Roadha Mihaaru
ކަސްޓަމަރުންނަށް ހާއްސަކޮށް "އާބަން ސެންޓަރު" ހުޅުވައިފި

ކަސްޓަމަރުންނަށް ހިދުމަތްދޭން "އާބަން ސެންޓަރު" ހުޅުވައިފި

08 އޯގަސްޓް 2023

އާބަންކޯއިން ކަސްޓަމާ ސާވިސް ހިދުމަތަށް ހާއްސަކޮށް "އާބަން ސެންޓަރު" ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާބަންކޯއިން ކަސްޓަމާ ސާވިސް ހިދުމަތަށް ހާއްސަކޮށް "އާބަން ސެންޓަރު" ހުޅުވައިފި އެވެ.

މިތަން ހުޅުވީ ސެންޓްރޯ މޯލްގެ ގްރައުންޑް ފްލޯގަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، މި ސެންޓަރުގެ ބޭނުމަކީ އެ ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެއްތަނަކުން ފަސޭހަކަމާ އެކު ހިދުމަތްތައް ދިނުން ކަމަށެވެ. ކަސްޓަމަރުންނަށް ހާއްސަ އޭރިއާއެއް ކުރިން ނެތުމުން، ބިލް ދެއްކުމާއި މައުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް އަލަށް ހެދި ކަސްޓަމާ ކެއާ ސެންޓަރުން އެފަދަ ކަންކަން ހައްލުވާނެ ކަމަށެވެ.

އާބަން ސެންޓަރުގައި ކަސްޓަމަރުންނަށް ހިދުމަތްދޭން، ހަ ކައުންޓަރު ހުރެ އެވެ. އަދި ވަކި ވަކި ކަސްޓަމަރުންނަށް އިތުރަށް މައުލޫމާތު ދިނުމަށް ހާއްސަ މީޓިން އޭރިއާއެއް ވެސް ހުރެ އެވެ.

އާތިފު ވިދާޅުވީ، ސެންޓްރޯ މޯލްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތްދޭ ހާއްސަ ސެންޓަރެއް ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ހިދުމަތްތައް އަވަސް ކުރުމަށް އޮންލައިންކޮށް ވަސީލަތްތައް ބޭނުން ކުރަމުން އަންނަ އިރު ވެސް މައުލޫމާތު ހޯދަން އަންނަ މީހުންނަށް ކޯލް ސެންޓަރުން ޖަވާބު ނުލިބޭ ހާލަތުގައި މިތަނުން އެ މައުލޫމާތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"އާބަން ސެންޓަރު" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އާތިފު ވާހަކަދައްކަވަނީ. -- ފޮޓޯ: އާބަންކޯ

"އާބަން ސެންޓަރު" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އާތިފު ވާހަކަދައްކަވަނީ. -- ފޮޓޯ: އާބަންކޯ

އާބަން ސެންޓަރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް ކުރިއަށްދާނެ އެވެ. އެ ސެންޓަރުގައި ހިދުމަތް ފޯރުކޮށްދޭން 15 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އާތިފު ވިދާޅުވީ، ކަސްޓަމަރުންނަށް ވީހާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ފްލެޓްތަކުގެ ކުއްޔާއި އާބަންކޯ އިން ތިލަފުއްޓާއި ގުޅީފަޅުގައި ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށް ލިޔުންތައް ހުށަހަޅަން ދެން ޖެހޭނީ އާބަން ސެންޓަރަށެވެ.