Roadha Mihaaru
ގާސިމްގެ އަމާޒަކީ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަކުރުން

ގާސިމްގެ ތަސައްވަރަކީ ރާއްޖެ އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ނަމޫނާ ދުނިޔެއަށް ދެއްކުން

17 އޯގަސްޓް 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރާއްޖެއަކީ ސުލްހައަށް ލޯބިކުރާ، ފަހުރުވެރި އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ދުނިޔެއަށް ނަމޫނާ ދައްކާނެ ގައުމަކަށް ހެދުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރާއްޖެއަކީ ސުލްހައަށް ލޯބިކުރާ، ފަހުރުވެރި އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ދުނިޔެއަށް ނަމޫނާ ދައްކާނެ ގައުމަކަށް ހެދުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާ ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ "އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުން" ސިޔާސަތުގެ ދަށުން އިސްލާމް ދީން ހިމާޔަތްކޮށް ކުރިއެރުވުމަށް ޖޭޕީގެ ސަރުކާރެއްގައި ގެންގުޅޭނެ ތަސައްވަރުގެ މައުލޫމާތު ހިއްސާކުރަން މިރޭ ބޭއްވި މެނިފެސްޓޯ ކޮމިޓީގެ މެމްބަރު މޫސާ ނިޒާރު ވިދާޅުވީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ އަސްލަކީ އިސްލާމް ދީން ކަމަށެވެ.

"ގައުމު ތަރައްގީ ކުރެވޭނީ، ގައުމު ކުރިއަށް ގެންދެވޭނީ މުސްލިމުންގެ ގޮތުގައި ދިވެހިން ތިބެގެން. އެއީ އަޅުގަނޑު އެންމެންގެ އެދުމަކީ، އަޅުގަނޑުމެންގެ ދުއާ އަކީ ވެސް އެއީ،" ނިޒާރު ވިދާޅުވި އެވެ.

އެ ޕެނަލްގައި ގާސިމްގެ އެޑްވައިޒަރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތު ގުޅިފައި އޮތީ އިސްލާމް ދީނާ ކަމަށެވެ.

އެކަމަކު ފަހަކަށް އައިސް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް އިތުރުވަމުން އަންނަ ކަމަށާއި އެކަމަށް ގާސިމްގެ ވެރިކަމެއްގައި އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ދީނަށް ފުރައްސާރަކުުރުމަށް އެއްވެސް ޖާގައެއް ނުދެވޭނެ،" ހައިލަމް ވިދާޅުވި އެވެ.

އިސްލާމް ދީނާއި އަގީދާ ވަރުގަދަކުރަން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ޑިޕްލޮމާ އިން ފެށިގެން މަތީ ކޯސްތައް ނިންމުމުގެ ކުރިން އިސްލާމީ އަހުލާގިއްޔާތު މޮޑިޔުލެއް ކިޔަވާ ގޮތަށް ހަމަޖައްސަން ގާސިމްގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

އަދި ފާތުވާދޭ މަޖިލީހުގެ ދައުރު ފުޅާކުރުމުގެ އިތުރުން ކޮންމެ އަހަރަކު 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ ގާސިމްގެ ވައުދެކެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ރައުޔުތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އިސްލާމް ދީނުގެ ހަމަތަކުގެ މަތިން، ޖޭޕީގެ ވެރިކަމެއްގައި ތައުލީމީ ނިޒާމު ވެސް ބައްޓަންކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުން" ގެ މުހިންމު ބައެއް ބައިތައް

- އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުން.

- އަހަރުގެ ތެރޭގައި ޤުރުއާން ތަފްސީރު ދިވެހި ބަހުން ޝާއިއުކުރުން.

- ހުޅުމާލެ އާއި އުތުރާއި ދެކުނުގައި އިސްލާމިކް ސެންޓަރު ގާއިމުކުރުން.

- ޤުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކުރުމާއި މާފުކުރުމުގެ އުސޫލެއް ގާއިމުކުރުން.

- ދިވެހި ބަހުން ލިޔެފައި ހުންނަ ދީނީ ފޮތްތައް އިތުރުކޮށް، އިސްލާމިކް ލައިބްރަރީއެއް ގާއިމުކުރުން.

- 500 ހާފިޒުން އުފައްދައި ހާފިޒުންގެ އެލަވަންސް މަހަކު 3،000ރ. އަށް ބޮޑުކުރުން.

- ދީނީ އިލްމުވެރިންގެ މަހާސިންތާ ތަކުން ނިންމާ ރެކަމެންޑޭޝަންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސިޔާސަތު ކަމުގައި ހެދުން.

ނިޒާރު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ގައުމު ހިންގި ނަމަވެސް، ގާނޫނުއަސާސީގައި ވެސް އޮތީ އިސްލާމީ ޝަރީއަތް އިސްކޮށްފައި ކަމަށެވެ. އެހެން ގައުމުތަކާ ގުޅިގެން ކުރާ މަސައްކަތުގައި ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމް ކުރި ނަމަވެސް، ގާސިމްގެ ވެރިކަމެއްގައި އިސްލާމް ދީން ފުރިހަމައަށް ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑުމެން އެކަން ކުރާނީ އިސްލާމީ ޝަރީއަތާއި ދީނާ ފުށުނާރާ ގޮތަށް،" ނިޒާރު ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ކުރުމުގައި ވެސް ގާސިމް އިސްކުރައްވާނީ އިސްލާމް ދީން ކަމަށެވެ.

އަދި އިންސާނީ ހައްގުތައް ހޯދައި ދިނުމުގެ ނަމުގައި އިސްލާމީ ޝަރީއަތާއި ދީނާ ފުށުއަރާ އެއްވެސް ކަމެއް ގާސިމް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.