Roadha Mihaaru
މަޑުމަޑުން ތިބެގެން ނުވާނެ، ހަރަކާތް އަވަސްކުރަން ޖެހޭ

މަޑުމަޑުން ތިބެގެން ނުވާނެ، ހަރަކާތް އަވަސްކުރަން ޖެހޭ: ޕޮޗެޓީނޯ

29 އޮކްޓޯބަރ 2023

ލަންޑަން (އޮކްޓޫބަރު 29) - ޗެލްސީގައި ތިބި ޒުވާން ކުޅުންތެރިން އެޓޭކުގައި މަޑުމަޑުން ނުތިބެ ހަރަކާތް އަވަސްކުރަން ޖެހޭ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ލަންޑަން (އޮކްޓޫބަރު 29) - ޗެލްސީގައި ތިބި ޒުވާން ކުޅުންތެރިން އެޓޭކުގައި މަޑުމަޑުން ނުތިބެ ހަރަކާތް އަވަސްކުރަން ޖެހޭ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ، އަމިއްލަ ދަނޑުގައި ރޭ ބްރެންޓްފޯޑާ ވާދަކޮށް 2-0 އިން ޗެލްސީ ބަލިވި މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުންނެވެ.

އީތަން ޕިނޮކް މެޗުގެ 58 ވަނަ މިނިޓުގައި ބްރެންޓްފޯޑްގެ ފުރަތަމަ ގޯލު ޖަހައިދިންއިރު، ދެވަނަ ގޯލު މެޗުގެ އެންމެ ފަހު ވަގުތު ޖެހީ ބްރަޔަން އެމްބެއުމޯ އެވެ.

"އަހަރެމެން މަޑުމަޑުން ނުތިބެ ތަންކޮޅެއް ހަރަކާތްތެރިވާން އެބަ ޖެހޭ އެޓޭކިން ތާޑުގައި، ހަމަލާތައް ސީދާ ކޮށްލަން ޖެހޭ،" ޕޮޗެޓީނޯ ބުންޏެވެ.

"އަހަރެމެންގެ ވަރަށް ޒުވާން ގުރޫޕެއް މި ތިބީ. އެހެން ހުރިހާ ޑިޕާޓްމަންޓަކަށް ވުރެ ބޮޑަށް އެޓޭކުގައި ކުރިއެރުން ހޯދަން މަސައްކަތް ކުރަން އެބަ ޖެހޭ."

ޗެމްސީން މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލާ އަމާޒު ކޮށްލެވުނީ އެންމެ ދެ ހަމަލާއެވެ.

ޕިނޮކް، ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ފުރަތަމަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕިނޮކް، ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ފުރަތަމަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހަތަރު މެޗުގައި ޗެލްސީއަށް ގޯލު ނުޖެހެ އެވެ. އަނެއް ހަ މެޗުން ޗެލްސީއަށް ޖެހުނީ 13 ގޯލެވެ. ލީގު 11 ވަނައިގައި އޮތް ޗެލްސީއަށް ވުރެ ކުރީގައި އޮތް ޓީމުތަކުގެ ތެރެއިން ޗެލްސީއަށް ވުރެ މަދުން ގޯލު ޖަހާފައި ވަނީ، މެންޗެސްޓާ ޔުނައިޓެޑެވެ.

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިވެފައި ވާއިރު، އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 ލީގު މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މި ސީޒަންގައި އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން އަތުން އެކަންޏެވެ.

"އަހަރެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ. ކުޅުންތެރިންނާއި ކްލަބުން ވެސް ހިތްހަމައެއް ނުޖެހޭ. އަހަރެމެން މެޗުތަކުގައި ފެންވަރު ހިފަހައްޓަން ޖެހޭ. މޮޅަށް ކުޅެ މެޗެއް ކާމިޔާބުކޮށްފައި، ދެން އަންނަ މެޗެއްގައި މޮޅަށް ކުޅެ ބަލިވުން، އެގޮތް ބަދަލުވާން އެބަ ޖެހޭ،" ހިތްހަމަ ނުޖެހިފައި ހުރި ޕޮޗެޓީނޯ ބުންޏެވެ.

ބްރެންޓްފޯޑް ވެފައި ވަނީ ޕްރިމިއާ ލީގު ތާރީހުގައި ވެސް ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ޗެލްސީގެ އެންމެ ފަހުގެ ދެ ކޯޗުން އަމިއްލަ ދަނޑުގައި މޮޅުވި މެޗުތައް އެއްކޮށްލައިގެން ވެސް ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ޗެލްސީގެ ދަނޑުގައި މޮޅުވި އަދަދަށް މޮޅެއް ނުހޯދެ އެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅު ވަގުތީގޮތުން ޗެލްސީއާ ހަވާލުވި ފްރޭންކް ލަމްޕާޑަށް ސްޓޭމްފޯޑް ބްރިޖުގައި މޮޅެއް ހޯދައިނުދެވުނުއިރު، މި ސީޒަންގައި ޕޮޗެޓީނޯ އަށް މޮޅެއް ހޯދައިދެވުނީ އެންމެ މެޗަކުންނެވެ. ނަމަވެސް ލީގް ކަޕްގައި އޭއެފްސީ ވިމްބެލްޑަން އާއި ބްރައިޓަން އަތުން މި ސީޒަންގައި ޗެލްސީ މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެގެންނެވެ.

އެއްވަނައިގައި އަދިވެސް ޓޮޓެންހަމް

ހުކުރު ދުވަހުގެ ރޭ 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ވަނީ އެއްވަނައިގައި އެޓީމު ދަމަހައްޓަމުން އަންނަ ދެ ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ.

ޖޭމްސް މެޑިސަން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ޕެލަސްގެ ޖޮއެލް ވާޑް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުން ޓޮޓެންހަމަށް ލީޑު ލިބުނުއިރު، ލީޑު ފުޅާ ކުރީ ސޮން ހެއުން މިން ކާމިޔާޞުކުރި ގޯލަކުންނެވެ. ޕެލަސް އަށް ސުން ކަނޑުވާލަދިނީ އެންމެ ފަހު ވަގުތު ޖޯޑަން އަޔޫ އެވެ.

ޓޮޓެންހަމް އެއްވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު ދެވަނައިގައި އޮތީ ރޭ 5-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރި އާސެނަލް އެވެ. އެޑީ ކޭޓިއާ މެޗުގައި ހެޓްރިކް ހެދިއިރު، ފަބިއޯ ވިއޭރާ އާއި ޓަކެހީރޯ ޓޮމިޔާސޫ ވެސް ގޯލެއް ޖެހި އެވެ.

އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ.

ނިއުކާސަލް ޔުނައިޓެޑް ވަނީ ރޭ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަަށް 2-2 އިން އެއްވަރުވެފަ އެވެ. ކެލަމް ވިލްސަން ނިއުކާސަލް އަށް ލީޑު ނަގައިދިންއިރު، މާރިއޯ ލެމީނާ ނަތީޖާ އެއްވަރު ކޮށްދިނެވެ. ނިއުކާސަލް އިން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ވެސް ވިލްސަން އެވެ. ދެވަނަ ހާފުގައި ވުލްވްސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ ހްވަންގް ހީ ޗާން އެވެ.