Roadha Mihaaru
ކުރިމަތީގައި އޮތީ ހުސް ވައުދު: ފުއްދާނީ ކިހިނެއް؟

ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ކުރިމަތީގައި އޮތީ އެތައް ބިލިއަން ރުފިޔާއެއްގެ ވައުދު!

30 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްކޮޅެވެ؛ ގެދޮރު ހަދަން 10 ޕަސެންޓްގެ އިންޓަރެސްޓްގައި ލޯނު ލިބޭނެ ކަމަށް އެއް ކެންޑިޑޭޓް ވިދާޅުވާ އިރަށް، އެ ލޯނު ތިމަންނާގެ ވެރިކަމުގައި ފަސް ޕަސެންޓަށް ކުޑަކުރާނެ ކަމަށް އަނެއް ކެންޑިޑޭޓް ވައުދުވެ ވަޑައިގަންނަވަ އެވެ. އަދި އޭގެ ފަހުން ވާހަކަ ދައްކަވާ ކެންޑިޑޭޓް، ވަރަށް ފޯރީގައި، އެ ލޯނުގެ އިންޓަރެސްޓް ތިމަންނާގެ ވެރިކަމުގައި ދެ ޕަސެންޓަށް ނުވަތަ ފްރީކޮށްދޭނެ ކަމަށް ވިދާޅުވެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްކޮޅެވެ؛ ގެދޮރު ހަދަން 10 ޕަސެންޓްގެ އިންޓަރެސްޓްގައި ލޯނު ލިބޭނެ ކަމަށް އެއް ކެންޑިޑޭޓް ވިދާޅުވާ އިރަށް، އެ ލޯނު ތިމަންނާގެ ވެރިކަމުގައި ފަސް ޕަސެންޓަށް ކުޑަކުރާނެ ކަމަށް އަނެއް ކެންޑިޑޭޓް ވައުދުވެ ވަޑައިގަންނަވަ އެވެ. އަދި އޭގެ ފަހުން ވާހަކަ ދައްކަވާ ކެންޑިޑޭޓް، ވަރަށް ފޯރީގައި، އެ ލޯނުގެ އިންޓަރެސްޓް ތިމަންނާގެ ވެރިކަމުގައި ދެ ޕަސެންޓަށް ނުވަތަ ފްރީކޮށްދޭނެ ކަމަށް ވިދާޅުވެ އެވެ.

ތިމަންނާގެ ވެރިކަމެއްގައި ރަށުގައި 500 ހައުސިން ޔުނިޓް އަޅައިދޭނަމޭ ވިދާޅުވާއިރަށް އަނެއް ކެންޑިޑޭޓް އެ ރަށަށް ވަޑައިގެންފައި ތިމަންނާގެ ވެރިކަމުގައި 1000 ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވެ އެވެ. ދެން ވަޑައިގަންނަވާ ކެންޑިޑޭޓް ވިދާޅުވާނީ، ރަށު އެންމެންނަށް ފްލެޓް އަޅައިދޭނަމޭ އެވެ.

މަހުގެ އަގަށް ވެސް މިއޮތީ ހަމަ މިހެން ވެފަ އެވެ؛ ކިލޯއެއްގެ އަގު 18ރ. އިން ފެށިގެން ބޮޑުވަމުން ގޮސް މިހާރު 25ރ. އަށް އަރައިފި އެވެ. ދުނިޔޭގެ ބާޒާރުގައި އަގު ހުރީ ކިހާ ވަރަކަށްތޯ ވެސް ބެލުމެއް ނެތެވެ. ވައުދުގެ ވާދަވެރިކަން މިހާރު އޮތީ ހައްދުން ނައްޓައިފަ އެވެ.

ވައުދު ވުމަކީ ސަމާސާއަކަށް ވާ ވަރަށް މި ރިޔާސީ އިންތިހާބުގައި މިހާރު އެކި ޕާޓީތަކުން ވައުދުވެއްޖެ އެވެ. އެއް ޕާޓީ އަށް ވުރެ އަނެއް ޕާޓީގައި އޮތް ވާދަވެރިކަން ބޮޑުވެ އޭގެ ހުރިހާ ބާރެއް ކޮށްފައި މިއޮތީ ވައުދަށެވެ. އެންމެ ފަހުން އެ ރަށަކަށް ވަޑައިގެންނެވޭ ކެންޑިޑޭޓަކު މި ޖެހެނީ އޭގެ ކުރިން ވަޑައިގަތް ކެންޑިޑޭޓުންނަށް ވުރެ ބާރުގަދަ ވައުދުތައް ވާށެވެ.

