Roadha Mihaaru
ޕީއެންސީގެ ޓިކެޓަށް ޑރ. މުއިއްޒާއި އާދަމް ޝަރީފް

ޕީއެންސީގެ ޓިކެޓަށް ޑރ. މުއިއްޒާއި އާދަމް ޝަރީފް

03 އޯގަސްޓް 2023

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ނުރަސްމީކޮށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ނުރަސްމީކޮށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު މިހާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަނެފަ އެވެ. އެހެންވެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މުއިއްޒާއި އާދަމް ޝަރީފް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ރަސްމީކޮށް އަދި އެ ވާހަކައެއް ނުދައްކަވަ އެވެ. އެ ފުރުސަތު ވެސް ޕީއެންސީން އަދި ހުޅުވައެއް ނުލަ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ކުރިން ޝައުގުވެރިވި ކަމަށް ވެ އެވެ. އެކަމަކު، އޭނާ ވަނީ އެ ވިސްނުން މިހާރު ދޫކޮށްލައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ރިޔާސީ ޓިކެޓަށް ފުރުސަތު ހުޅުވާލާނީ މިއަދު ހެނދުނު 10:00 ގައި ބާއްވާ އެ ޕާޓީގެ ސެނެޓް ބައްދަލުވުމަށް ފަހު އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އެ ގޮތަށް ނިންމައިފި ނަމަ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ޕްރައިމަރީ އަށް ވަގުތު ނެތް ކަމަށް ނިންމައި ދެން ޖެހެނީ އެނގިފައިވާ ގޮތުގައި އެ ބާރު ޕީއެންސީގެ ސެނެޓަށް ދޫކޮށްލާށެވެ.

އާދަމް ޝަރީފަކީ ޕީއެންސީގެ ނައިބު ރައީސް ކަމަށް ވިޔަސް މުއިއްޒަކީ ޕީޕީއެމްގެ ނައިބު ރައީސެވެ. އެހެންވެ، މުއިއްޒަށް ޖެހިވަޑައިގަންނަވާނީ މި ހާލަތުގައި ޕީއެންސީގެ މެމްބަރަކަށް ވާށެވެ. ޕީއެންސީގެ އަސާސީ ގަވާއދުގައިވާ ގޮތުން ޕާޓީއާ ކޮންމެ ވަގުތެއްގައި ގުޅޭ މީހަކަށް ވެސް ރިޔާސީ ޓިކެޓަށް ހުށަހެޅެ އެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެ ޕާޓީގެ ސެނެޓުން މިއަދު ގޮތެއް ނިންމަނީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ދައްކައި ދެއްވުމަށް، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ އަރިހުގައި ތިން ފަހަރު އެދުމުން ވެސް އެ ފުރުސަތު ދޫކޮށްލެއްވުމުންނެވެ. ޔާމީން އެ ތިން ފަހަރު ވެސް އެދިވަޑައިގަތީ ޕީއެންސީން އަމިއްލަ އަށް ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުމަށެވެ.

ޑރ. މުއިއްޒު

ޕީޕީއެމްގެ ޓިކެޓް ދޭން ގާބިލް ބޭފުޅުންގެ ތެރެއިން މުއިއްޒަކީ އެހެން ބޭފުޅުންނާ އަޅާބަލާއިރު ހިދުމަތުގެ ޓްރެކް ރެކޯޑެއް އޮތް ބޭފުޅެކެވެ. ޔާމީންގެ ފަސް އަހަރުގައި ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގައި ނަތީޖާ ނެރެދެއްވި ބޭފުޅެކެވެ. އެއާ އެކު މާލެއަށް ވަރުގަދަ އެމްޑީޕީ 63 ޕަސެންޓުން ބަލިކޮށް، މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވުމަކީ ސިޔާސީ ހަޔާތުގައި މުއިއްޒު ހޯދި ވަރުގަދަ ކާމިޔާބީއެކެވެ. އެމްޑީޕީގެ ސަރުކާރެއް އޮވެމެ، މާލޭގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅުގައި ހުންނަވައިގެން މުއިއްޒު ހޯއްދެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

މި މަގާމާ އެކު އޭނާގެ ބާރާއި ނުފޫޒު އެހެން ބޭފުޅުންނަށް ވުރެން ގަދަ އެވެ.

މުއިއްޒަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރާއި ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގައި ހައުސިން މިނިސްޓަރެވެ. މި ދެ ދައުރުގައި ވެސް ބޮޑެތި މަޝްރޫއުތައް ނިންމަވައި ދެއްކެވި އެވެ. ސިނަމާލެ ބްރިޖު އޭގެ ހެއްކަކަށް ފުދެ އެވެ.

