއްދަވާށެވެ.
"ހެމަޓޮލޮޖިސްޓް އޮންކޮލޮޖިސްޓަކަށް ދައްކަން ދާން ބުނީ. އޮންކޮލޮޖިސްޓަކީ ކެންސަރާ ގުޅޭ މީހެއްކަން އެނގޭ. އެހެންވީމާ އެ ހިސާބުން ގާތްގަނޑަކަށް އެނގިއްޖެ މިއީ މި (ކެންސަރު) ކަން،" މުހައްމަދު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ފަޅި ސިކުންތަކަށް ހިތުގައި އުފެދުނު ސުވާލު ފިޔަވައި މާޔޫސްކަމުގެ އެއްވެސް އިހުސާސެއް ނުކުރެއްވޭ ކަމަށެވެ.
"ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭ [ކެންސަރާ] ކުރިމަތިލުމުގެ ހިތްވަރު ލިބުނު. ނޭނގޭ، ކޮން ތާކުން ކަމެއް އެ ހިތްވަރު އައީ ވެސް. އަޅުގަނޑަށް ގަބޫލުކުރެވެނީ ރަނގަޅު މުސްލިމަކަށް ވާން މަސައްކަތްކުރެވޭތީއާ އެއްކޮށްހެން އެހެން އެ ވީ،" މުހައްމަދު ފާހަގަކުރެއްވި އެވެ.
"ސިންގަޕޫރަށް ދިޔަ ދުވަހުގެ ހަތަރު ދުވަސް ފަހުން އުމްރާއަކަށް ދާން އޮތީ. އެ އުމްރާ ކުރިމަތީގައި އޮތީމަ އާއި އަދި އޭގެ ކުރިން ވެސް އެކި ފަހަރު މަތިން ހައްޖަށާއި އުމްރާ އަށް ގޮސް، ބަރާބަރަށް ނަމާދުކޮށް އުޅެވޭތީ ނުތަނަވަސްކަމެއް ނެތް. ހިތަށް އެރީ ފިފްޓީ-ފިފްޓީ ޗާންސެކޭ އޮތީ، [ކެންސަރު] ކޮންމެ ސްޓޭޖެއްގައި ހުއްޓަސް ކޮންމެ ކޮޅަކަށް ވެސް ހިނގައިދާނޭ. އެހެންވެ އެ ހާލަތު ކޮންޓްރޯލްކުރަން ނޫޅެ އިންސާނެއްގެ ގޮތުން ކުރެވެން އޮތް ކަމެއް ކުރަން ބޭނުންވީ."
މުހައްމަދު ކަލީމް: ކެންސަރު ޖެހިފައިވާ ކަން އެނގުނީ ފަޔަށް ދިމާވި މައްސަލައެއްގެ ސަބަބު ހޯދަން ކުރި މަސައްކަތުން. ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ ވަޑައިގަތުމާ އެކު އެ ޚަބަރު އަނބިކަނބަލުން ފަތީނާ އަބްދުއްސައްތާރަށް ދެއްވި އެވެ. އަދި އާއިލާގެ ބޭފުޅުންނާ ވެސް އެ ވާހަކަ ހިއްސާކުރެއްވި އެވެ. އެކަމަކު މަންމަ ފިޔަވަ އެވެ. އެއީ ފުޓްބޯޅަ ކުޅުއްވި އިރު ކިތައްމެ ކުޑަ ރިހުމެއް އަޔަސް އެކަމާ އެންމެ ބޮޑަށް އަޅާލައްވާ، ދެވެން އޮތް ފަރުވާއަކަށް އަބަދުވެސް އެންމެ ފުރަތަމަ އިސްނެންގެވި މަންމަ އެވެ.
"އަޅުގަނޑުގެ އަންހެނުންނަކީ ނަރުހެއް. އެކަމަކު އަތްބެއްގެ ގޮތުން އަދި އިންސާނެއްގެ ގޮތުން ކުރެވޭނެ ހުރިހާ އިހުސާސެއް އޭނަ އަށް ވެސް ކުރެވޭނެ،" މުހައްމަދު ވިދާޅުވި އެވެ.
