Roadha Mihaaru
ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ ރައީސާ އެކު"

ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ މާ ޗާލުކޮށް އޮތީ ރައީސާ އެކު"

06 ސެޕްޓެމްބަރ 2023

"ރައީސް ނަޝީދުގެ އެންމެ ޗާލާ ޒަމާނުގައި ވެސް މި ވަރުގެ ސަފެއް ނުދެކެން،" އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ގޭޓާ ހަމައިން ފެށިގެން އިކުއެޓާ ވިލެޖް ހޮޓަލާ ހަމައަށް ދަމާލާފައި ރަންރީނދޫ ކުލައިގެ ސަފުގައި ހުރި އެމްޑީޕީގެ ސަޕޯޓަރަކު ބުންޏެވެ.

ނާޒިމް ހަސަން އައްޑޫ އިން ނާޒިމް ހަސަން

"ރައީސް ނަޝީދުގެ އެންމެ ޗާލާ ޒަމާނުގައި ވެސް މި ވަރުގެ ސަފެއް ނުދެކެން،" އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ގޭޓާ ހަމައިން ފެށިގެން އިކުއެޓާ ވިލެޖް ހޮޓަލާ ހަމައަށް ދަމާލާފައި ރަންރީނދޫ ކުލައިގެ ސަފުގައި ހުރި އެމްޑީޕީގެ ސަޕޯޓަރަކު ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕެއިންގައި މިރޭ 7:00 ހާއިރު އައްޑު އަށް ވަޑައިގެންނެވި އެވެ. އޭރު އެ މަނިކުފާނުގެ އިންތިޒާރުގައި މުޅި ގަމުގެ ކޮޅުންކޮޅަށް ސަފު ހަދައިގެން މީހުން ތިބޭތާ ދެތިން ގަޑިއިރު ވެއްޖެ އެވެ.

އެ ސަފުގައި ތިބި އެންމެންނާ ރައީސް ސަލާން ކުރައްވައި ނިންމައިލެއްވުމަށް ގާތްގަނޑަކަށް ދޮޅުގަޑިއިރު ހޭދަކުރެއްވި އެވެ.

"އަފިރިން އިބޫ ދެވަނަ ދައުރަކަށް ހޮވަން މި ހިނގަނީ، އަފިރިން ވަރަށް ހިތްހަމަޖެހޭ މި ސަރުކާރާ މެދު. މި އައްޑޫ ސިޓީ އަށް ކޮށްދިން އެތައް ކަމެއް. އެ ކަންކަން ކުރިއަށް ގެންދަން އަފިރިން ބޭނުންވަނީ އިބޫ ދެވަނަ ދައުރަކަށް ހޮވަން،" ވަރަށް ޖޯޝުގައި ރައީސަށް ތަރުހީބު ދެމުން ފަޒީލާ ބުންޏެވެ.

ފަޒީލާ: ރައީސް އެއްބުރުން އައްޑޫން ހޮވާނެ ކަމަށް ބުނި

ފަޒީލާ: ރައީސް އެއްބުރުން އައްޑޫން ހޮވާނެ ކަމަށް ބުނި

ޝަޒުނާ ވެސް ކިޔައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫގެ އެހާ ބޮޑު ތާއިދެއް އޮތް ސަބަބު ލިސްޓަކުންނެވެ. މަގުތަކުގައި ތާރު އަޅައި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފި އެވެ. ބިން ހިއްކައި ގޯތި ދީފި އެވެ. ހިލޭ ޑިގްރީ އަށް ޒުވާނުން ކިޔަވަނީ އެވެ.

"ކުރީ ސަރުކާރުން ނުކޮށްދޭ އެތައް ކަމެއް މި ސަރުކާރުން ކޮށްދީފި. އިބޫ ހަމަ އެއްބުރުން،" ޝަޒުނާ، ހެވިފައި ބާރަށް ގޮވާލި އެވެ.

ޝަޒުނާ: އޭނާ ކިޔައިދިނީ ރައީސަށް ތާއިދު ކުރާ ސަބަބުތައް

ޝަޒުނާ: އޭނާ ކިޔައިދިނީ ރައީސަށް ތާއިދު ކުރާ ސަބަބުތައް

އާދާޔާ ހިލާފު ޖޯޝަކާއި ފޯރިއެއްގައި ތިބި މީހުންނާ ސަލާން ކުރައްވަމުން ރައީސް ގެންދެވިއިރު އެ މަނިކުފާނުގެ މޫނުފުޅު މަތިން ވެސް ވަރަށް ބޮޑު އުފަލެއް ފެނިގެންދިޔަ އެވެ. ކޮންމެ މީހަކާ ވަކިވަކިން ސަލާން ކުރައްވައި ސެލްފީ ނަންގަވަމުން ކުރިއަށް ވަޑައިގަންނަވަމުން ދިޔައިރު، ކުރިމަތީގައި ލަވަ ޖަހައި ނަށަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަރަށް ފޯރި ނެންގެވި އެވެ.

