Roadha Mihaaru
ކެންސަރު ބަލީގެ މީހުންގެ ކޮވިޑްގެ އަލާމާތް ތަފާތުވެދާނެ

ކެންސަރު ބަލީގެ މީހުންނަށް ކޮވިޑް ޖެހިއްޖެ ނަމަ އަލާމާތްތައް ތަފާތު ވެދާނެ: ޑރ. ޝިފާން

19 މެއި 2020

ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް، ކޮރޯނާވައިރަސްގެ އަސަރުކޮށްފި ނަމަ އެ ބަލީގެ އަލާމާތްތައް ތަފާތު ވެދާނެ ކަމަށް، އޮންކޮސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް، ކޮރޯނާވައިރަސްގެ އަސަރުކޮށްފި ނަމަ އެ ބަލީގެ އަލާމާތްތައް ތަފާތު ވެދާނެ ކަމަށް، އޮންކޮސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން، ކެންސާ ސޮސައިޓީން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި، ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރު ޝިފާން ވިދާޅުވީ އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި ހައި ރިސްކު ގުރޫޕެއް ހިމެނޭ ކަމަށެވެ. އެއީ ލޭގެ ކެންސަރަށް ފަރުވާ ހޯދާ މީހުންނާއި މިހާރު ރޭޑިއޭޝަން ނަގާ މީހުންނާއި ޓާގެޓެޑް ތެރަޕީތައް ނަގާ މީހުންގެ އިތުރުން، ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ބައްޔަށް ފަރުވާ ހޯދާފައިވާ މީހުންނެވެ.

ޑރ. ޝިފާން ވިދާޅުވި ގޮތުގައި، އެއީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު، ފަސޭހައިން އެ ބަލި ޖެހިދާނެ ކަމަށް ބެލެވޭ މީހުންނެވެ.

ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ ނަމަ، އެހެން އާއްމު މީހުންގެ ގައިން ނުފެންނަ ފަދަ އަލާމާތްތަކެއް ފެނިދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ކޮރޯނާވައިރަސްގެ އަސަރުކޮށްގެން އަލާމާތްތަކުގެ ގޮތުގައި އާއްމުކޮށް ދިމާވަނީ ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުން ފަދަ ކަންކަމެވެ.

"އެކަމަކު ކެންސަރަށް ފަރުވާ ހޯދާ ހާއްސަ ކެޓަގަރީގެ މީހުންނަށް ދިމާވަނީ ވަރުދެރަވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތަކެއް. އެހެންވެ، ފަހަރެއްގައި ހީވެދާނެ އެއީ ކީމޯތެރަޕީގެ ސަބަބުން ވާކަމެއް ކަމަށް ވެސް،" ޝިފާން ވިދާޅުވި އެވެ.

ކެންސަރު ބަލީގެ ޚާއްސަ ޑޮކްޓަރު ޝިފާން ކުރިން "މިހާރު" އާ ވާހަކަ ދައްކަވަނީ.

ކެންސަރު ބަލީގެ ޚާއްސަ ޑޮކްޓަރު ޝިފާން ކުރިން "މިހާރު" އާ ވާހަކަ ދައްކަވަނީ.

ކީޕޯތެރަޕީ ނަގާއިރު އާއްމުކޮށް ވަރަށް ބޮޑަށް ބަލިވެ އެވެ. ބޭރަށް ހިންގުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަން ދިމާވެ އެވެ.

"އެހެންވެ، މި ފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަކާ މަޝްވަރާ ކުރުން ވަރަށް މުހިއްމު،" ޑޮކްޓަރު ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ހޯދާ މީހުންނަކީ ރިސްކީ ބައެއްކަން ފާހަގަ ކުރައްވައި ޝިފާން ވިދާޅުވީ ހޮސްޕިޓަލަށް ދިއުމާއި ބޭރުތެރެއިން ހިދުމަތް ހޯދުމުގައި ވެސް އެ މީހުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން ވީހާ ވެސް މަދުން ހޮސްޕިޓަލަށް ދިއުމާއި ތާވަލް ކޮށްފައިވާ ގޮތަށް ލޭގެ ޓެސްޓެއް އޮތް ނަމަވެސް، ފަރުވާ ދޭ ޓީމާ ވާހަކަ ދައްކައިގެން އެކަމަށް ވަކިގޮތެއް ހަމަޖެއްސުން މުހިއްމު ކަމަށް ވިދާޅުވި އެވެ. ގިނަ މީހުންނާއެކު ހޮސްޕިޓަލަށް ނުދިއުމާއި މާސްކު ބޭނުން ކުރުމާއި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު ކެންސަރަށް ފަރުވާ ހޯދާ ހާއްސަ ކެޓަގަރީގެ މީހުންނަށް ދިމާވަނީ ވަރުދެރަވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތަކެއް. އެހެންވެ، ފަހަރެއްގައި ހީވެދާނެ އެއީ ކީމޯތެރަޕީގެ ސަބަބުން ވާކަމެއް ކަމަށް ވެސް،" ޝިފާން ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ހޯދާ މީހުން ހޮސްޕިޓަލަށް ނުގޮސް ޑޮކްޓަރަށް ދިއުމަށް، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ވަނީ އޮންލައިންކޮށް ކޮންސަލްޓޭޝަން ހަމަޖައްސާފަ އެވެ. އޭގެ ޒަރީއާއިން ޑޮކްޓަރުންނާ ބައްދަލުކޮށް، ބޭސް ލިޔެދީ، އެ ބޭސް އެ މީހަކަށް ފޯރުކޮށްދޭނެ ނިޒާމު ހަމަޖައްސާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ އާއްމުކޮށް މީހުން މަރުވަނީ ކެންސަރު ބަލީގަ އެވެ. އެ ބަލީގައި މަހަކު އެވްރެޖްކޮށް 53 މީހުން އައިޖީއެމްއެޗުގައި ރަޖިސްޓަރީ ވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އަދިވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 1،106 މީހަކަށް ބަލި ޖެހިފައިވާއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ރާއްޖެ އިން ރަނގަޅުވީ 74 މީހެކެވެ.