Roadha Mihaaru
އައިސްޕްލާންޓް މަސް ފެކްޓަރީއަކަށް ބަދަލުކޮށްލަނީ

ހުޅުމީދުއަށް މުއިއްޒު: އައިސްޕްލާންޓް މަސް ފެކްޓަރީއަކަށް ބަދަލުކޮށް 500 ވަޒީފާ އުފައްދާނެ

22 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސ. ހުޅުމީދޫގައި ހެދި އައިސްޕްލާންޓް، މަސް ފެކްޓަރީއަކަށް ބަދަލުކޮށް، އެތަނުގައި މަސްދަޅު ބަންދުކުރެވޭނެ ގޮތް ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އިފްރާޒް އަލީ ސ. ހުޅުދޫމީދޫން އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސ. ހުޅުމީދޫގައި ހެދި އައިސްޕްލާންޓް، މަސް ފެކްޓަރީއަކަށް ބަދަލުކޮށް، އެތަނުގައި މަސްދަޅު ބަންދުކުރެވޭނެ ގޮތް ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒުގެ ކެމްޕެއިނަށް ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އައިސްޕްލާންޓާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ އޮތް ކަންބޮޑުވުންތައް އޭނާ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެ ކަމަށެވެ.

"މަސްވެރިކަމަށް އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވެނީ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކޮށްދެއްވާފައިވާ އައިސްޕްލާންޓް. އެ ފެސިލިޓީ ބޮޑުކޮށް، ފުޅާކޮށް، ފެލިވަރުގައި ހުންނަ ގޮތަށް ވަރުގަދަ ކޭނިން ފެކްޓްރީއަކަށް އެތަން ބަދަލުކޮށް އެކަމުގެ އުފާވެރިކަން ތިބޭފުޅުންނަށް ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މަސް ފެކްޓަރީ ހެދުމުން މަދުވެން 500 އުފެއްދޭނެ ކަމަށް އަންދާކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މުޅި ރާއްޖެ އާއި މި ސަރަހައްދަށް ކުރިއެރުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ވިއްކާލި ކަނޑު" ވެސް އަނބުރާ ހޯދަން ޖެހޭނެ އެވެ. ރައްޔިތުން އޭނާ އިންތިހާބުކޮށްފި ނަމަ، އެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ އަހަރު ޝަންގްރިއްލާ އަލުން ހުޅުވާނަން

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި އައްޑޫ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓު އަދިވެސް ނުހުޅުވާތީ، އާންމުން އެކަމުގެ ކަންބޮޑުވުން ވެސް މުއިއްޒަށް ހުށަހެޅި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑަށް ފަހު އެތަނުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ.

ސަރުކާރުން އެންމެފަހުން ބުނި ގޮތުގައި، އެތަނުގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

މުއިއްޒު ވިދާޅުވީ އޭނާ އިންތިހާބު ކާމިޔާބުކޮށް، ފުރަތަމަ އަހަރުގެ ތެރޭގައި އެ ރިސޯޓް އަލުން ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޓޫރިޒަމް ފުޅާކުރުމަށް ގަން އެއާޕޯޓު ތަރައްގީކޮށް، އިތުރު މަންޒިލުތަކުން އައްޑުއަށް ދަތުރު ކުރެވޭނެ ގޮތް ހަދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.