08 ފެބުރުއަރީ 2022
ކެންސަރަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުރި ނަމަވެސް ރޭޑިއޭޝަން ތެރަޕީ ނުފެށި ލަސްވަނީ ބާރުގަދަ ކެމިކަލްތައް ބޭނުންކުރާނެ ތަނެއް ނެތުމުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.
ކެންސަރަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުރި ނަމަވެސް ރޭޑިއޭޝަން ތެރަޕީ ނުފެށި ލަސްވަނީ ބާރުގަދަ ކެމިކަލްތައް ބޭނުންކުރާނެ ތަނެއް ނެތުމުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން އޮކްޓޯބަރު 2017 އިން ފެށިގެން ކެންސަރު ސެންޓަރެއް ހުޅުވައި އެ ބައްޔަށް ފަރުވާ ދެމުންނެވެ.
ނަމަވެސް ރޭޑިއޭޝަން ތެރަޕީ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބަކުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހެ އެވެ. އެއީ، އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކެންސަރު ފަރުވާ ދިނުމަށް ޖުލައި 21، 2016 ގައި އެންމެ ފުރަތަމަ ސޮއިކުރީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލާއެކުގަ އެވެ. އެ ރަސްމިއްޔާތުގައި މަނިޕާލް ހޮސްޕިޓަލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. އަޖޭ ބަކްޝީ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރޭޑިއޭޝަންގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ނަމަވެސް އެ ނިންމުން ބަދަލުކުރުމަށްފަހު ކެންސަރު ފަރުވާ ދިނުމަށް އެންމެ ފަހުން ސޮއިކުރީ އަމްރިތާ ހޮސްޕިޓަލާ ގުޅިގެންނެވެ.
ހުޅުމާލެ ކެންސަރު ސެންޓަރުގެ ވޯޑު މެނޭޖަރު ފާތިމަތު އިހްސާނާ "މިހާރު" އަށް އިއްޔެ ވިދާޅުވީ ރޭޑިއޭޝަން ތެރަޕީ ފެށުމަށް މީގެ ކުރިން ވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ކެންސަރު ސެންޓަރު މި ވަގުތު ހުރި ތަނުގެ ގޮތުން އެކަން ކުރިއަށްގެންދެވޭ ގޮތް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭޑިއޭޝަން ތެރަޕީ ދިނުމަށް ބާރުގަދަ ކެމިކަލް ބޭނުންކުރާތީ، އެ ފަރުވާ ދޭ އިމާރާތުގެ ފާރުތައް ވެސް ހުންނަން ޖެހެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަކި ގައިޑްލައިނަކަށެވެ. އެއީ އޭގެ އަސަރު އެހެން މީހުންނަށް ކުރާ މިންވަރު ވީހާ ވެސް ކުޑަކުރުމަށެވެ. އެ ފަރުވާއަށް ހުއްދަ ލިބޭނީ އޭގެ ފަހުންނެވެ.
އިހްސާނާ ވިދާޅުވީ ރޭޑިއޭޝަން ތެރަޕީ ދިނުމަށް އާ އިމާރާތެއް އެޅުމަށް ކުރިން ބިމެއް ހަމަޖެއްސުމުގެ ކަންކަން ވެސް ކުރި ކަމަށެވެ. ނަމަވެސް އެކަން ވެސް ވަކި ހިސާބަކުން ހުއްޓިގެން ދިޔައީ އެވެ.
އަމްރިތާއާ ގުޅިގެން ކެންސަރު ސެންޓަރުން އަންނަނީ އޮންލައިން ކޮންސަލްޓޭޝަނާއި ކީމޯތެރަޕީ ދެމުންނެވެ.
ކެންސަރަށް ފަރުވާ ދޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކަމަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަކި ހޮސްޕިޓަލެއް އިމާރާތްކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ލ. ގަމުގައި އަޅަން ހަމަޖައްސާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އައި ނަމަވެސް އޭގެ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. އެހެންވެ، އެ ހޮސްޕިޓަލްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.
ހުޅުމާލެ ކެންސަރު ސެންޓަރަށް ދައްކާ މީހުންގެ ނަމްބަރުތަކަށް ބަލައި އިހްސާނާ ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ހާލަތު އޮތީ ރެޑް އެލާމިންގަ އެވެ.
"ރޭޑިއޭޝަން ފެށުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. މީގެ ކުރިން ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިގެން ދިޔައީ އެކަން ގެންދެވޭނެ ގޮތެއް ބެލުމަށް. އެކަމަކު މީހުން ބައިބޯ ތަނެއްގައި ރޭޑިއޭޝަން ފަރުވާ ދެވޭނެ ގޮތެއް ނެތް، އެ ކެމިކަލްތަކަށް އެހެން މީހުން އެކްސްޕޯސް ވެދާނެތީ. އަދި އަޔޮޑިން ވޭސްޓާއި ބާރުގަދަ ބޭސް ނައްތާލެވޭނެ ރަނގަޅު ނިޒާމެއް އަދި ވެސް ނެތް،" އިހްސާނާ ވިދާޅުވި އެވެ.
"އެ ގޮންޖެހުންތަކާ ގުޅިގެން ރޭޑިއޭޝަން ތެރަޕީ ނުފެށިގެން އުޅެނީ."
އެ ސެންޓަރުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކެންސަރަށް ފަރުވާ ހޯދުމަށް 769 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެ މީހުންގެ އުމުރު އުޅެނީ 1-80 އަހަރާ ދެމެދުގަ އެވެ. ނަމަވެސް ފަރުވާ ހޯދާ މީހުންގެ އެވްރެޖް އުމުރަކީ 30-60 އަހަރެވެ.
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ކެންސަރު ބަލި މިއަށްވުރެ ސީރިއަސްކޮށް ނަގަންވެއްޖެ
އަޔަން ހުރިވަރު މޮނީޓާކުރާ ހިދުމަތް ފަށައިފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
ކެންސަރުގައި ހީނާ: ވެއްޓޭ ކޮންމެ ފަހަރަކު ތެދުވޭ!
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