Roadha Mihaaru
ބޭބެ މަރާލި ކަމަށް ކޯޓުގައި ކޮއްކޮ އެއްބަސްވެއްޖެ

ބޭބެ މަރާލުމުގެ ދައުވާއަށް ކޯޓުގައި ކޮއްކޮ އެއްބަސްވެއްޖެ

31 އޯގަސްޓް 2023

އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ދައުވާލިބޭ މީހާ ކްރިމިނަލް ކޯޓުގައި މިއަދު އެކަމަށް އިއުތިރާފްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލިކަމުގެ ދައުވާލިބޭ މީހާ ކްރިމިނަލް ކޯޓުގައި މިއަދު އެކަމަށް އިއުތިރާފްވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ސ. މަރަދޫ ފޭދޫގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އެރަށު ބްލޫސްޓާ ހުސައިން މަވާޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ މާރާމާރީއެއްގައި ވަޅިއަކުން ހަމަލާދީ އޭނާ ބޭބެ އަހުމަދު ޝުއަައިބު މަރާލި މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުގައި މަވާޒުގެ ޝަރީއަތް މިއަދު ފެށުމާ އެކު، އޭނާ ވަނީ ކޯޓުގައި އެ ކުށަށް އިއުތިރާފްވެ އަދި އެ ހާދިސާ ހިނގިގޮތް ކިޔައިދީފަ އެވެ. އަދި އެކަމާ މެދު ހިތާމަކުރާ ކަމަށާއި އެކަމަށް ތައުބާ ވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މަވާޒު ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އޭނާއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ އެއްބަސްވުން ދަމަހައްޓަން މަވާޒް ބޭނުންވޭތޯ ބެލުމާއި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

އިއުތިރާފް އެއްބަސްވުން އޮތްގޮތުން މަވާޒުގެ މައްޗަށް އޮންނާނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ބަލައިގަތުމަށް ނިންމާ ހާލަތުގައި އެއާ އެއްގޮތަށް އަދަބު ކަނޑައަޅާނެ އެވެ. ނަމަވެސް އެއްބަސްވުން ދަމަހައްޓަން ބޭނުންނުވާނަމަ އަދި އެހެން ހެކިތަކުން ކުށް ސާބިތުވާނަމަ އަދަބު ބޮޑުވާނެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަދަބު ކަނޑައެޅުމުގެ މަޖިލިސް 10 ދުވަސް ފަހުން ބާއްވާނެ ކަމަށެވެ.