Roadha Mihaaru
ޓީޗަރުންނަށް ޕްރޮމޯޝަން ހޯދަން މަގުފަހިވާ ބަދަލެއް!

ޓީޗަރުންނަށް ޕްރޮމޯޝަން ހޯދަން މަގުފަހިވާ ގޮތަށް ވަޒީފާގެ އޮނިގަނޑު ބަދަލުކޮށްފި

06 ޖެނުއަރީ 2022

މަގާމުގެ ކުރިއެރުން ހޯދުމަށް މަގުފަހިވާ ގޮތަށް، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަގާމުގެ ކުރިއެރުން ހޯދުމަށް މަގުފަހިވާ ގޮތަށް، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ވަނީ ސީއެސް 2-15 ރޭންކަށް ޝަރުތެއް އިތުރުކޮށްފަ އެވެ.

އެ ބަދަލުތަކާ އެއްގޮތަށް ޓީޗަރުންގެ އޮނިގަނޑުގެ މަގާމުތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން އިއުލާންކުރަން ސީއެސްސީން ވަނީ އަންގައިފަ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ޕްރޮމޯޝަން ލިބުމަށް ހުރަސް އެޅިފައި ތިބި ޓީޗަރުންނަށް މި ބަދަލުގެ ސަބަބުން، ޕްރޮމޯޝަން ލިބޭނެ ކަމަށެވެ.

މީގެ ކުރިން ޕްރޮމޯޝަން ލިބެނީ ޓީޗިންގެ ޑިގްރީއެއް އޮތުމަށް ފަހު ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ނަމަ އެވެ. އެހެންވެ، ވަކި މާއްދާއަކުން ހާއްސަވެ ޑިގްރީ ފުރިހަމަކޮށްފައިވާ ޓީޗަރުން ކިޔަވައިދިނުމުގެ ދާއިރާއިން މާސްޓާސް ހެދިޔަސް ވަޒީފާގެ ކުރިއެރުމެއް ނުލިބެ އެވެ.

"ފަހުން މި އިތުރުކުރީ މުހިއްމު ޝަރުތެއް. އެ ހާލަތު ކުރިމަތިވެފައި ތިބި ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭތީވެ އަބަދުވެސް ޝަކުވާ ކުރޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ވަޒީފާގެ ކުރިއެރުން ހޯދޭނެ ގޮތަށް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު ބަދަލުކޮށްފައި މި ވަނީ ޓީޗަރުންގެ މުސާރަ މި އަހަރު ބޮޑުކުރަން ވެސް ނިންމާފައި ވަނިކޮށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް އަދި ނުދައްކަ އެވެ.