Roadha Mihaaru
ކެންސަރުގައި ހީނާ: ވެއްޓޭ ކޮންމެ ފަހަރަކު ތެދުވޭ!

ކެންސަރުގައި ހީނާގެ ހިތްވަރު: ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ، ކުރިއަށް!

04 ފެބުރުއަރީ 2024

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަވަމުން ދިޔަ ދުވަސްވަރެވެ. އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށް، ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތް ވަގުތު ހީނާ ވަލީދަށް ހީވީ އޭނާގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ، މާޔޫސްވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަވަމުން ދިޔަ ދުވަސްވަރެވެ. އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށް، ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތް ވަގުތު ހީނާ ވަލީދަށް ހީވީ އޭނާގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ، މާޔޫސްވި އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ޓީވީ ޕްރެޒެންޓަރު ހީނާ، މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހެއްދެވި ފަރާތަށް ހުރިހާ ކަމެއް ވަކީލުކޮށް ބަލިން ސަލާމަތްވާން އަވަހަށް ފަރުވާ ފެށިއަސް އެއީ ކިހާ ވަރެއްގެ ވޭން ހުރި ކަމެއްކަން ކުޑަކޮށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު، ހީނާ ވިދާޅުވި ގޮތުގައި އޭނާގެ އަޒުމަކަށް ވީ ވެއްޓޭ ކޮންމެ ފަހަރަކު ތެދުވުން ކަމަށެވެ.

ބައެއް ދުވަސް ދުވަހު ކޮޅަށް ތެދުވާނެހާ ހިތްވަރު ނެތަސް އަނެއް ދުވަހު މަސައްކަތަށް ނުކުންނަވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ ހީނާ

އެންސްޕާގެ ސީއީއޯ ހީނާ

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ތަރުޖަމާނުކަން ވެސް ކުރައްވާ ހީނާ ވިދާޅުވީ ކީމޯ އައިވީގެ ކޮންމެ ތިއްކެއް ހަށިގަނޑުގެ ތެރެއަށް ވަދެ، ދިފާއީ ނިޒާމާއި ހެދިބޮޑުވަމުން ދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުން ދިޔަ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، މުޅި މީހާ އެއްކޮށް ދުޅަވެ، ކާ އެއްޗެހީގެ ރަހަ ބަދަލުވެ، ނުކެވޭ ގޮތް ވާން ފެށި އެވެ.

ބާރު ގަދަ ފަރުވާއާ އެކު، ބޮލުގެ އިސްތަށިތައް ވެސް އިސާހިތަކު ފައިބައިގެން ގޮސް، ގައިގެ މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި ވެސް ގަދައަށް ރިއްސަން ފެށި ކަމަށް، އެ ޕޯސްޓުގައި ވެ އެވެ. އެކަންކަމާ ހެދި އަމިއްލަ ނަފުސާ މެދު ދެކެމުން އައި ގޮތް ބަދަލުވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެލްފް ކޮންފިޑެންސް މަޑުމަޑުން ދާން ފެށި ކަހަލަ އެވެ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެންނެވެ. މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. ކީމޯއަށް ފަހު ރޭޑިއޭޝަންގައި އެއް މަސް ދުވަސް ހޭދަކުރީމެވެ. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަނަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއް ނޫނެވެ،" ހޮސްޕިޓަލާއި ފަރުވާ ހޯދަނިކޮށް ނަގާފައިވާ ފޮޓޯތަކަކާ އެކު ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލިވިޔަސް އަދި ގައިގައި ވަރުނެތަސް ހަރަކާތްތެރިވުން އިތުރު ކުރެއްވީ އެވެ. ބައްޔާ މެދު ގެންގުޅުއްވީ ޕޮޒިޓިވް ވިސްނެވުމެކެވެ. ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކި ކަހަލަ ނެގެޓިވް ހިޔާލުތަކާއި ފިކުރުތަކުން ދުރަށް ވަޑައިގަތުމަށް ހިތާއި ސިކުނޑިއާ ދެކޮޅަށް މަސައްކަތް ކުރެއްވީ އެވެ.

"އަޅުގަނޑު ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލަ އަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށީމެވެ،" ހީނާ ވިދާޅުވި އެވެ.

އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯދަމުން އަންނަ ފަރުވާއާ އެކު، ހީނާ ދެއްވި މެސެޖަކީ، ކެންސަރަކީ ނުރައްކާތެރި ބައްޔެއް ކަމެވެ. ވޭންދެނިވި އަދި ބިރުވެރި ކަމެއް ކަމަށެވެ. މާދަމާ ވެސް ވާނެ ގޮތެއް ނޭނގުނަސް އުއްމީދު ކަނޑާ ނުލައި ކެތްތެރިވެ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރުމުގެ ހިތްވަރެވެ.

ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަންކޮށް، އަމިއްލަ މީހާ ނޫން އެހެން އެއްވެސް މީހަކަށް އެ އިހުސާސްތައް ދެނެގަންނަން އުނދަގޫވާނެ ކަން ވިސްނުން ވެސް ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެންމެ މުހިއްމު ކަމެއް ކަމަށް ހީނާ ފާހަގަކުރެއްވީ، ހެއްދެވި ފަރާތަށް ގިނަގިނައިން ދުއާކުރުމެވެ.