Roadha Mihaaru
ޝިއާރުގެ މަރު: ދައުވާލިބުނު މީހުން ސަލާމަތްވެއްޖެ

ޝިއާރުގެ މަރު: ދައުވާ ލިބުނު ހަތަރު މީހުން ސަލާމަތްވެއްޖެ

17 ފެބުރުއަރީ 2021

އައްޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.

ޖޫން، 2015 ގައި ސ. ހިތަދޫގައި ގްރޫޕަކުން ގޮސް ޝިއާރަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރީ ސ، ހިތަދޫ ހަނދުވަރު އިސްމާއިލް ރަޝީދާއި އެ ރަށު ޗާނދުމާގޭ އަލީ ސަމްއާނާއި ސ. މަރަދޫ އޮނުފީނުގޭ، މުހައްމަދު ނިފާޒާއި މަރަދޫ ގަނދަކޯޅިގޭ ،މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ މީހުން ޝިއާރަށް ހަމަލާދިން ތަން ފެނުނު ކަމަށް އެއްވެސް ހެކިވެރިއަކު ކޯޓުގައި އަދި ތަހުގީގުގައި ހެކިބަސް ދީފައި ނުވާ ކަމަށާއި ޑީއެންއޭ ނުވަތަ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއް ވެސް ހޯދިފައިނުވާ ކަމަށެވެ. މުޅި އެ މައްސަލަ ބިނާވަނީ ޝިއާރު މަރުވުމުގެ ކުރިން، އޭނާ އަށް ހަމަލާދިނީ ދައުވާ ލިބޭ މީހުން ކަމަށް ބުނެފައިވާ ބުނުމެއް "ޑައިން ޑިކްލަރޭޝަން" ގެ މައްޗަށް ކަމަށާއި އެކަމަކު އެއަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ މަރުވި މީހާގެ ބުއްދި ސަލާމަތުން ހުރުމަކީ ޝަރުތަކަށް ވާއިރު، ޝިއާރު މަރުމަތީގައި އޮވެގެން އެ ވާހަކަ ދެއްކިއިރު އޭނާގެ ބުއްދީގެ ހާލަތާ މެދު ޝައްކު އުފެދުން ކަމަށެވެ. އޭނާގެ ބުއްދީގެ ހާލަތު ރަނގަޅުކަން ސާބިތުވާ ފަދަ ރިޕޯޓެއް އޮތް ކަމަށް ދައުލަތުން ބުންޏަސް، އެ ރިޕޯޓު ހުށަނާޅާ އެތައް އަހަރެއް ވަންދެން ދައުލަތުން ތިބުމުން އެ އަށް އިތުރަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ހުކުމުގައި ބުންޏެވެ.

އެ ހާދިސާ ހިނގިއިރު، "ޑައިން ޑިކްލަރޭޝަން" އަށް ބުރަދަން ދެވޭ ގޮތަށް ރާއްޖޭގައި ގާނޫނެއް ނެތުމާއި މިހާތަނަށް މަރުގެ މައްސަލަތަކުގައި ރާއްޖޭގެ އެއްވެސް ކޯޓަކުން ޑައިން ޑިކްލަރޭޝަނަށް ބުރަދަނެއް ދީފައި ނެތް ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، ޓެރަރިޒަމްގެ ދައުވާ އެ ހަތަރު މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ގާޒީ އިސްމާއިލް ރަޝީދު އިއްވެވި އެ ހުކުމުގައިވެ އެވެ.

އެކަމަކު ދައުވާ ލިބޭ އަޒާނު އެ ހާދިސާ ހިނގުމުގެ ދެ ތިން ދުވަސް ކުރިން ޝިއާރަށް މަރުގެ އިންޒާރު ދިންކަން ސާބިތުވާތީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާ 18 މަހަށް ޖަލަށްލީ ކަމަށް އެ ހުކުމުގައިވެ އެވެ.