އެކަން އެހެން ގޮސް، ކުރިއަށް އޮތް ފަސް އަހަރަށް ކޮންމެ ބަޔެއްގެ ސަރުކާރެއް އަޔަސް، ފުއްދަން ޖެހޭ ވައުދު އެތައް ބިލިއަން ރުފިޔާއަކަށް މިހާރު އެބަ އަރަ އެވެ. އޭގެ ތެރޭގައި ޔަގީނުން ވެސް ގިނަވާނީ ނުފުއްދޭ ވައުދެވެ.

ހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ! ރާއްޖޭގެ އިގްތިސާދު އޮތީ އެހާ ބައިވަރު އަދި ހާއްސަކޮށް ބޮޑެތި ވައުދުތަކެއް ފުއްދޭ ހާލަތެއްގައެއް ނޫނެވެ. ކޮންމެ ވައުދެެއް ގުޅިފައި އޮތީ ފައިސާއާ އެވެ. އެ ފައިސާ ނުލިބި ވައުދު ފުއްދޭނެ ގޮތެއް ނެތެވެ. އަދި އެ ފައިސާ ހޯދަން ކުރަން ޖެހޭ އިންވެސްޓްމަންޓް ވެސް ހަމަ އެހާމެ ބޮޑެވެ. އަނެއްކޮޅުން، ވައުދު ފުއްދަން ފައިސާ ހޯދަން އެ ރާވާ ރޭވުންތައް ހަގީގަތަކަށް ވުމަކީ ހުވަފެނަކުން ނޫނީ ނުފެންނާނެ ކަންތައްތަކެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ނ. ކެނދިކުޅުދޫއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ނ. ކެނދިކުޅުދޫއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ އިގްތިސާދާއި ވޭތުވެދިޔަ ފަސް އަހަރުގެ އާމްދަނީ

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ބަޖެޓް އަންދާޒާތައް ކުރިއަށް އޮތް ފަސް އަހަރު ވެސް ދައްކަނީ އެހާ ތިޔާގިކޮށެއް ނޫނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މީގެ ދެ ދުވަސް ކުރިން ތ. ގާދިއްފުއްޓަށް ވަޑައިގެން ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓް އެންމެ އަވަހަށް އަރަނި ވާނެ ކަމަށް ވެސް ދެކެވަޑައިގަންނަވަނީ މީގެ ތިން އަހަރު ފަހުން، 2028 ގަ އެވެ. [އެކަމަކު އިގްތިސާދީ ފޯކާސްޓްތައް ދައްކާގޮތުން އެއީ ވެސް ވުން ގާތް ކަމެއް ނޫނެވެ.]

ރާއްޖޭގެ ބަޖެޓް ކޮންމެ އަހަރަކު ވެސް ވަނީ ދަރަންޏެވެ. ބޮޑު ތަނުން ދަރަންޏެވެ. ކޮންމެ ދަރަންޏަކީ ލޯނު ފައިސާ، ނުވަތަ ފަހުން ދައްކަން ޖެހޭ އެއްޗެކެވެ. އެގޮތަށް ދަރަނިވަމުން ގޮސް، ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 113 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް ގާތްގަނޑަކަށް 300،000ރ. އެވެ. އެ ދަރަނި ދައްކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި, ބައެއް އަހަރުތަކުގައި 300 މިލިއަން ޑޮލަރުން މަތީގެ އަދަދުތައް ހޭދަކުރަން ޖެހެ އެވެ.