ކަނޑުމެދުގައި ބްރިޖެއް އެޅުމަކީ ގޮންޖެހުން ބޮޑުކަމުން ސުވާލު އުފެއްދި ކަމެކެވެ. މި ޝައްކުތަކާއި ވަހުމްތަކަށް ޖަވާބު ދެއްވައި އެ މަޝްރޫއުގެ އިތުބާރު ދެމެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރެއްވީ ވެސް މުއިއްޒެވެ. އޭނާއަކީ ސިވިލް އިންޖިނިއަރަކަށް ވުމުން ބްރިޖްގެ ވަރަށް ގިނަ ކަންކަން ކައިރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްލަވައި އެ ވަގުތަކު ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ލަފާ ދެއްވައި އިސް ދައުރެއް އަދާކުރެއްވި އެވެ. ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތް ވަރަށް ގިނައިން މީޑިއާ އަށް ދެއްކެވި އެވެ. މާލޭގެ ސަލްޓަން ޕާކާއި ރަސްފަންނާއި އިންޑަސްޓްރިއަލް ޒޯން ހެދުން ފަދަ އެތައް ކަމެއް ޔާމީންގެ ވެރިކަމުގައި ނިންމުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ މުއިއްޒެވެ.

ޔާމީންގެ ވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބީއާ ގުޅިފައި އޮތް އެއް ނަމަކީ މުއިއްޒެވެ. ޕީޕީއެމްގައި ދެން ތިއްބެވި އެހެން ހުރިހާ ބޭފުޅުންނަށް ވުރެން ވެރިކަމަށް ވިއްކަން ފަސޭހަ ބޭފުޅަކަށް މުއިއްޒު ވަނީ މި ސަބަބުތަކާ ހެދި އެވެ. ހާއްސަކޮށް ޔާމީނަށް އެހާމެ ވަފާތެރިކަން ވަޒީރުކަމުގައި ދެއްކެވި އެވެ. ފާޑުކިޔުންތައް ކުރިމަތިވިޔަސް ސަރުކާރުގެ ސިޔާސަތުތަކުގައި ހިފެހެއްޓެވި އެވެ.

ސެނެޓްގައި ވެސް އެންމެ ވަރުގަދަ ކަމަށް އިވެނީ މުއިއްޒުގެ ނަމެވެ. ގިނަ ވޯޓުތަކެއްގެ ކޮންޓްރޯލް އޮތީ މުއިއްޒަށް ކަމަށް އަޑު އިވޭތާ ކިތަންމެ ދުވަހެކެވެ. ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ ސެނެޓަށް ވައްދައިފި ނަމަ މުއިއްޒު ކޮޅަށް އަނބުރާލަފާނެ ކަމުގެ ބިރު އޮތް ވާހަހަކަ އަބަދުވެސް އިވެ އެވެ.

އާދަމް ޝަރީފް

އޭނާއަކީ ޔާމީންގެ ވެރިކަމުގައި އެންމެ ދަތިވި ހާލަތުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވައި ދެއްވި ބޭފުޅެކެވެ. ތައުލީމީ ދާއިރާގެ ދިގު ޓްރެކް ރިކޯޑެއް އޮތް އާދަމް ޝަރީފް މިހާތަނަށް ވެސް ފާހަގަކުރެވިފައި ވަނީ ޔާމީނަށް ވަރަށް ވަފާތެރި ބޭފުޅެއްގެ ގޮތުގަ އެވެ.

ޔާމީންގެ ހިމާޔަތުގައި ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއް ނެތި ކުރައްވަ އެވެ. މަޑުއްވަރި ދާއިރާގެ މެމްބަރުކަމަށް 2019 ގައި އިންތިހާބުވެވަޑައިގަތުމަށް ފަހު ވެސް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ޔާމީނާއި ޕީޕީއެމްގެ ދިފާއުގައި އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއް މެމްބަރަކީ އެއީ އެވެ. އޭނާ ނުފެންނަ ސިޔާސީ އެއްވުމެއް ޕީޕީއެމުން މާލޭގައި ނުބާއްވައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ އެއްވުންތަކެވެ.

އާދަމް ޝަރީފް ހިންގުންތެރިކަން އޭނާގެ ޑިފެންސް މިނިސްޓަރުކަމުގައި ފެނިފައި ވެ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގައުމު އިސްކުރެއްވި އެވެ. ހާއްސަކޮށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަމުރަށް ކިޔަމަން ވުމުގެ ނަމޫނާ ދެއްކެވި އެވެ. ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލިސް އެންމެ ހޫނުވި ދުވަސްވަރު ވެސް އެކަން އޭނާގެ ފަރާތުން ފެނުނެވެ. އިދިކޮޅުގެ ފާޑުކިޔުންތަކާއި "ވަނަންތައް" ކިތަންމެ ބޮޑަށް އަމާޒު ވިޔަސް ދެެއްކެވީ ވެރިމީހާ އަށް ކިޔަމަންވުމުގެ ނަމޫނާ އެވެ.

އާދަމް ޝަރީފްގެ ސިޔާސީ ހަޔާތުގެ މަދު ދުވަސްތަކުގައި އޭނާ ވަނީ ޕީޕީއެމްގެ އެތެރޭގެ ތާއީދު ވެސް ހޯއްދަވައިފަ އެވެ.