Roadha Mihaaru
އުކުޅަހުގެ 3 ޓީޗަރެއްގެ ސަސްޕެންޝަން އިތުރު ކޮށްފި

ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު އިތުރު ކޮށްފި

24 ނޮވެމްބަރ 2022

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރު ކޮށްފި އެވެ.

މިއުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދީ އެ ރަށު ޕްރީ ސްކޫލުގެ ހަަތަރު ޓީޗަރެކެވެ.

އެ ޓީޗަރުންގެ ނިންމުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދިން ނަމަވެސް ތިން ޓީޗަރަކު އެ ކަމަށް އިންކާރު ކުރީ އެވެ. އެހެންވެ، އެ ޓީޗަރުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރީ އެވެ.

އޭރު ދިން ހަތް ދުވަހުގެ ސަސްޕެންޝަން މިއަދަށް ހަމަވުމުން، ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް އަނެއްކާވެސް އިތުރު ކުރީ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ސްކޫލުތަކުން އަމަލުކުރަންޖެހޭ ކަރިކިއުލަމާ ދެކޮޅު ހެދުމުން ކަމަށެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ބަލައި ނުނިމޭތީ މުވައްޒަފުންގެ ސަސްޕެންޝަން އިތުރު ކޮށްފައިވާ ކަމަށެވެ.

ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތަކީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.