"ހިނގުމުގެ މައްސަލަ ދިމާވީމަ މަންމަ ވަރަށް ކަންބޮޑުވެފައި ހުރީ. ދޭތެރެދޭތެރެ އިން ސުވާލުކުރޭ. އެކަމަކު ސިންގަޕޫރުން އައިސް ވެސް މަންމަ ގާތު ބުނަމުން ގެންދިޔައީ އަދި ޔަގީނެއް ނުވެއޭ ވާ ގޮތެއް، ބަލަމުންނޭ މި ދަނީ."
މުހައްމަދަކީ ބަލިވިޔަސް އެހެން މީހުންނަށް އެކަން ދަައްކަވަން ބޭނުން މިޒާޖުގެ ބޭފުޅެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތަކީ "ކިރިޔާ ތެދުވެވެންޏާ އެނދުން ތެދުވެ ހިނގުމެ"ވެ. "ދުވެވެންޏާ ދުވުމެ"ވެ. އިިންސާނާގެ މައްޗަށް ބަލި ގަދަވެގަންނަން ފުރުސަތު ހަނިކުރަން އޮތް ކޮންމެ ގޮތަކަށް އޭނާ ތައްޔާރެވެ. އެހެންކަމުން އޭނާ ބަލިވެގެން، އޭނާގެ ކުރިމަތީގައި އެހެން މީހުން ހިތާމަވެރިވުމުން މުހައްމަދަށް އުނދަގޫވެ އެވެ. އެކަމަކު މަންމަގެ ފިކުރުބޮޑުވުމާއި އިހުސާސްތައް އޭނާ އަށް މުޅިން ތަފާތެވެ. މަންމަ އަށް ކުރި އަސަރުތަކުގެ ހަނދާންތައް އާވުމުން މިހާރު ވެސް ޖަޒުބާތުގައި ޖެހިވަޑައިގަންނަވަނީ އެހެންވެ އެވެ.
"[ކެންސަރުގެ] މި ވާހަކަ ދެއްކިޔަސް އަޅުގަނޑު އަސްލު އިމޯޝަނަލްއެއް ނުވާނެ. ނޭނގެ، މިހާރު މި ވީ ކިހިނެއް ކަމެއް. މަންމަގެ ވާހަކަ ދެއްކީމާ ވީ ގޮތެއް ކަމަށް ވެދާނެ،" ކުއްލިއަކަށް ލޮލަށް ޖަމާވި ކަރުނަތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ޔަގީންވީ މުހައްމަދު ކަނާތު ފައިގެ ހަރަކާތް ލަސްވާން ދިމާވީ މައިބަދައިގެ ތިރީގައި ހުރި ޓިއުމަރުގެ ސަބަބުން ނާރެއް ފިތޭތީ ކަމެވެ. ސިންގަޕޫރުގައި، މައިބަދައާ ހިސާބު ތޮރުފައިގެން ނެގި ސާމްޕަލަކުން ބަޔޮޕްސީ ހެދި ނަމަވެސް ބަލި ފުރިހަމަ އަށް ދެނެއެއް ނުގަނެވުނެވެ. އެއީ ސީދާ ކޮން ވައްތަރެއްގެ ކެންސަރެއްކަން ހޯދީ ބެންކޮކްގައި އެ ތަން ކަފާލައިގެން ޓިޝޫ ނެގި އޮޕަރޭޝަނަކަށް ފަހުގަ އެވެ.
ކެންސަރުގެ ފަރުވާ އަށް ތައިލެންޑުން އޭނާ ސީދާ ވަޑައިގަތީ ސިންގަޕޫރަށެވެ. އޭރު އަނބިކަނބަލުންނާއި ދަރިފުޅު މީކާ މުހައްމަދު ކަލީމުގެ އިތުރުން މަންމަ ހުންނެވީ ސިންގަޕޫރުގަ އެވެ. ދެން އައި 11 މަސް ދުވަސް ހޭދަކުރެއްވީ ސިންގަޕޫރުގަ އެވެ.
