Roadha Mihaaru
ޕާކިން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން

މާލެ އިން ޕާކިން ޖާގަ ކުއްޔަށް ދީގެން ކައުންސިލަށް 3.9 މިލިއަން

22 އޯގަސްޓް 2023

މާލެ އިން ދޫކޮށްފައިވާ ޕާކިން ޖާގަތަކުން ސިޓީ ކައުންސިލަށް މިހާތަނަށް 3.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ އިން ދޫކޮށްފައިވާ ޕާކިން ޖާގަތަކުން ސިޓީ ކައުންސިލަށް މިހާތަނަށް 3.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން އެހެން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގަ އެވެ. "މިހާރު" އިން މިދިޔަ ޖޫން މަހު ސިޓީ ކައުންސިލްގައި އެދުނީ މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކުގެ އަދަދާއި އެ ޖާގަތަކުން ލިބުނު ފައިސާގެ އަދަދު ތައް ހޯދުމަށެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު އެ އަށް ޖަވާބު ދެމުން ކައުންސިލުން ބުނީ، މާލޭގައި ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކަކީ ވިއްކާފައިވާ ތަންތަން ނޫން ކަމަށައި އެއީ ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކަމަށެވެ.

ކައުންސިލުން ބުނީ މި އަހަރުގެ މޭ މަހުގެ ނިޔަލަށް 776 ޕާކިން ޖާގަ ދޫކޮށްފައިވާ ކަމަށެވެ. އެއީ ޑިޕްލޮމެޓިކް މިޝަން ތަކާއި ވިޔަފާރި ވެރިންނަށާއި ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންނާއި އާންމުންނަށް (ޕްރައިވެޓް ވެހިކަލް ތަކާއި ޓެކްސީތައް) ދޫކޮށްފައިވާ ޖާގަ ތަކެވެ.

މާލެ މަގުމަތިން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކެއް.-- ފޮޓޯ: ނިޝާން އަލީ މިހާރު

މާލެ މަގުމަތިން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކެއް.-- ފޮޓޯ: ނިޝާން އަލީ މިހާރު

ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކުގެ އަދަދު:

1. ޑިޕްލޮމެޓިކް މިޝަންތައް، ވިޔަފާރިތަކާއި ސަރުކާރުގެ ވެރިންނަށް: 63 ސްލޮޓް.

2. ޕްރައިވެޓް ވެހިކަލްތަކާއި ޓެކްސީތަކަށް: 713 ސްލޮޓް.

މާލޭގެ މަގުތަކުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރު އެވެ. ޕާކިން އަށް ދޭ ޖާގައިގެ ކުލި އުޅެނީ 750ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ ވެރިންނަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުން 591،216.97ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އާންމުންނަށް ދޫކޮށްފައިވާ ސްލޮޓްތަކުން ލިބުނީ 3،396،850ރ. އެވެ.