Roadha Mihaaru
އައިފޯން ނެރޭ އިވެންޓް އަންނަ މަހު 12 ގައި

އައިފޯން ނެރޭ އިވެންޓް އަންނަ މަހު 12 ގައި

30 އޯގަސްޓް 2023

އެޕަލް ކުންފުނީގެ އާ އައިފޯން ނެރޭނެ ކަމަށް ބެލެވޭ ހާއްސަ އިވެންޓް އަންނަ މަހުގެ 12 ގައި ބާއްވަން ނިންމައި އެ ހަފްލާއަށް ދައުވަތު ފޮނުވަން ފަށައިފި އެވެ.

އެޕަލް ކުންފުނީގެ އާ އައިފޯން ނެރޭނެ ކަމަށް ބެލެވޭ ހާއްސަ އިވެންޓް އަންނަ މަހުގެ 12 ގައި ބާއްވަން ނިންމައި އެ ހަފްލާއަށް ދައުވަތު ފޮނުވަން ފަށައިފި އެވެ.

ސްޓީވް ޖޮބްސް ތިއޭޓަރުގެ އެޕަލް ޕާކްގައި ބާއްވާ މި އިވެންޓް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:00 ގަ އެވެ.

އެޕަލް އިން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓުގެ ދައުވަތުގައި ކޮންމެ ފަހަރަކު ވެސް ފޮރުވިފައިވާ މާނައެއް އޮވެ އެވެ. އެޕަލްގެ ލޯގޯއަށް ގެންނަ ކުލަތަކާއި ޓެގްލައިނުން ދޭ މި މެސެޖާ އެ އަހަރަކު ތައާރަފްކުރާ އުފެއްދުންތަކާ ގުޅުން ހުރެ އެވެ.

މިފަހަރު ދައުވަތު ފޮނުވީ ޓެގްލައިނަކަށް "ވޮންޑަލަސްޓް" ޖަހައިފަ އެވެ.

ސެޕްޓެމްބަރު މަހުގެ އެޕަލް އިވެންޓަކީ ކޮންމެ އަހަރަކު ވެސް އާ އައިފޯން ނެރޭ އިވެންޓަށް ވާތީ މިފަހަރުގެ އިވެންޓުގައި ވެސް އައިފޯން 15 ނެރޭނެ ކަމަށް ބެލެވެ އެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި މިފަހަރު ނެރެނީ އައިފޯން 15 އަދި 15 ޕްރޯ އެވެ. މިފަހަރު ނެރޭ ފޯނުތަކުގެ ފެންވަރު ކުރީގެ ފޯނުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަތިކޮށްފައިވާ ކަމަށާއި ގިނަ އަދި ތަފާތު ކުލަތަކަކުން ވެސް ފޯނު ނެރޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ އިތުރުން ފޯނުގެ ބެޓެރީގެ ފެންވަރު ވެސް މަތިކޮށް ލައިޓްނިން ޕޯޓުގެ ބަދަކުގައި ސީ ޕޯޓަކަށް ބަދަލުކުރުމާއި ކެމެރާގެ ބާރު ގަދަކުރުން ވެސް މިފަހަރު ހިމެނޭ ކަމަށް، އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ލިޔާ ވެބްސައިޓްތަކުގައި ބުނެފައިވެ އެވެ.

ފޯނުގެ އިތުރުން އެޕަލްގެ އާ ގަޑިތަކެއް މިފަހަރު ވެސް ނެރޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.