ފަސް މަސް ދުވަސް ތެރޭ ހަ ފަހަރު، ދެމެދަށް 21 ދުވަސް ދޫކޮށްފައި، ކީމޯތެރަޕީ ދިނެވެ. ފަރުވާގެ ބޮޑު ބަޔަކީ އިންޖެކްޝަންތަކެވެ.
"މި ފަރުވާގެ އަސަރު އެކި މީހުންނަށް ކުރާނީ އެކި ގޮތަށް. އެކަކަށް ކުރެވޭ ތަޖުރިބާ އަނެކެއްގެ ތަޖުރިބާއާ މުޅިން ތަފާތު،" ކީމޯތެރަޕީގެ ގަދަ ވޭނާ ބެހޭ ގޮތުން މުހައްމަދު ވިދާޅުވި އެވެ.
"ހަށިގަނޑަށް ކުރިން ދުވަހަކު ވެސް ކުރެވިފައި ނުވާ ކަހަލަ އިހުސާސްތަކެއް ބޭސް ދޭ ދުވަހު ކުރެވޭ. ހޮޑުލާން ބޭނުންވެފައި ހޮޑު ނުލެވުން، ހަށިގަނޑުގައި ވަކި ކަހަލަ ތުރުތުރެއް ނުވަތަ ވައިބްރޭޝަނެއް ހުރުން، އާދަޔާޚިލާފަށް ރުޅިގަދަވުން ކަހަލަ ކަންތައްތައް."
ރުޅި މަޑު އަދި ރުޅިއަޔަސް އެކަން ކޮންޓްރޯލްކުރެއްވުމުގެ ގާބިލްކަން ބޮޑު މުހައްމަދުގެ މިޒާޖަށް އައި އެ ބަދަލުތަކުގެ ވާހަކަ އަކީ، ކެންސަރުގެ އެހެން ބަލިމީހުންގެ އާއިލާތަކަށް ވެސް އިބުރަތެކެވެ. ކެންސަރު ބަލިމީހުންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައުމަކީ ހަގީގަތެއްކަން ދެނެގަތުމެވެ.
"ބައެއް ކަންތައްތަކުގައި ވަރަށް ކެތްގަދަ މީހެއް އަހަންނަކީ. ބައެއް ފަހަރު ޚާއްސަކޮށް ބޭނުންވާ ލެވެލް އަށް ކަންތައް ނުވެއްޖެއްޔާ ހުންނާނެ ރުޅިއާދެވިފައި، އެއީ ކޮންޓްރޯލްކުރެވޭ އެއްޗެއް. އެކަމަކު މި ތަޖުރިބާގައި ދެތިން ފަހަރެއް އެބަ އޮތް، މިހާރުވެސް އަހަރެން ވިސްނާލައިފިއްޔާ ކީއްވެގެން ބާވައޭ އެ ވަރަށް އަހަރެން ރުޅިއައީ [އެހެން ހިތަށް އަރާ]،" މުހައްމަދު ކިޔައިދެއްވި އެވެ.
"ހީނުކުރާ ވަރަށް ހަށިގަނޑާ ކުޅެލާނެ މި ބޭސްތައް. ދުވަހަކު ވެސް ތަޖުރިބާ ނުކުރެވޭ ދަރަޖަައަށް. މީހަކު ބުންޏަސް ނޭނގޭނެ، ކިތައްމެ ވަރަކަށް ތައްޔާރު ވިޔަސް ނޭނގޭނެ އެކަމާ ކުރިމަތިލާކަށެއް."
