Roadha Mihaaru
ގެދޮރުގެ މައްސަލަ އެއްކޮށް ހައްލުކޮށްދޭނަން: މުއިއްޒު

ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކޮށް ދޭނަން: މުއިއްޒު

25 އޯގަސްޓް 2023

މާލޭގެ ރައްޔިތުންނާއި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ވެސް ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ ރައްޔިތުންނާއި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ވެސް ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެންމެ ވާދަވެރި ކެންޑިޑޭޓް މުއިއްޒު ވަނީ މިރޭ މާލޭގައި ދެ ޖަގަހައެއް ހުޅުވާފަ އެވެ. އެ ދެ ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވެސް އެންމެ ބޮޑު ޔަގީންކަން މުއިއްޒު ދެއްވީ މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން އެއްކޮށް ހައްލުކޮށް ދެއްވުމަށެވެ/

މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި އަދިވެސް ގިނައީ ގެދޮރުވެރިކަން ނެތް މީހުން ކަމަށެވެ. އެހެންކަމުން، އެ އެންމެންނަށް ބޭނުންވާ މިންވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ މެނިފެސްޓޯގައި ހިމެނޭ ހުޅުމާލެ، ގުޅިފަޅު، ގިރާވަރު އަދި ފުށިދިއްގަރު ފަޅު ހިމެނޭ ގޮތަށް 65،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ވައުދު މިރޭ ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ.

"ހަމަ ހަގީގަތުގައި ވެސް، ޔަގީންކަމާ އެކު މި ދަންނަވަނީ ހަމަ ހަގީގަތުގައި ވެސް ދައުރުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ކަމާ އެކު އެ 65،000 ހައުސިން ޔުނިޓް މަޝްރޫއު ޔަގީންކަމާ އެކު ހާސިލް ކޮށްދޭނަން، އެއަކީ ދައުރުގެ ފަހުކޮޅު ނޫނީ ދައުރު ނިމުމުން އާ ދައުރެއް ދޭށޭ ކިޔާނެ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ޔަގީންކަމާ އެކު މި ދަންނަވަނީ. ތާއަބަދަށް އެކީ އެކައްޗަކަށް އެއްކޮށް އެ މައްސަލަ [ބޯހިޔާވަހިކަމުގެ ދަތިކަން] ހައްލުކޮށްދޭނަމޭ. އެ މަޝްރޫއު ނިމޭއިރު މި މާލެއަކު ނުހުންނާނެ ގެދޮރު ބޭނުންވާ ނުލިބޭ އެކަކު ވެސް، އެއީ މިތާނގެ ރަށްވެއްސަކަށް ވިޔަސް، ދަފުތަރުގައި އޮތް މީހެއް ވިޔަސް ދިރިއުޅޭ މީހެއް ވިޔަސް، ނުހުންނާނެ. އެންމެންނަށް މައްސަލަ ހައްލުވެގެންދާނެ." އޭނާ ވިދާޅުވި އެވެ.

ޔަގީންކަމާ އެކު މި ދަންނަވަނީ. ތާއަބަދަށް އެކީ އެކައްޗަކަށް އެއްކޮށް އެ މައްސަލަ [ބޯހިޔާވަހިކަމުގެ ދަތިކަން] ހައްލުކޮށްދޭނަމޭ. އެ މަޝްރޫއު ނިމޭއިރު މި މާލެއަކު ނުހުންނާނެ ގެދޮރު ބޭނުންވާ ނުލިބޭ އެކަކު ވެސް، އެއީ މިތާނގެ ރަށްވެއްސަކަށް ވިޔަސް، ދަފުތަރުގައި އޮތް މީހެއް ވިޔަސް ދިރިއުޅޭ މީހެއް ވިޔަސް، ނުހުންނާނެ. އެންމެންނަށް މައްސަލަ ހައްލުވެގެންދާނެ

މުއިއްޒު ވިދާޅުވީ ވެރިކަމުގެ ދައުރު ހަމަވާން ގާތްވުމުން މި ސަރުކާރުން ވަނީ ދުނިޔޭގައި ވެސް ނެތް އެތައް ގޯއްޗަކާއި ފްލެޓެއް ދީފައި ކަމަށާއި އެއީ ރައްޔިތުންނަށް ކުރި މަލާމާލެއް ކަމަށެވެ. އަދި އެ ތަންތަން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ވިދާޅުވި އެވެ.

"މައްސަލައެއް ނެތް. ރައްޔިތުން އަޅުގަނޑުމެންނަށް ވެރިކަން ދީފިނަމަ، އެ ގޯތިތައް ފެނުން މައްޗަށް ނަގައިދޭނަން. އެ ފްލެޓްތައް އަޅައިދޭނަން. އެ ގޯއްޗާއި ފްލެޓްތައް އެއީ ހަގީގީ ގެދޮރުވެރިކަން ހާސިލްވާ ތަންތަން ގޮތުގައި ހަދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ދެން ފާހަގަ ކުރެއްވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުއެކެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާނެ ކަމަށާއި އެ މަޝްރޫއާ އެކު މަގުތަކުގެ މައްސަލަ ވެސް އެއްކޮށް ދާއިމަށް ހައްލުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ މި ސަރުކާރުން މާލޭގައި ހިންގާ މަގު ހެދުމުގެ މަޝްރޫއުއަށް ފާޑުވިދާޅުވެ، އެ މަޝްރޫއުގެ ސްޕީޑާއި ފެންވަރު މާބޮަޑަށް ވެސް ދަށް ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ ގޮތް ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ނަތީޖާ ނެރެދޭނެ މީހަކާ ވެރިކަން ހަވާލުކުރާނީތޯ ނުވަތަ ނަތީޖާ ނެރެން އުޅެ އެކަން ނުވި މީހަކާ ހަވާލުކުރާނީތޯ ނިންމާނީ ރައްޔިތުން ކަމަށެވެ.

"އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ހޯދޭނީ ގައުމީ ފިކުރު އިސްކޮށް އެންމެން އެކަތިގަނޑަކަށްވެގެން ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ގޮސް، ފައިސާތަކެއް. ބޭކާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެވަނަ ބުރަކަށް ގޮސް އަޅުގަނޑުމެންގެ ބައިތުލްމާލުން 40 މިލިއަނެއްހާ ރުފިޔާ ބޭކާރު ގޮތެއްގައި ހަރަދު ކުރުމުގެ ބޭނުމެއް ނެތް. ގައުމު އޮތް ހާލަތު އެބަ އެނގޭ. މި ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ކުރިމަގު ބައްޓަންކުރަން އެންމެން އެކަތިގަނޑަކަށް ވާން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.