Roadha Mihaaru
އަރަބިއްޔާ އެހެން ބިމަކަށް ބަދަލުކުރާނަން: މުއިއްޒު

މުއިއްޒު ވިދާޅުވީ، ޖާގަ ތަނަވަސް ބިމަކަށް އަރަބިއްޔާ ސްކޫލް ބަދަލު ކުރާނެ ކަމަށް

23 އޯގަސްޓް 2023

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި މި ސަރުކާރުން އިމާރާތް ކުރަން ހަވާލުކޮށްފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް، މާލޭގެ ޖާގަ ތަނަވަސް އެހެން ބިމަކަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި މި ސަރުކާރުން އިމާރާތް ކުރަން ހަވާލުކޮށްފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް، މާލޭގެ ޖާގަ ތަނަވަސް އެހެން ބިމަކަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކަނޑިތީމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަރަބި އިސްލާމީ ތައުލީމު ދިނުމަށް ހާއްސަ އަރަބިއްޔާ ސްކޫލަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެކަން ޕީޕީއެމްގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، ހަލާކުވުމުން އެ ސްކޫލް ކުދިން ބަދަލުކުރީ "ޓިނު ގުދަނެއް" ކަހަލަ ތަނަކަށް ކަން ފާހަަގަކުރައްވައި މުުއިއްޒު ވަނީ އާ އިމާރާތް ބާ ޖަމާލުއްދީން ބިމުގައި ހަދާތީ ފާޑުވިދާޅުވެފަ އެވެ. ޖަމާލުއްދީން ސްކޫލާ އިންވެގެން އޮތް އެ ބިމުގައި އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ހަވާލުކުރިއިރު ވެސް އެ ޖަމާލުއްދީން ސްކޫލްގެ ޖާގަ އިތުރުކުރަން ޖެހޭނެ ކަން މި ސަރުކާރަށް އެނގޭނެ ކަމަށް މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

"މާލޭގައި އެބައޮތް އަރަބިއްޔާ ސްކޫލް އެޅޭނެ ބިން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް އެއީ. މާލޭގައި ފުރަމާލޭގައި އިސްލާމީ ތައުލީމު ދޭން އަރަބިއްޔާ އަށް ބޮޑު ބިމެއް ކަނޑައަޅާނަން," --- މުއިއްޒު

"ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންނަށް ރައްޔިތުންނަށް ދިނީ ވަރަށް ބޮޑު ދޯކާއެއް. އެންމެ ބާރު ބޮޑު އެންމެ ތޮށްޖެހިފައި އޮތް ބިން ބަލާފައި މައްޗަންގޮޅީގައި ވަރަށް އުނދަގޫ ސަރަހައްދެއްގައި، ވަށައިގެން އޮތް މަގު ފުޅާ ނުކޮށްފިއްޔާ ދުއްވަން ވެސް އުނދަގޫވާނެ ބިމެއް އެއީ. ނަގާފައި އަދި އެ ތަން ވެސް ނުދިން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ހެދޭނެ ޖާގަ ތަނަވަސް އިތުރު ބިންތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. ރައީސް ކަމަށް އިންތިހާބު ކޮށްފި ނަމަ އެ އިން ބިމެއްގައި ޒަމާނީ އަރަބިއްޔާ ސްކޫލެއް އިމާރާތްކޮށްދީ, ޒަމާނަށް ފެތޭ ގޮތަށް ތައުލީމު ދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާލޭގައި އެބައޮތް އަރަބިއްޔާ ސްކޫލް އެޅޭނެ ބިން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް އެއީ. މާލޭގައި ފުރަމާލޭގައި އިސްލާމީ ތައުލީމު ދޭން އަރަބިއްޔާ އަށް ބޮޑު ބިމެއް ކަނޑައަޅާނަން," މުއިއްޒު ވިދާޅުވި އެވެ.