Roadha Mihaaru
ސިޓީ އުރައިގައި އޮތީ މި ސިޓީގެ ބޮޑު ހުވަފެން

މި ކުޑަކުއްޖާގެ ސިޓީ އުރައިގައި އޮތީ މި ސިޓީގެ ބޮޑު ހުވަފެން

24 އޯގަސްޓް 2023

ސ. ހުޅުމީދޫގެ ބަނދަރަށް ފޭބި އިރު، ވަރަށް ދިގު ސަފަކަށް މީހުން ތިބީ އެތުރިލައިގެންނެވެ. އެ މީހުން ނުކުމެ ތިބީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަންނަވާތީ އޭނާ އަށް މަރުހަބާ ކިޔާށެވެ.

އިފްރާޒް އަލީ ސ. ހުޅުމީދޫން އިފްރާޒް އަލީ

ސ. ހުޅުމީދޫގެ ބަނދަރަށް ފޭބި އިރު، ވަރަށް ދިގު ސަފަކަށް މީހުން ތިބީ އެތުރިލައިގެންނެވެ. އެ މީހުން ނުކުމެ ތިބީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގަންނަވާތީ އޭނާ އަށް މަރުހަބާ ކިޔާށެވެ.

މުއިއްޒުގެ ސަޕޯޓަރުންގެ މި ދިގު ސަފުގެ މެދަކާ ހިސާބުގައި ބޮޑު ސިޓީ އުރައެއް ހިފައިގެން ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ.

މުއިއްޒު ހުޅުމީދު އަށް ވަޑައިގެން ސަފުގައި ތިބި މީހުންނާ ސަލާންކުރައްވަމުން ގޮސް މި ކުއްޖާއާ އަރާ ހަމަވުމުން، އޭނާގެ އަތުގައި އޮތް ސިޓީ އުރަ މުއިއްޒަށް ދިނެވެ. އެ ސިޓީ އުރައިގެ ތެރޭގައި އޮތް އެއްޗެއް ބަލަން އެ ހިސާބުން ވަރަށް ޝައުގުވެރިވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސ. ހުޅުމީދޫން މަރުހަބާ ކިޔަން ދިޔަ މީހުންގެ ސަފުގައި ހުރި އުމުރުން ދުވަސްވީ މީހަކާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސ. ހުޅުމީދޫން މަރުހަބާ ކިޔަން ދިޔަ މީހުންގެ ސަފުގައި ހުރި އުމުރުން ދުވަސްވީ މީހަކާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ކުއްޖާ ކައިރީގައި މަޑުކުރައްވައި، މުއިއްޒު އެ ސިޓީ އުރަ ހުޅުއްވި އެވެ. އޭގެ ތެރެއިން ނެގީ ގަނޑެކެވެ. މުއިއްޒާއި އޭނާގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފުގެ ފޮޓޯއެއް ޖަހާފައިވާ، އެ ގަނޑުގައި އެންމެ ތިރީގައި ބޮޑު އަކުރުން ލިޔެފައި އޮތީ "ބޭނުމީ ބްރިޖެ"ކެވެ.

އެ ކުއްޖާ އެދުނީ ހުޅުމީދޫ މީހުން ދެކެމުން އަންނަ ހުޅުމީދޫ-ހިތަދޫ ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށެވެ.

ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މުއިއްޒު އައްޑު ކުރެއްވި ދަތުރުގައި ވަނީ ޔާމީންގެ މި ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފު ކެމްޕެއިނަށް އައްޑު އަށް ވަޑައިގެންނެވި ދަތުރުގައި ހިތަދޫގެ ޒުވާނުންނާ އެކު ފޮޓޯއެއް ނަންގަވަނީ..-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބްރިޖު ބޭނުންވާ ބައިވަރު ސަބަބު

ހުޅުމީދު އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަށް 15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.

މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، މިހާރު ވެސް ގިނަ ހިދުމަތްތައް ހޯދަން ދާން ޖެހެނީ ހިތަދު އަށެވެ. ވިޔަފާރިއެއް ކުރަން ވިޔަސް، ޑޮކްޓަރަށް ދައްކަން ވިޔަސް މެ އެވެ. އަދި އައްޑޫގެ އިގުތިސާދާ ގުޅިފައިވާ މުހިންމު ހުރިހާ ހިދުމަތެއް އޮތީ ހިތަދު އާއި އެ ރަށާ ގުޅާލާފައިވާ ރަށްތަކުގަަ އެވެ. އެހެންވެ، ބްރިޖެއް އޮތުމުން އެކަމުގެ ފައިދާ ހުޅުމީދޫގެ ރައްޔިތުންނަށް ވެސް ކުރާނެ އެވެ.