މުހައްމަދު ވިދާޅުވި ގޮތުގައި އަތްމަތި ތަނަވަސް މީހުންނަށް ދުނިޔޭގެ ކޮންމެ ތަނަކުން ބޭސްކުރުމުގެ ފުރުސަތުތައް ގިނަ ވިޔަސް ކެންސަރު ކަހަލަ ބައްޔަކުން ސަލާމަތްވާން އޮތް އެންމެ ބޮޑު ބަޔަކީ އަމިއްލަ ހިތްވަރާއި އަޅުކަމުން ލިބިދޭ ރޫހާނީ ޔަގީންކަމެވެ.
"އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން،" މުހަައްމަދު ވިދާޅުވި އެވެ.
"ﷲ ސުބުހާނަހޫ ވަތަޢާލާ އަށް އެދެން ޖެހޭ ގޮތަށް އެދިފައި، އެ ފަރާތަށް އިތުބާރުކޮށްފައި، މިއީ ކުޑަ ކަމެއް ނޫނޭ، ބޮޑު ސިންގާ ކަމެކޭ މި އުޅެނީ ކުރިމަތިވެގެން އެކަމަކު ވެސް ތިމަންނަ މިއަށް ހިތްވަރުކޮށްގެން ހަނގުރާމަކޮށްފައި، ސަލާމަތުގެ އަައްސޭރިއަށް ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިޔާ ދެވޭނެއޭ، ގެންގޮސްދޭނީ ހެއްދެވި ފަރާތުގެ ވެސް ރުހުމާއި މިންވަރުފުޅާ އެއްކޮށްނޭ. އެއީ ބޭހާއި ކެއުމާއި ރެސްޓާއި ޑޮކްޓަރާއި ބަލިމީހާއާ އެ އޮންނަ ގުޅުމާ އެ ހުރިހާ އެއްޗިއްސާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު ކަމެއް."
މުހައްމަދަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފެނުނު ޚާއްސަ ތަރިންގެ ތެރެއިން އެކެކެވެ. އުމުރުން އެންމެ ހަތް އަހަރުން ފެށިގެން އޭނާގެ މައިގަނޑު އެއްޗަކީ ފުޓްބޯޅަ އެވެ. މަޖީދިއްޔާގައި ތައުލީމު ހާސިލްކުރެއްވި އިރު، ގައުމީ ޓީމަށް 1985 ގައި ކުޅުއްވި އެވެ. ނިއު ރޭޑިއަންޓްގެ ކެޕްޓަންކަމުގެ އިތުރުން އޭރު ސަރަހައްދީ ފުޓްބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށްވާ 1991 ގެ ކޮލަމްބޯ ސާފް ގޭމްސްގެ ރިހި މެޑެލް ހޯދި ގައުމީ ކެޕްޓަނަކީ ވެސް އޭނާ އެވެ. ނިއު ރޭޑިއަންޓްގެ ކޯޗުކަން ކުރެއްވި އެވެ. ތައުލީމީ އަދި ވިސްނުން ތޫނު މި ކުޅުންތެރިޔާގެ ހަޔާތުގައި އުފަލާއި ހިތާމަ، އެހެން މީހުންނެކޭ އެއްގޮތަށް، ކުރިމަތިވި އެވެ. އެކަމަކު ކެންސަރަކީ މުޅިން ތަފާތު ތަޖުރިބާއެކެވެ. އޭނާގެ ހަޔާތުގެ އެކި އިހުސާސްތަކުގެ ތެރެއިން ކިޔައިދެއްވި އެވެ.
"ބައްޕައަކަށް ވީމާ އެކުރެވޭ އިހުސާސްތަ[ކުގެ] ވާހަކަ [މީހަކު] ދެއްކީމާ އާ މިދޯއޭ މި ބުނާ ވާހަކަ އަކީ. އެކަމަކު ބައްޕައަކަށް ވީމާ އަދި މުޅިން އެހެން ގޮތަކަށް އިހުސާސްކުރެވެނީ [އެކަން]. އެހެންވެ ދަރިފުޅު ލިބުނު ދުވަހަކީ ހަޔާތުގެ އާދަޔާ ޚިލާފު ދުވަހެއް."
