Roadha Mihaaru
ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭން އެދެފި

ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭން އެދުނީ ރޭގެ ވަގުތެއްގައި

07 އޯގަސްޓް 2023

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކޮށްދޭން ހައި ކޯޓުގައި އެދުނީ ރޭގެ ވަގުތެއްގައި ކަމަށް އެ ކޯޓުގައި މިއަދު ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކޮށްދޭން ހައި ކޯޓުގައި އެދުނީ ރޭގެ ވަގުތެއްގައި ކަމަށް އެ ކޯޓުގައި މިއަދު ބުނެފި އެވެ.

ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމްތަކާއި އެ ހުކުމާ އެކު އޮތް ޖޫރިމަނާގެ ސަބަބުން ޔާމީނަށް ވަނީ އަންނަ މަހުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ. އެއީ ރައީސްކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ދެ ޝަރުތެއް އުނިވެފައި ވާތީ އެވެ. އެއީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އޮތުމާއި ސާބިތު ދަރަންޏެއް އޮތުމެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރި މައްސަލާގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ކުރި ދައުވާގައި ބުނެފައިވަނީ ކޯޓު ހުކުމުން އަންނަ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ނޫން ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ މީރާ އިން އެންގުމުން ކަމަށެވެ. އެ ފައިސާ ދައްކަން މީރާއިން އަންގާފައި ނުވާ ކަމަށް ކޯޓުގައި ޔާމީން ވިދާޅުވިޔަސް ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެއީ ދޮގެކެވެ. އެ ފައިސާ ދައްކަން އެންގި ލިޔުންތައް ޔާމީނަށް މީރާ އިން ފޮނުވި ކަމުގެ ލިޔެކިޔުންތައް ފެންނަން އެބަހުރި ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ އިޖުރާއަތުތަކާ އެއްގޮތަށް، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ކުރިން އެދިފައެއް ނެތް. އެކަމަށް އެދުނީ ރޭގެ ވަގުތެއްގައި: އަމީން

ޔާމީނަށް ކޮށްފައިވާ ހުކުމް ދެމިއޮތީ ވެސް އަދި ޖޫރިމަނާއާ މެދު ގޮތެއް ނުނިމި އޮތީ ވެސް މައްސަލައިގެ އިސްތިއުނާފުގައި އެދުނު ގޮތަށް ހައި ކޯޓުން އަމުރު ނުނެރެ ޝަރީއަތްތައް ހުއްޓާލާފައި އޮތުމުން ކަމަށް ވިދާޅުވެ ޔާމީން ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކެވި އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ހައި ކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ކުރިން އެދިފައި ނެތް ކަމަށެވެ.

"ހައި ކޯޓުގެ އިޖުރާއަތުތަކާ އެއްގޮތަށް، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ކުރިން އެދިފައެއް ނެތް. އެކަމަށް އެދުނީ ރޭގެ ވަގުތެއްގައި،" އަމީން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މީގެ ކުރިން ވަކީލުން މިކަމަށް އެދިވަޑައިގަތީ ސިޓީއަކުންނެވެ. އެކަމަކު އެއީ ކޯޓުތަކުގައި އަމަލުކުރާ އުސޫލެއް ނޫނެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލާގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ވެސް ނޫން ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސާބިތު ދަރަންޏަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި މާނަކޮށްދީފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ދައްކަންޖެހޭ ކޮންމެ ފައިސާ އަކީ ސާބިތު ދަރަންޏެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަަރަންޏެއް ދައްކައި ހަލާސްކޮށްފައިވާ މީހަކަށް ވާންޖެހޭނެކަން އޮންކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މާނަ އަކީ ހުކުމަކާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔަޔަސް ފައިސާ ދައްކައި ނުނިމި އޮތް ނަމަ ޝަރުތު ހަމަނުވުމެވެ.

ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް އިން ބަލައިނުގަތުމުން އެ މަނިކުފާނުގެ ޕީޕީއެމް އާއި ޕީއެންސީން ވެސް ކެންޑިޑޭޓަކު ނުނެރެ އިންތިހާބު ބޮއިކޮޓް ކުރުމަށް އެންގެވި އެވެ. އެކަމުގައި ދެ ޕާޓީގެ ތެރޭގައި ހިޔާލް ތަފާތުވުން ވަރަށް ބޮޑުވެ އެންމެ ފަހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ފަރާތުން އިންތިހާބަށް ކުރިމަތިލައްވައިފަ އެވެ. އަދި ފަހު ވަގުތު ޔާމީންގެ ވިސްނުން ބަދަލުކުރައްވައި މުއިއްޒަށް ތާއީދު ކުރައްވާފައިވާ ކަމަށް ޔާމީންގެ ވަކީލް އަދި އެ މަނިކުފާނުގެ ރަނިން މޭޓް ކަމަށް މިފަހަރު އިއުލާނުކުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފަ އެވެ.