"މިހާރު ފެރީގައި، ނޫނީ ލޯންޗެއް ހިފައިގެން މި ދާން ޖެހެނީ. ގަދަ ދުވަހެއްގައި ވެއްޖެއްޔާ ނުދެވޭ، ކެތްކޮށްލައިގެން ތިބެން ޖެހެނީ ކިތައްމެ އިމަޖެންސީ ކަމެއް ވިޔަސް،" އެކަކު ބުންޏެވެ.

ހުޅުމީދޫން ހިތަދު އަށް ދިއުމަށް ސްޕީޑް ލޯންޗެއްގައި 15-20 މިނެޓު ހޭދަވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ބްރިޖު އެޅީމަ ވާނެ ގޮތަކީ ބޭނުން ކޮންމެ ގަޑިއެއްގައި ވެސް، އަމިއްލަ ވެހިކަލްގައި ވެސް ދެވޭނެ،" އެހެން މީހަކު ބުންޏެވެ.

"ޔާމީންގެ ވެރިކަމުގައި އަހަރެމެންނަށް ފެނިއްޖެ ސިނަމާލެ ބްރިޖު އެޅީމަ މާލެ އާއި ހުޅުމާލޭގެ އިގުތިސާދަށް އައި ބޮޑު ކުރިއެރުން. އެހެންވެ މި ދެ ރަށް ވެސް ގުޅާލެވިއްޖެއްޔާ ލިބޭނެ ކުރިއެރުން އަންދާޒާކުރެވޭ."

ބްރިޖަކީ ހުޅުމީދޫ މީހުންގެ ބޮޑު ހުވަފެނެއް ކަން އެނގެނީ، މުއިއްޒުގެ ކެމްޕެއިނަށް މިދިޔަ އަންގާރަ ދުވަހު މި ރަށުގައި ބޭއްވި ބޮޑު ޖަލްސާގެ ޕޯޑިއަމް ވެސް ބްރިޖެއްގެ ޑިޒައިނަށް ތައްޔާރުކޮށްފައި ހުރުމުންނެވެ.

އެ ޕޯޑިއަމްގައި ހުންނަވާ މުއިއްޒު ވަނީ ހުޅުމީދޫ-ހިތަދޫ ބްރިޖު، އޭނާގެ ވެރިކަމެއްގައި އަޅާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާ އަށް، ބްރިޖެއް ގޮތަށް ޑިޒައިން ކުރި ޕޯޑިއަމްގައި ހުންނަވާ އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ޖަލްސާގައި މުއިއްޒު ވަނީ މި ސަރުކާރުން އިންޑިއާއާ ހަވާލުކޮށްގެން ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ ގޮތަށާއި މަސައްކަތް ލަސްވަމުން ދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިން ވެސް ބްރިޖެއް އެޅީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ވާތީ، ދެން ވެސް އެކަން ކުރެވޭނީ ހަމަ އެ ޕާޓީގެ ވެރިކަމެއްގަ އެވެ.

"ރައްޔިތުން ހަމަ ހަގީގަތަށް ވެސް އެބަޖެހޭ ގޮތެއް ނިންމަދޭން. ބްރިޖު އަޅަންޏާ ބްރިޖު އެޅޭ ބަޔަކާ ހަވާލުކުރީމަ ދެއްތޯ އެކަން ވާނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މި ސިޓީއަށް ބޭނުންވާ ހިތަދު އާއި ހުޅުމީދޫއާ ގުޅުވައިދޭ 15 ކިލޯމީޓަރުގެ ދިގު ބްރިޖު އިރާދަކުރެއްވިޔާ ތި ބޭފުޅުންނަށް އަޅައިދޭނަމޭ އަޅުގަނޑުމެން."

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސ. ހުޅުމީދޫން މަރުހަބާ ކިޔަން ދިޔަ މީހަކު ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސ. ހުޅުމީދޫން މަރުހަބާ ކިޔަން ދިޔަ މީހަކު ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވެސް ވިދާޅުވި ގޮތުގައި، މި ބްރިޖު ހަގީގަތަކަސް ވުމަކީ އެ ސިޓީގެ މީހުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި އެއީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް އައްޑު އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެހެންކަމުން، މަނިކުފާނުގެ ޒައާމަތުގައި މި ސިޓީގެ ރައްޔިތުންނަށް ބްރިޖު ހަގީގަތަކަށް ހައްދަވައިދެއްވުމަށް އެދި ދަންނަވަން،" ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ސާލިހާ ވިދާޅުވި އެވެ.

ކުރު ގޮތަށް ބުނާ ނަމަ، އެ ކުޑަކުއްޖާގެ ސިޓީ އުރައިގައި އޮތީ މި ސިޓީގެ ބޮޑު ހުވަފެނެވެ.