މި ހިނގާ އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓް، އުފެއްދުންތެރި ކަމުގެ ނިސްބަތުން 8.6 ޕަސެންޓުން ވަނީ ދަރަނިވެފަ އެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ވޭތުވެދިޔަ ފަސް އަހަރު ލިބިފައިވާ ޖުމްލަ އާމްދަނީ އަކީ [ހިލޭ އެހީ ހިމަނައިގެން] 108 ބިލިއަން ރުފިޔާ އެވެ. މިއީ ބެލެވޭ ގޮތުގައި މުޅި ރާއްޖޭގެ އިގްތިސާދުގައި އުފެއްދޭ ފައިސާގެ އެންމެ ފަސްބައިކުޅަ އެއްބަޔެވެ. އޭގެ ތެރެއިން ދައުލަތް ހިންގުމުގެ ހަރަދަށް 90 ޕަސެންޓް ނުވަތަ 90.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ކެޕިޓަލް ހަރަދު ނުވަތަ ކެންޑިޑޭޓުން އެ ވިދާޅުވާ ވައުދު ފުއްދަން ދައުލަތުން ހޭދަކޮށްފައި ވަނީ ފަސް އަހަރުގެ ތެރޭގައި އެންމެ 14 ބިލިއަން ރުފިޔާ އެވެ.

އޭގެ މާނައަކީ، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި މުސާރަތަކާއި ދެން ހުރި އެހެން ހަރަދުތައް ކޮށްފައި، ރަށްރަށް ތަރައްގީކުރުމާއި އިގްތިސާދު ކޮޅަށް ޖަހަން ކުރަން ޖެހޭ އިންވެސްޓްމަންޓްތަކަށް ދައުލަތުގައި ފައިސާ ނުހުންނަ ކަމެވެ. އިތުރު އެއްވެސް ކުރަން ވެއްޖެ ނަމަ، ދެން އަނެއްކާ ވެސް އޮންނާނެ މަގަކީ ލޯނު ނެގުން ކަމެވެ. [އެކަމަކު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ދޭނީ ވެސް ވަކި ދުވެއްޔެއްގައި އިގްތިސާދު ހުރެގެންނެވެ.]

ރާއްޖޭގެ އިގްތިސާދީ ދުވެލި ގޯސް ކަމަކަށް ނުދައްކަ އެވެ. އެކަމަކު، ކެންޑިޑޭޓުން އެ ވިދާޅުވާ ވަރުގެ "ރަން" ފަސް އަހަރަކަށް މުޅި ގައުމު ބަދަލުކޮށްލާ ވަރުގެ، ނުވަތަ އެ ހުރިހާ ވައުދެއް، ނުވަތަ އެ ވައުދުތަކުގެ ވަރަށް ކުޑަ ޕަސެންޓެއް ވިޔަސް ފުއްދާ ވަރުގެ އިގްތިސާދީ ބޫމްއެއް ރާއްޖެއަކަށް އައުމުގެ ކޮޅެއް އަދި ފެންނާކަށް ނެތެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފަނާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އަދި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެންޑިޑޭޓު ނަންބަރު ތިނެއް ދައްކާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފަނާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އަދި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެންޑިޑޭޓު ނަންބަރު ތިނެއް ދައްކާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަކަށް ބަލާލުމުން އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އިގްތިސާދީ ތަރައްގީ އަކީ މުޅި ދުނިޔެ އަށް ޖުމްލަކޮށް އަންނަ އެއްޗެކެވެ. ރާއްޖޭގެ އިގްތިސާދު ވެސް ދައުރު ވަނީ ހަމަ އެހެންނެވެ. އެމްއެމްއޭ އިން ތައްޔާރުކޮށްފައިވާ މުޅި ދުނިޔޭގެ އިގްތިސާދީ ޗާޓެއް ދައްކާ ގޮތުން އޭގެ ތީރުތައް މަތިވެ ތިރިވަމުން ދަނީ އެކުއެކީގަ އެވެ. ރާއްޖެ އަށް އެކަނި އިގްތިސާދު ޑަބަލްވުމަކީ ނާދިރު، ނުވަތަ ނުވާނެ ކަމެކެވެ. އެކަމަކު، ދުނިޔޭގެ އެހެން ގައުމުތަކާ އެކުއެކީހެން ކޮންމެވެސް ވަރަކަށް މައްޗަށް ދިއުން އެއީ ވެދާނެ ގޮތެކެވެ.

