Roadha Mihaaru
މިއީ ބިޔަ ލަޝްކަރެއް، ބަލިކުރެވޭނެ ބައެއް ނެތް:ޖަމީލް

މިއީ ބިޔަ ލަޝްކަރެއް، ބަލިކުރެވޭނެ ބައެއް ނެތް: ޑރ. ޖަމީލް

22 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީގައި އޮތީ ބިޔަ ލަޝްކަރެއް ކަމަށާއި އެ ލަޝްކަރު ބަލި ކުރެވޭނެ ބަޔަކު މި ރާއްޖޭގައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ސ. ހިތަދޫން އިފްރާޒް އަލީ

ޕީޕީއެމް/ޕީއެންސީގައި އޮތީ ބިޔަ ލަޝްކަރެއް ކަމަށާއި އެ ލަޝްކަރު ބަލި ކުރެވޭނެ ބަޔަކު މި ރާއްޖޭގައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އިއްޔެ އައްޑު އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

މިހާރު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލުގެ ޒިންމާ ވެސް އަދާކުރައްވާ ޖަމީލް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ބިޔަ ލަޝްކަރު ބަލި ނުކުރެވުމުގެ ހިކުމަތަކީ އެ ލަޝްކަރުގެ ބާނީ ނުވަތަ ޔާމީން ކަމަށެވެ.

"މިއީ އާދަޔާ ހިލާފު ބޭފުޅެއް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، އިއްޔެ އައްޑޫން މުއިއްޒަށް ކިޔާފައިވާ ހޫނު މަރުހަބާއާ އެކު "މި ފިޔާތޮށި ލަޝްކަރު ބައްޔެއް ނުކުރެވޭނެ" ކަން މިހާރު ޔަގީނެވެ.

މުއިއްޒު އިއްޔެ ހަވީރު އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ގިނަ ބަޔަކު ޖަމާވި އެވެ.

އަޅުގަނޑު އުންމީދު ކުރަނީ އެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޑރ. މުއިއްޒު ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެންނޭ."--- ޑރ. ޖަމީލް

ޖަމީލް ވިދާޅުވީ، މި ފަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕްރެސް ކޮންފަރެންސެއް ބާއްވައި، އިދިިކޮޅު ކެންޑިޑޭޓް މުއިއްޒަށް ފާޑުވިދާޅުވާ، ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވެސް ކުފޫ ހަމަނުވާ ކަމަށެވެ.

ވިދާޅުވީ މިދިޔަ ދެ ހަފުތާގައި ވެސް މާރިޔާ ތަކުރާރުކޮށް އިދިކޮޅަށް ފާޑުވިދާޅުވަމުން ގެންދަވާ ކަން ފާހަގަކުރެއްވޭ ކަމަށެވެ. މާރިޔާ އެ ވާހަކަ ދެއްކެމުގެ ބޭނުމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިދިޔަ ދެ ހަފުތާގައި ތަކުރާރުކޮށް އެބަ އިވޭ މާރިއާ ވިދާޅުވާ ވާހަކަ، ޕީއެންސީގެ ފަރާތުންނޭ ޑރ. މުއިއްޒު ނުކުމެވަޑައިގެން މި ހުންނެވީ، ކުޑަ ޕާޓީއަކުން. ދެން އަޑުއައްސަވާ ދެން މި ވާހަކަ މިގޮތަށް އަޑުއިވުނީމާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ހިތަށް އަރާ މާރިޔާ ކޮންއިރަކުހޭ ޕީޕީއެމް/ޕީއެންސީގެ ވާހަކަ ދައްކަން މީނަ އަށް ކުފޫ ހަމަވެގެން މި އުޅެނީ،" ޖަމީލް ވިދާޅުވި އެވެ.

"މި ދެންނެވީ މީނަ ކައިރިން އަޅުގަނޑުމެން އަހައިފިންތޯ ޕީޕީއެމް/ޕީއެންސީގެ ވާހަކަ މީނަ ދައްކަދީބަލަށޭ. އަޅުގަނޑުމެން ވެސް އެބަހުއްޓޭ ވަރަށް ބައިވަރު ވާހަކަތައް ދައްކަން. އެކަމަކު އަޅުގަނޑުމެން ނުދައްކަމެއްނު."

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖަމީލް އިޝާރަތް ކުރެއްވި ގޮތުގައި، މާރިޔާގެ މަގުސަދަކީ ޕީޕީއެމް/ޕީއެންސީގެ އެތެރެ ގަޑުބަޑުކޮށްލުމެވެ.

މާރިޔާ މި ފަހުން ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްތަކުގައި ޕީޕީއެމް/ޕީއެންސީ އަށާއި މުއިއްޒަށް ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ވަނީ މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ވައުދުތައް އިއުލާންކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ކޮޕީކޮށްގެން ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމ، މި ސަރުކާރުން މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު އަތުލާނެ ކަމުގެ ބިރު އެބައޮތެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އައްޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އައްޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީންގެ ވެރިކަމުގައި ގޯސް އެތައް ކަމެއް ހިނގާފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގައި ވެސް މުއިއްޒުގެ ބައިވެރިވުން އޮތް ކަމަށް ވެސް މާރިޔާ ތުހުމަތުކުރެއްވި އެވެ.

ޖަމީލް ރޭ ވިދާޅުވީ، ހޯދަންވީ، ވައުދަށް ކަމޭ ހިތާ އަމާނާތްތެރިއަކު ކަމަށެވެ. ހޯދަން ޖެހެނީ ކުރިން ވާ ވައުދުތައް ހަނދާން ހުންނަ އަހުދެއް ވެއްޖިއްުޔާ އެ އަހުދު ކުރިއަށް ގެންދާ މީހެކެވެ.

"އެއީ އިސްލާމްދީނުގައި އެކަން އޮތް ގޮތް. އެއީ ޝަރީއާ އަޅުގަނޑުމެންނަށް ބުނެދޭ ގޮތް،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ތާއީދު މުއިއްޒަށް އޮތް ކަން ރޭގެ ޖަލްސާގައި ވެސް ޖަމީލް ތަކުރާރު ކުރެއްވި އެވެ. ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ވެސް ޔާމީނާ ވާހަކަ ދެއްކެވުނު ކަމަށާއި މިދިޔަ ހަފުތާގައި ޔާމީނާ ބައްދަލުވި ކަމަށާއި މުއިއްޒު އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ ޔާމީންގެ ފުރިހަމަ ތާއީދާއި އެންޑޯޒްމަންޓާ އެކު ކަމަށެވެ.

"ޕީއެންސީއެއް ޕީޕީއެމެއް ކިޔާނެ ކަމެއް ނެތް. މިއީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް. މި ކަމަށް ޝައްކެއް ނުކުރައްވާ. މާތް ﷲ ގެ ތަނަވަސް ރަހުމާ އެކީގައި، ކުރީގައި ވެސް ދެންނެވި ވާހަކަ ތަކުރާރު ކޮށްލާނަން. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ނިންމާނީ 17 ނޮވެމްބަރުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި ބައިންދައިގެން،" ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޑރ. މުއިއްޒު ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެންނޭ."