Roadha Mihaaru
އަގުބޮޑު ޓްރާންސްފާތަކާއެކު ވެސް ޗެލްސީ އަދި މޮޅެއްނުވޭ

އަގުބޮޑު ޓްރާންސްފާތަކާ އެކު ވެސް ޗެލްސީއަށް އަދި މޮޅެއް ނުލިބޭ

21 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް މި ސީޒަންގައި ކުޅުންތެރިން ގަންނަން އެންމެ ބޮޑު ހޭދައެއް ކުރި ޗެލްސީ، ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 3-1 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް މި ސީޒަންގައި ކުޅުންތެރިން ގަންނަން އެންމެ ބޮޑު ހޭދައެއް ކުރި ޗެލްސީ، ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 3-1 އިން ބަލިވެއްޖެ އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗަކީ މި ސީޒަންގައި އެޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ވަނީ އެއްވަރު ކޮށްފަ އެވެ.

ރޭގެ މެޗުގެ ހަތްވަނަ މިނިޓުގައި ޖޭމްސް ވާޑް ޕްރައުސް ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި ވެސްޓް ހޭމް އަށް ލީޑު ނަގައިދިނީ ނާއިފް އައުގާޑެވެ. މެޗުގެ 28 ވަނަ މިނިޓުގައި ކާނީ ޗުކުމެކާ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، ހާފު ނިމެނިކޮށް އޭނާއަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ޗުކުމެކާ އަށް އަނިޔާ ވުމުގެ ކުޑަ އިރުކޮޅެއް ކުރިން ހާފު ނިމުމުގެ ކުރިން ލީޑު ނަގަން ޗެލްސީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ރެކޯޑް 132.5 މިލިއަން ޑޮލަރުގެ އަގަކަށް ގެނައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ، ވެސްޓް ހޭމްގެ ކީޕަރު އަލްފޮންސޭ އެރިއޯލާ ވަނީ ދިފާއު ކޮށްފަ އެވެ. މިއީ އޭނާ ލީގުގައި ދިފާއު ކުރި ފުރަތަމަ ޕެނަލްޓީއެވެ.

އައުގާޑް، ވެސްޓް ހޭމަށް ލީޑު ނަގައިދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އައުގާޑް، ވެސްޓް ހޭމަށް ލީޑު ނަގައިދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގެ އަށްވަނަ މިނިޓުގައި ވާޑް ޕްރައުސްގެ އެހީތެރިކަމާއެކު މިޝޭލް އެންޓޯނިއޯ ވެސްޓް ހޭމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނުމާ އެކު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ، މިދިޔަ ހަފްތާ ބްރައިޓަން އަށް 127 މިލިއަން ޑޮލަރު ދީފައި ގެނައި އިކުއެޑޯގެ މޮއީސެސް ކައިސެޑޯ ފުރަތަމަ ފަހަރަށް ކުޅެން އަރުވައިފަ އެވެ. ކައިސެޑޯ ގެނައީ ބޯނަސްގެ ގޮތުގައި ބްރައިޓަން އަށް އިތުރު 19.1 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ކައިސެޑޯ އެރުވިތާ މާ ގިނައިރެއް ނުވެ ފޯވާޑް ނިކޮލަސް ޖެކްސަން އަށް ކުރި ފައުލަކާ ގުޅިގެން ވެސްޓް ހޭމަށް ފުރަތަމަ ލީޑު ނަގައިދިން އައުގާޑަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން އެޓީމުން މެޗުގެ ބާކީ ވިއްސަކަށް މިނިޓް ކުޅުނީ އެކަކު މަދުކޮށެވެ. ނަމަވެސް ޗެލްސީއަށް އޭގެ މާ ބޮޑު ފައިދާއެއް ނުނެގުނެވެ. މެޗުގެ އިތުރު ވަގުތުގައި ވެސްޓް ހޭމުން އިތުރު ގޯލެއް ޖެހީ، ކައިސެޑޯ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ޖެހީ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އެވެ.

ޗެލްސީގެ ރަހީމް ސްޓާލިން އާއި ޖެކްސަންގެ އިތުރުން ބެން ޗިލްވެލް އަށް ވެސް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައި ވާއިރު، ކައިސެޑޯ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.

ޕޮޗެޓީނޯ، މަޑުއެކޭ ކުޅެން އެރުވުމުގެ ކުރިން އޭނާއަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯ، މަޑުއެކޭ ކުޅެން އެރުވުމުގެ ކުރިން އޭނާއަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯ ބުނީ ޗެލްސީން ހޯދި ގިނަ ފުރުސަތުތައް ނާކާމިޔާބު ވުމަކީ ބަލިވުމުގެ މައިގަނޑު މައްސަލަ ކަމަށެވެ. ޗެލްސީން ވަނީ މެޗުގައި 75 ޕަސެންޓު ބޯޅަ ގެންގުޅެ، 17 ހަމަލާ ފޮނުވާލައި 706 ޕާސް ޖަހައިފަ އެވެ. ވެސްޓް ހޭމް ފުރިހަމަ ކުރީ 22 ޕާހެވެ.

"ޕެނަލްޓީ ނާކާމިޔާބު ވުމުން ވަރަށް އުނދަގޫވި. އަހަރެމެން ރަނގަޅަށް ކުޅުނިން އެކަމު ނަތީޖާއެއް ނުނެރެވުނު،" މެޗަށް ފަހު ޕޮޗެޓީނޯ ބުންޏެވެ.

"ވަރަށް ދެރަވޭ، އެކަމު މިއީ ފެށުމެއް. މި ޕްރޮސެސް އަށް އިތުބާރު ކޮށްގެން ކުރިއަށް ދާނީ، އަހަރެންނަށް ޔަގީން ކުރިމގުގައި އަހަރެމެން މާ ބޮޑަށް ވެސް ވަރުގަދަވެ، ވާދަވެރި ވެސް ވާނެ."

ޗެލްސީން ވަނީ މި ސީޒަންގައި ޓްރާންސްފާ ފީގެ ގޮތުގައި މިހާތަނަށް 430 މިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ. ހަރަދުގެ ގޮތުން ޗެލްސީއާ އެންމެ ގާތްކުރާ އާސެނަލް މިހާތަނަށް ހަރަދު ކޮށްފައި ވަނީ 265 މިލިއަން ޑޮލަރެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ހަރަދު ކޮށްފައި ވަނީ 207 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ޗެލްސީއާ ހަވާލުވި އާ ވެރިޔާ، އެމެރިކާގެ ޓޮޑް ބޯލީ ވަނީ ކްލަބާ ހަވާލު ވުމަށްފަހު ތިން ޓްރާންސްފާ ބާޒާރުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދު ކޮށްފަ އެވެ.