ނިހާދު އެއްފަރާތް ކޮށްލައި، "މިހާރު" އިން ސުވާލުކޮށްލުމުން ވިދާޅުވީ، މިއީ ތާރީހުގައި ވެސް އައްޑޫ އިން ރައީސަކަށް ކީ އެންމެ ހޫނު މަރުހަބާ ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނާނެ މި ސަފު. ޓާމިނަލުން ފެށިގެން މި އޮތީ. ދެ ލައިން ތިން ލައިނަށް ބޮނޑިވެގެން ރައްޔިތުން މި ތިބީ ވެސް. މިއީ އައްޑޫގެ ހިސްޓްރީގައި ސިޔާސީ ބޭފުޅަކަށް، ރައީސަކަށް ވެސް، ޕާޓީގެ ރައީސަކަށް ވިޔަސް މަރުހަބާ ކިޔަން އެންމެ ގިނަ ރައްޔިތުން ނުކުތް ފުރަތަމަ ފަހަރު،" ނިހާދު ވިދާޅުވި އެވެ.

ރައީސް މިރޭ އައްޑޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: އައްޑޫ އިން ބޮޑު ތާއިދެއް ދޭނެ ކަމަށް ސަޕޯޓަރުން ބުނި

ރައީސް މިރޭ އައްޑޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: އައްޑޫ އިން ބޮޑު ތާއިދެއް ދޭނެ ކަމަށް ސަޕޯޓަރުން ބުނި

ނިހާދު ވިދާޅުވީ އައްޑު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށެވެ. ބައްޕައަކު ދަރިއަކަށް ކޮށްދެއްވާ ވަރަށް އެ މަނިކުފާނުގެ ވެރިކަމުގައި އައްޑު އަށް ކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. މި ދައުރުގެ ތެރޭ 500 އެތައް މިލިއަނެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގައިފި ކަމަށް ނިހާދު ވިދާޅުވި އެވެ.

"އެއީ މަގަށް ބެއްޔަސް، އެއާޕޯޓަށް ބެއްޔަސް ބޯހިޔާވަހިކަމަށް ބެއްޔަސް، މިސްކިތްތަކަށް ބަނދަރުތަކަށް ބެއްޔަސް މިހެން ގޮސް ލިސްޓް ވަރަށް ދިގު. އެހެންވެ އައްޑޫ ސިޓީގެ ރައްޔިތުން މި ތިބީ ރައީސް 76 ޕަސެންޓުން ނަގައިދިނުމަށް ނުކުމެ. 76 ޕަސެންޓް،" އަޑަށް ބާރުލައްވައި ނިހާދު ވިދާޅުވި އެވެ.

މެންބަރު ނިހާދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ރައީސަށް ކީ މިހާތަނަށް އައްޑޫ ސިޔާސީ ބޭފުޅަކަށް ކީ އެންމެ ހޫނު މަރުހަބާ ކަމަށް ވިދާޅުވި

މެންބަރު ނިހާދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ރައީސަށް ކީ މިހާތަނަށް އައްޑޫ ސިޔާސީ ބޭފުޅަކަށް ކީ އެންމެ ހޫނު މަރުހަބާ ކަމަށް ވިދާޅުވި

ނިހާދު ވިދާޅުވީ އަލުން އަނިޔާވެރިކަމަށް ގޮސް، ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށް އައްޑޫ މީހުން ބޭނުން ނުވާ ކަމަށެވެ. އައްޑޫގެ ތަރައްގީ އަށް ހުރަސްއެޅޭނެ ހަމަ އެއްވެސް ކަމެއް ރައްޔިތުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މި ތިބީ ރައީސް އާއި އައްޑޫ އަސްލަމަށް މަރުހަބާ ކިޔަން ނުކުމެ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ބޭފުޅެއް ކަމަށްވާ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ހުންނެވީ އައްޑޫން ސަރުކާރަށް އޮތް ތާއިދާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފަލުންނެވެ.

"މިހާރު މި ފެންނަނީ އަޅުގަނޑުމެން ފާއިތުވި ފަސް އަހަރު ކުރަމުން އައި މަސައްކަތް އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަން އަދި ރައީސް އިބޫ އިންތިހާބު ކުރަން ތައްޔާރަށް ތިބިކަން. އެއްބުރުން ރައީސް އިންތިހާބު ކުރާނެ މަންޒަރު ވަރަށް ސާފުކޮށް މި ތަނަށް ބަލާލިޔަސް އެބަ ފެނޭ،" ޝައުނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އައްޑޫ ކާމިޔާބު ކުރާނީ 60 ޕަސެންޓަށްވުރެ މަތިން."

