Roadha Mihaaru
ނެށުމާ ދެކޮޅުހެދި ޓީޗަރު ވަޒީފާއިން ވަކިކުރީ ގޯސްކޮށް

ނެށުމާ ދެކޮޅުހެދި ޓީޗަރު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި

08 އޯގަސްޓް 2023

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި އެއް ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި އެއް ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.

މިއުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދީ އެ ރަށު ޕްރީ ސްކޫލުގެ ހަަތަރު ޓީޗަރެކެވެ. އެ ޓީޗަރުންގެ ނިންމުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދިން ނަމަވެސް ތިން ޓީޗަރަކު އެ ކަމަށް އިންކާރު ކުރީ އެވެ.

ޢެހެންވެ، އެ ޓީޗަރުންގެ ސަސްޕެންޝަން ދެ ފަހަރަށް އިތުރު ކުރި އެވެ. ޓީޗަރުންނާ ވާހަކަ ދެއްކުމަށް ފަހު މިނިސްޓްރީން ނިންމީ އިސްލާހީ ފިޔަވަޅު އެޅުމަށެވެ. އެހެންވެ އެއިން އެއް ޓީޗަރަކު ވަޒީފާއިން ވަކިކުރި އެވެ.

އެއީ އެ ރަށު ނޫމުރަކަ/ އައިޝަތު ސުހައިލާ އިމާދު އެވެ.

އެ މައްސަލާގައި ސިވިލް ސާވީސް ކޮމިޝަނުން ނިންމީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިންގާ ހަރަކާތްތަކަށް ސުހައިލާ ފާޅުގައި ހުރަސްއަޅާ ކަމަށެވެ. އަދި ސްކޫލުން އަންގާ އެންގުންތަކަށް އޭނާ ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެ އެވެ.

އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރިބިއުނަލުން ނިންމީ ސުހައިލާއާ އެއްކޮޅަށެވެ.

"ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ހުށަހެޅީ ފަރާތުގެ ވަޒީފާ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީހު ޖޫން 22، 2023ގެ ނިޔަލަށް އެ ފަރާތަށް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާގައި ދެމިހުރި ނަމަ މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ދެމިހުރިނަމަ މައްސަލަ ހުށަހެޅި ފަރާތައް (ސުހައިލާ) އަށް ހައްގުވާނެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅަން،" ނިންމުމުގައި ވެ ޢެވެ.

އެ ފައިސާ 21 ދުވަސްތެރޭ ސުހައިލާއަށް ދިނުމަށް ޓްރިބިއުނަލުން އަމުރުކުރި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެ މައްސަލާގައި ބުނެފައި ވަނީ ޓީޗަރެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އެ ތިން ޓީޗަރުން ސަސްޕެންޑް ކުރީ ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތު އަދާކުރުމަށް ދެކޮޅު ހެދުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.