31 އޯގަސްޓް 2023
ނިޔޯން (އޮގަސްޓް 31) - ނިމިދިޔަ ވޯލްޑް ކަޕްގައި އިތުރު ވަގުތުގެ ކުޅުން ދިގުކުރި އުސޫލު، ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި ނުގެންގުޅޭނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ޗީފް އޮފް ފުޓްބޯލް ޒްވޮނިމިއޭ ބޮބާން ބުނެފި އެވެ.
ނިޔޯން (އޮގަސްޓް 31) - ނިމިދިޔަ ވޯލްޑް ކަޕްގައި އިތުރު ވަގުތުގެ ކުޅުން ދިގުކުރި އުސޫލު، ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި ނުގެންގުޅޭނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ޗީފް އޮފް ފުޓްބޯލް ޒްވޮނިމިއޭ ބޮބާން ބުނެފި އެވެ.
ބޮބާން ބުނީ، ފުލް ސީޒަނެއްގައި މާ ދިގުކޮށް އިތުރު ވަގުތު ކުޅުވުމަކީ ކުޅުންތެރިންގެ ސިއްހަތަށް ނުރައްކާ ވާނެ ކަމެއް ކަމަށެވެ.
"ކުޅުންތެރިންގެ ދުޅަހެޔޮކަން މި އޮންނަނީ ހިތާމަކުރަން ޖެހޭ ދަރަޖައެއްގައި،" މިރޭ އޮންނަ ޗެމްޕިއަންސް ލީގު ގުރު ނެގުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނަ، ކުރިން އިޓަލީގެ އޭސީ މިލާނާއި ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު ބޮބާން ބުންޏެވެ.
ފާއިތުވި ނުވަވަރަކަށް މަސް ތެރޭ ފިރިހެން އަދި އަންހެން ވޯލްޑް ކަޕްގައި ވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ގޯލް ޖެހުމަށް ފަހު އުފާފާޅުކުރާ ވަގުތާއި އަނިޔާވެގެން ކުޅުންތެރިންނަށް ފަރުވާދޭ ވަގުތާއި ކުޅުންތެރިން ބަދަލުކުރަން ނަގާ ވަގުތުގެ އިތުރުން، މެޗުތެރޭން ބޭކާރުކުރާ ވަގުތުތައް އިތުރު ވަގުތުގެ ގޮތުގައި ކުޅުވަން ރެފްރީންނަށް ބާރު އަޅައިފަ އެވެ.
ފީފާގެ މި ނިންމުމަށް އެ ފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ތާއިދު ކުރެ އެވެ. އިންފަންޓީނޯ ބުނެފައި ވަނީ ގިނަ މެޗުތަކުގައި ބޯޅަ ކުޅުމުގެ ތެރޭގައި އޮންނަނީ 50 ނުވަތަ 55 ވަރަކަށް މިނިޓު ކަމަށާއި، ސަޕޯޓަރުން މެޗު ބަލަން ދަނޑަށް ވަންނަން ގަންނަ ޓިކެޓަށް ކުރާ ހޭދައާ އެއްވަރު ކުޅުމެއް ސަޕޯޓަރުންނަށް ފެންނަން ވާނެ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅޭ ގައުމީ ފެންވަރުގެ ލީގުތަކާއި މުބާރާތްތަކުގައި ވެސް އިތުރު ވަގުތު ކުޅުވުމުގައި ފީފާގެ އުސޫލަށް އަމަލުކުރަން، ފުޓްބޯލައިގެ ގަވާއިދު ހަދާ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އިފާބް) އިން ވެސް ބޭނުންވެ އެވެ.
ޔޫއެފާއިން ހާމަކުރާ ގޮތުގައި މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި އެވްރެޖްކޮށް 60 މިނިޓާއި ހަތް ސިކުންތު ބޯޅަ ކުޅެ އެވެ. އެއީ ޔޫރަޕްގެ އެންމެ މަތީ ލީގުތަކުގެ މެޗުތަކުގެ އެވްރެޖަށް ވުރެ ފަސް މިނިޓު އިތުރު ވަގުތެކެވެ.
އައިއެސްގެ ހަމަލާއަކަށް ޔޫއެފާ ސަމާލުވެގެން
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
ކޯޓުން މޮޅުވިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު
ބެޔާންގެ ސަޕޯޓަރުން މެންޗެސްޓާއަށް ދަނީ އިންޒާރަކާއެކު
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް
ސައުދީގެ ޓްރާންސްފާ ވިންޑޯއާ މެދު ފިޔަވަޅުއަޅާ: ކްލޮޕް
ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ރެފްރީ ހޫނުފެނަށް
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި