Roadha Mihaaru
ހުނަރުވެރި ދަރިވަރުން ވާންވީ ޓީޗަރުންނަށް: މިނިސްޓަރު

މުސާރަ ބޮޑުވާތީ މިނިސްޓަރު އެދިވަޑައިގަތީ ހުނަރުވެރި ދަރިވަރުން ޓީޗަރުންނަށް ވާން

03 ފެބުރުއަރީ 2022

ޓީޗަރުންގެ މުސާރައަށް އަންނަ ބޮޑު ބަދަލާ އެކު، ހުނަރުވެރި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންގެ މުސާރައަށް އަންނަ ބޮޑު ބަދަލާ އެކު، ހުނަރުވެރި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، މިއަދު އެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިސް ފެށުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް، އިތުރު ގަޑީގެ ފައިސާ ނުހިމަނައި، ބޮޑުވާނެ ކަމަށެވެ.

އާ ބަދަލާ އެކު މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް ބޮޑު ކޮށްދީފައިނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އިއުލާންކުރުމަކީ ސްކޫލްތަކާ ގުޅިފައިވާ އެންމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޓީޗަރުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއަށް ކަމަށާއި އެކަމުން ހުނަރުވެރި ދަރިވަރުން ޓީޗަރުކަމާ ކުރިމަތިލުމަށް ޑރ. އައިޝަތު އަލީ އެދިވަޑައިގަތެވެ.

"މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމި ތިބޭން،" މިނިސްޓަރުގެ ޓްވީޓުގައިވެ އެވެ.

ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.