"ވަރަށް ގާތުން ވަރަށް ގިނަ ދުވަހު މަސައްކަތްކުރެވުނު މީހެއް ބައްޕަައަކީ. އަހަރެންގެ ހަޔާތުގައި އަހަރެންގެ ހަމައެކަނި ބޮސް އެއީ. ބައްޕައާ އެކު ހޭދަކުރެވުނު ދުވަސްތަކަކީ ވިޔަފާރީގެ މައުލޫމާތުތައް، ދުނިޔެވީ އެހެން ކަންތައްތަކާއި އިންސާނާގެ ގޮތުންނާއި ވަރަށް ގިނަ ގޮތްގޮތުން ލިބުނު ފިލާވަޅެއް. ބައްޕަ ދުނިޔެ ދޫކުރި ދުވަހަކީ ވަރަށް ގިނަ ވިސްނުންތައް ވިސްނަން މަޖުބޫރުކުރުވި ދުވަހެއް."
"ސުނާމީ އައިއިރު ކުޑަކުޑަ ރަށެއްގައި [ދަތުރު ގޮސް ހުރީ]. ރާޅަކާ އެއްކޮށް މޫދަށް ވެސް އެއްލައިލި ދުވަހެއް. އެއީ ވެސް ވަރަށް ބޮޑު ތަޖުރިބާއެއް."
"މި ހުރިހާ އެއްޗިއްސަކަށް ވުރެ ވެސް ބޮޑަށް އިތުރު ސުވާލުތައް ކުރުމާއި ހަޔާތުގެ ކުދި ކަންތައް، ބޮޑެތި ކަންތައް މުހިންމު ނޫން ކަންތައްތައް، ދެން ކުރާނެ ކަންތައްތައް، ނުކުރާނެ ކަންތައްތައް، މި ކަހަލަ ވަރަށް ފުޅާ ދާއިރާއެއްގައި ސުވާލުކުރަން އިންސާނާ އަށް ފުރުސަތު ލިބޭ ކަމެއް މިއީ، ކެންސަރަކީ."
އެކަމަކު މިހާރު ކެންސަރަކީ މަރު ބައްޔެއް ނޫންކަން، އެންމެންނަށް ހަނދާންކޮށްދެއްވަން މުހައްމަދު ބޭނުމެވެ. ހިތްވަރާ އެކު ކުރިމަތިލައި، އުއްމީދާ އެކު މަސައްކަތްކޮށްފި ނަމަ މި ބަލިން ސަލާމަތްވާނެކަން ބުނެދޭން ވެސް އޭނާ ބޭނުންވެ އެވެ.
މިއަދު މުހައްމަދީ، އަނެއްކާވެސް ރަނގަޅު ސިއްހަތެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާގެ ޝުކުރު އަނބިކަނބަލުން ފަތީނާ އާއި މަންމަ އާއި އާއިލާގެ އެންމެންނަށް ޚާއްސަ އެވެ. އަދި އެކި ގޮތްގޮތުން އޭނާ އަށް ހެޔޮ ދުއާކުރި އެތައް ބަޔަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ސޮނީ ސްޕޯޓްސް ފޭސް 2 އަށް، ބޮޑެތި ޑިސްކައުންޓްތަކެއް
ކެންސަރުގައި ހީނާ: ވެއްޓޭ ކޮންމެ ފަހަރަކު ތެދުވޭ!
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި
ސޮނީ ސްޕޯޓްސް އިން "ނައިކީ" އަށް ހާއްސަކުރި ފިހާރަ
3 އަހަރުން 7500 މީހަކު ކެންސަރަށް ފަރުވާ ހޯދި
ނުވަ އަހަރުގައި އޯވަރީ ކެންސަރު: އާއިލާ ހާސްކަމުގައި!
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަނީ
އަހަރު ނިންމާލަން ސޮނީގެ ބޮޑު ސޭލެއް
ކެންސަރު ސެންޓަރު ހުއްޓަސް ރޭޑިއޭޝަން ދެވޭކަށް ނެތް
ކެންސަރަށް ފަރުވާ ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