Roadha Mihaaru
"ދައުލަތުގެ ބައި ސެންޓުވެސް ވިލާގެ ތިޖޫރިއަށް ނުވަދޭ"

ދައުލަތުގެ ބައި ސެންޓު ވެސް ވިލާގެ ތިޖޫރިއަށް ވަދެފައެއް ނޯންނާނެ: ގާސިމް

16 އޯގަސްޓް 2023

ދައުލަތުގެ ފައިސާ މެނޭޖުކުރާ ގިނަ މަގާމުތަކެއް މިހާތަނަށް އަދާކުރައްވާފައިވީ ނަމަވެސް، ދައުލަތުގެ ބައި ސެންޓަށް ވެސް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ ފައިސާ މެނޭޖުކުރާ ގިނަ މަގާމުތަކެއް މިހާތަނަށް އަދާކުރައްވާފައިވީ ނަމަވެސް، ދައުލަތުގެ ބައި ސެންޓަށް ވެސް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބުތަކާ އެކު ރޭ ބޭއްވި ފޯރަމެއްގައި ގާސިމް ވިދާޅުވީ، މިހާތަނަށް ވެރިކަން ކުރި ސަރުކާރުތަކުން ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި ވާހަކަތައް ފެންމަތިވެފައިވާ ކަމަށެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަމާއި އައިއެމްއެފާއި ވޯލްޑްބޭންކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ފަދަ ދައުލަތުގެ ފައިސާ މެނޭޖު ކުރުމުގެ ގިނަ މަގާމުތަކެއް އަދާކުރެއްވިއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދައުލަތުގެ ބައި ސެންޓު ވެސް ނޯންނާނެ ވިލާގެ ތިޖޫރިއަށް ވަދެފައި،" ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އެއް ކުންފުނި ވިލާ ގުރޫޕުގެ ޗެއާމަންކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވީ ކުރައްވާނެ ކަމެއް ނެތިގެން ނޫނެވެ. ބޭނުންވަނީ ހުރިހާ ދިވެހިން ތަނަވަސްކަމުގެ އަހުލުވެރިންނަށް ހެދުމަށްޓަކައި ދެއްވެން ހުރި ހުރިހާ ފިލާވަޅެއް ދެއްވަން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ތިޔަ ބޭފުޅުން، [ރައީސުލްޖުުމްހޫރިއްޔާގެ ގޮތުގައި] ޓެސްޓް ކޮށްލައްވަން ވެސް ރަނގަޅެއް ނޫންތޯއޭ އަޅުގަނޑު މި އަނގަތަޅަމުން ދާއިރު، ކޮންމެ ފަހަރަކު ވެސް ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟" ގާސިމް ސުވާލު ކުރެއްވި އެވެ.

އޭގެ ސަބަބު ސާފުކޮށް ދެއްވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓު ދެ ފަހަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް ވެސް ހޮވަން މަސައްކަތް ކޮށްދެއްވާފައި ވާނެ ކަމަށެވެ.

"މިހާރު މި ހުރި ރައީސް ވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަނެއްކާ ޕީޕީއެމްގެ ރައީސް [ކުރީގެ ރައީސް އަބްދުﷲ ޔާމީނު] ވެސް ހޮވައިދިނީ ހަމަ އަޅުގަނޑު،" ގާސިމް ވިދާޅުވި އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި، މަދަނީ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބުތަކާ ގުޅޭގޮތުން ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ބައިތައް ވަނީ ހިއްސާކޮށްދީ، އެ ދާއިރާތައް ކުރިއަރުވަން އެ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ތަސައްވަރު ހާމަކޮށްދީފަ އެވެ.

މެނިފެސްޓޯގެ މުހިންމު ބައެއް ބައިތައް

- ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތުލީޓުން އިންޝުއާ ކުރުން.

- އެސޯސިއޭޝަންތަކަށް ބިން މިލްކުވެރިކޮށްދީ، ބޯހިޔާވަހިކަން ދިނުން.

- "މަދަނީ ޖަމިއްޔާ ބިލްޑިން" ގާއިމުކޮށް ދަރުމަވެރިންގެ ހައްގު ކަށަވަރުކުރުން.

- ކުޅިވަރުގެ ގާނޫނު އިސްލާހުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

- ކުޅިވަރުގައި ހޯމް އެންޑް އަވޭ މޮޑެލް ތައާރަފުކުރުން.

- ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޕްރޮފެޝަނަލް ވެވޭނެ ފަދަ މުސާރައެއް.

- އާ އީޖާދީ ވިސްނުމަށް މާލީ އެހީތެރިކަން.

ރޭގެ ބައްދަލުވުމުގައި ބައިވެރި ބައެއް ބައިވެރިންގެ ސުވާލުތަކާއި ހިލާޔުތަކަށް ޖަވާބުދީ، އެ ކަންތައްތައް މެނިފެސްޓޯގައި ހިމަނާނެ ކަމަށް ޖޭޕީން ބުންޏެވެ.