ޝައުނާ މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ފަސް އަހަރުގެ ނަތީޖާ އައްޑޫ ފެނިއްޖެ ކަމަށް ވިދާޅުވި

ޝައުނާ މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ފަސް އަހަރުގެ ނަތީޖާ އައްޑޫ ފެނިއްޖެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވެދެއްވީ އައްޑު އަށް މި ސަރުކާރުން ގެނައި ބޮޑު ބަދަލާއި ރައްޔިތުން މި ސަރުކާރާ މެދު އެހާ ހިތްހަމަޖެހޭ ސަބަބުތަކެވެ. އައްޑު އަށް ލިބުނު އުމްރާނީ ތަރައްގީތައް އޮތީ ދީދީގެ ލިސްޓްގެ އެންމެ ކުރީގަ އެވެ. އެ އަޅާކިޔުން އޭނާ ފެއްޓެވީ 20 އަހަރު ކުރިންނެވެ.

އައްޑޫ، އަދި ހާއްސަކޮށް ހިތަދޫ އަށް އޮތް އެންމެ ބޮޑު ތަކުލީފަކީ މަގުތަކުގައި ފެން ހެދުމުގެ މައްސަލަ އެވެ. ދެހާހުގެ ކުރީކޮޅު ލިންކް ރޯޑް ހެދި ފަހުން ހުޅަނގު މޫސުމުގައި ސިފައިން ނުކުމެ ފެން ހިންދަން ނުޖެހޭ އިރެއް ހަނދާނެއް ނެތެވެ. ގޭގެ ސާމާނުތައް ހަލާކުވެ، ނަޖިސް ފެން ގޭ ތެރެއަށް ވަދެ، ފާހަނަތަކުން ނަޖިސް އެރުން ފަދަ ހާލެއްގައި އައްޑޫ މީހުން އުޅުނުކަން ދީދީ ފާހަގަކުރެއްވި އެވެ.

އެކަމަކު، މިހާރު އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މި ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަގުތައް އެއްކޮށް ނުނިމުނަސް، ފެން ހިނދާ ނިޒާމު ގާއިމް ކުރެވިގެންދާތީ މިހާރު ކުރިން ބޮޑުވާ މިންވަރަށް ފެން ބޮޑު ނުވެ އެވެ. އެ އިން ވެސް އެނގެނީ މަގުތައް އެއްކޮށް ނިމި، ޕަންޕުތައް މަސައްކަތް ކުރަން ފެށުމުން މައްސަލަ އެއްކޮށް ހައްލުވާނެކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މިރޭ އައްޑޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: އައްޑޫ އިން ބޮޑު ތާއިދެއް ދޭނެ ކަމަށް ސަޕޯޓަރުން ބުނި

ރައީސް މިރޭ އައްޑޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: އައްޑޫ އިން ބޮޑު ތާއިދެއް ދޭނެ ކަމަށް ސަޕޯޓަރުން ބުނި

"ކިހިނެއްތޯ ކުރިން އައްޑޫ ރައްޔިތުން އުޅުނީ. ތަނބިކައްޓާ ހަމައަށް ފެންގަނޑު އޮންނަނީ. ފަތިހު މިސްކިތަށް ނުކުންނަ މުސްކުޅި މީހާ ވެސް ފެންގަނޑު ތެރެއަށް ވެއްޓި ކޮން ފަދަ އަނިޔާއަކާއި ދަތި އުނދަގުލެއްގައިތޯ އުޅުނީ. އެކަމަކު މިހާރަކު އެގޮތަކަށް ފެން ބޮޑެއް ނުވޭ. މިއީ މި ދައްކާ ތަފާތަކީ،" ދީދީ ވިދާޅުވި އެވެ.

"މީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ގޮސްފި."

މަގުތަކުގައި ތާރު އެޅުމާއި ކުނި މެނޭޖްކުރުމާއި ބިން ހިއްކައި ރިސޯޓްތައް ތަރައްގީ ކުރަން ފަށަން ތައްޔާރުވަމުންދާ ތަން މިހާރު އަންނަނީ ރައްޔިތުންނަށް ފެންނަމުން ކަމަށް ދީދީ ވިދާޅުވި އެވެ. އެފަދަ ބޮޑެތި، ބައިވަރު ކަންކަން އައްޑު އަށް މި ސަރުކާރުން ގެނައުމަކީ، ރައީސަށް މިހާ ބޮޑު ތާއިދެއް އޮތް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އައްޑޫ އަށް ވީ ގިނަ ވައުދުތައް މިއޮތީ ލޮލަށް ފެންނަން،" ދީދީ ވިދާޅުވި އެވެ.