Roadha Mihaaru
ޗެލްސީ މޮޅުކުރަން ޕޮޗެޓީނޯ ނެގީ 15 އަހަރުގެ ކާމިޔާބީ

ޗެލްސީ މޮޅުކުރަން ޕޮޗެޓީނޯ ނެގީ މިދިޔަ 15 އަހަރުގެ ކާމިޔާބީ

04 ޖުލައި 2023

ލަންޑަން (ޖުލައި 4) - މިދިޔަ 10 - 15 ވަރަކަށް އަހަރަށް ބަލާއިރު އިންގްލެންޑުގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު ޓީމަކީ މިދިޔަ މެއި މަހު އޭނާ ކޯޗުކަމާ ހަވާލުވި ޗެލްސީ ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (ޖުލައި 4) - މިދިޔަ 10 - 15 ވަރަކަށް އަހަރަށް ބަލާއިރު އިންގްލެންޑުގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު ޓީމަކީ މިދިޔަ މެއި މަހު އޭނާ ކޯޗުކަމާ ހަވާލުވި ޗެލްސީ ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އާޖެންޓީނާ އަށް އުފަން ކޯޗު އެހެން ބުނިއިރު ޗެލްސީ އިން ވަނީ 2004 އިން ފެށިގެން މިދިޔަ ސީޒަނާއި ހަމައަށް 21 ތަށި ހޯދައިފަ އެވެ. އޭގެތެރޭގައި ފަސް ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ތަށި ހިމެނެ އެވެ.

ޗެލްސީގެ ކާމިޔާބީ ފެންނަން އޮތަސް މިދިޔަ ސީޒަނުގައި އެޓީމުގެ ކުޅުން ދަށްވެ ދެ ކޯޗުން މަގާމުން ވަކިކުރި އެވެ. ފޯމެއް ގެއްލުނު ގޮތަށް އެޓީމު ލީގު ނިންމާލީ 12 ވަނައިގަ އެވެ.

"މިދިޔަ 10، 12، 15 ވަރަކަށް އަހަރަށް ބަލާއިރު ޗެލްސީ އަކީ އެންމެ މޮޅު ޓީމު" ކުރިން ސައުތެމްޓަނާއި ޓޮޓެންހަމް ހޮޓްސްޕާ އަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

ޕްރިމިއާ ލީގަށް އެނބުރި އައިސް ޕޮޗެޓީނޯގެ އަމާޒަކީ ޗެލްސީ އަކީ މޮޅުވާ ޓީމަކަށް ހަދައި އެންމެ އުހަށް އެރުވުމެވެ.

އުމުރުން 51 އަހަރުގެ ކޯޗު ޓޮޓެންހަމް ދޫކޮށްލުމަށް ފަހު ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެކަމަކު އެ ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަކަށް ނުލިބުނެވެ. ޕޮޗެޓީނޯ ޕީއެސްޖީ އަށް އިރުޝާދުދިން ފުރަތަމަ ފުލް ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބު ކުރި އެވެ.

މީގެކުރިން އިންގްލެންޑުގައި ކޯޗުކަން ކޮށްދިން ހަ އަހަރު ޕޮޗެޓީނޯ އަށް ތައްޓެއް ނުހޯދުނެވެ. އެކަމަކު 2019 ވަނަ އަހަރު ޓޮޓެންހަމް ގޮވައިގެން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި އެވެ. ފައިނަލުގައި ބަލިވީ ލިވަޕޫލް އަތުންނެވެ.

ޗެލްސީއާ ހަވާލުވުމަށް ފަހު ޕޮޗެޓީނޯ އަންނަނީ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މިހާރު ވެސް އެޓީމުން ވަނީ ކަލިދޫ ކުލިބަލީ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި އެންގޯލޯ ކާންޓޭ އާއި މޭސަން މައުންޓްގެ އިތުރުން މަޓެއޮ ކޮވަސިޗް އަދި ރުބެން ލޮފްޓަސް-ޗީކް ވިއްކާލައިފަ އެވެ.

ޗެލްސީ އަށް ގެނައީ އާރުބީ ލައިޕްޒިގަށް ކުޅުނު ފޯވާޑް ކްރިސްޓޯފް އެންކޫކޫ އާއި ވިޔަރެއާލްގެ ސެނެގޯލް ފޯވާޑް ނިކޮލަސް ޖެކްސަން އެވެ.

"ފުޓްބޯޅައިގައި އަބަދުވެސް ވެއްޓުމާއި އެރުން އޮންނާނެ. އެކަމަކު ޗެލްސީއަކީ މިވަރުގެ ވެއްޓުމެއް އަންނަންޖެހޭ ކްލަބެއް ނޫން. މި ކްލަބުގެ ތާރީހު ދައްކުވައިދެނީ މިއީ އެންމެ އުހުގައި އޮންނަން ޖެހޭ ކްލަބެއްކަން" ޗެލްސީ އަށް ބަދަލެއް ގެންނާނެ ކަމުގެ އުއްމީދު ދެމުން ޕޮޗެޓީނޯ ބުންޏެވެ.