ރާއްޖޭގެ އިގްތިސާދު ޑަބަލް ނުކުރެވޭނެ ފޯމިއުލާ އަކީ، މިހާރު ވާހަކަ ދެކެވޭ ގޮތުން ޓޫރިޒަމް އިތުރަށް ފުޅާކުރުން އެކަންޏެވެ. ޓެކްސް އިތުރު ކުރެވޭކަށް ނެތެވެ. މަސްވެރިކަމަކީ އިގްތިސާދަށް ދިރުމެއް ގެނެވޭނެ އެއްޗެއް ނޫނެވެ. ދެން އޮތީ ޓްރާންޝިޕްމަންޓް ބަނދަރެވެ. އެއީ ވުން ގާތް ކަމެއް ނޫނެވެ. އެހެންވެ ޓޫރިޒަމް ނޫނީ، ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އިތުރު ކުރެވޭނެ އެހެން ގޮތްތަކެއް އެއްވެސް ކެންޑިޑޭޓަކު ދެއްކެވި އަޑެއް ނީވެ އެވެ. މުޅިން ވެސް ދެއްކެވީ އެއާޕޯޓްތަކެއް ތަރައްގީކޮށް ރަށްރަށުގައި ގެސްޓް ހައުސް ތަރައްގީ ކުރުމާއި އިތުރު ރަށްރަށް ތަރައްގީކޮށްގެން ޓޫރިޒަމް ވަރުގަދަ ކުރާ ވާހަކަ އެވެ.

އެކަމަކު، އެއްކޮޅުން އެއީ ވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. އެކަމަށް ވެސް އެތައް ބިލިއަން ޑޮލަރެއް ހޯދަން ޖެހެ އެވެ. އަނެއްކޮޅުން މިހާރު ވެސް ޓޫރިޒަމަށް ދޫކޮށްފައި ހުރި އެތައް ބައިވަރު ރަށްރަށް ނުހެދި ހުރިކަން ހަނދާނަށް ގެންނަން ޖެހެ އެވެ. މާސިންގާ އެއާޕޯޓެއް ހުޅުވިޔަސް، އަދި އެނދުތަކެއް މާކެޓަށް ނެރުނަސް، އެ އެނދުތަކުގައި ނިދާނެ ޓޫރިސްޓުން ހޯދުމަކީ ވެސް ބޮޑު ހަރަދެކެވެ. މިއީ ހަމަ ޕޯޑިއަމަކަށް އަރާފައި ބުނެލާހާ ފަސޭހަ ކަންކަމެއް ނޫނެވެ.

ރަށްރަށުގައި މިވެނި އެވެނި ކަމެއް ކޮށްދޭނަމޭ ހަމަ ބުނުމާ އެކު އެ ވާހަކަ އަޑުއަހަން ތިބެފައި އަތް ޖެހުމުގެ ބޭނުމެއް ނެތެވެ. އޭގެ ތެރެއިން ހަމަ ގިނަ ކަންކަން އެއީ ނުވާނެ ކަންކަމެވެ. ސަބަބަކީ ފައިސާ އެވެ. މި ގައުމަކީ، މި ގައުމަކަށް ލިބޭ އާމްދަނީ އަކުން ހިންގޭ ގައުމެއް ނޫނެވެ. އެކަން ރައްޔިތުން ގަބޫލުކުރުން އެއީ މި ވަގުތު ވަރަށް މުހިންމު ކަމެކެވެ.

އެކަމަކު ވައުދަކީ ދިރުމެެއް ވާނެ އެއްޗެކެވެ. އެ ވައުދުގެ ވާހަކަ ރައްޔިތުން ދައްކާނީ ވަގުތު ޖެހުނީމަ އެވެ. މަސްކޮޅު ހިފައިގެން ގޮސް، ކިލޯއެއް 25ރ. އަށް ނުގަތީމަ މަސްވެރިން މުޒާހަރާ އަށް ނުކުންނާނެ އެވެ. އެއީ ވައުދެވެ. ބުނާމީހާ ސަމާސާ އަކަށް ބުންޏަސް، ނުވަތަ ވާދަވެރިކަމެއްގައި ބުންޏަސް، އާންމު މީހާ އެކަން ނަގާނީ ވަރަށް ސީރިއަސްކޮށެވެ.