02 އޯގަސްޓް 2023
މި ސަރުކާރު ޓެސްޓު ކުރެވިއްޖެ ކަމަށާއި އެހެން ބަޔަކު ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ޓެސްޓު ކުރެވިއްޖެ ކަމަށާއި އެހެން ބަޔަކު ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. އަދި ށ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް، ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްގީކުރެވެން އޮތް އަދި ތަރައްގީގެ މަންފާ މިހާރަށް ވުރެ ބޮޑަށް ހޯދޭނެ ގައުމެއް ކަމަށެވެ.
މިކަން ކުރެވޭނީ ސިޔާސީ ހަމަޖެހުން ގާއިމްކުރެވިގެން ކަމަށާއި ސަރުކާރަކަށް ދެ ވަނަ ދައުރެއް ބޭނުންވަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ދެ ވަނަ ދައުރެއް ދޭން ޖެހޭނީ ފަށާފައިވާ މަޝްރޫއުތައް ނިންމުމަށާއި ރައްޔިތުން ބޭނުންވެފައިވާ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ އަޅުގަނޑުމެންގެ މި ސަރުކާރުން ވީ ވައުދު ފުއްދަމުންދޭ. ޓެސްޓު ކުރެވިފައި މި އޮތީ ކުރީގެ ސަރުކާރާ މި ސަރުކާރާ. ޕީޕީއެމުން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތަސް ތަންފީޒުކުރާނީ ޕީޕީއެމްގެ ސިޔާސަތު. އެ ސިޔާސަތު އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ކަމެއް ސަރުކާރަށް ނުކުރެވޭ ހިޔާލުތަފާތުވާ މީހުން ޖަލުގައި ބައިންދައިގެން ނޫނީ. ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ތިބެން ޖެހުނީ. އަނގައިން ބުނާ ކޮންމެ މީހަކު، ކޮންމެ ނޫސްވެރިޔަކު، ކޮންމެ ޓީވީ ޗެނަލެއް ޖޫރިމަނާ ކުރަމުން ގެންދިޔައީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް ކުރަނީ ވެރިކަމެއް ކަމަށާއި އެކަމަކު އޭރު ކަންކުރި ގޮތަށް ސިޔާސީ މަގުސަދެއްގައި އެއްވެސް މީހަކު އަދި ނޫސްވެރިޔަކު ވެސް ހައްޔަރުނުކުރާ ކަމަށެވެ.
"ވިސްނަންވީ، އަޅުގަނޑު މި ދެންނެވި ގޮތަށް އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖިއްޔާ ދެން ވެގެންދާނެ ގޮތެއް. ފެށިފައި މި ހުރި ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް ގެންނާނެ. އަޅުގަނޑުމެންނަށް އެނގޭ، ވަރަށް ސާފުކޮށް އެނގޭ އެއްތަނަކަށް ބާރުތައް ޖަމާކޮށްފައި. މީހުން އެއްތަނަކަށް ޖަމާކޮށްފައި. މުޅި ދިވެހިރާއްޖޭގެ ރާއްޖޭގެ ސިފަ ނައްތާލާފައި."
"އެހެންވީމަ، ރަނގަޅަށް ވިސްނައި ވަޑައިގެން ސެޕްޓެމްބަރު 9 ގައި، ތި ބޭފުޅުން ޓެސްޓުކޮށް ނިންމާފައިވާ މި ސަރުކާރަށް ވޯޓުދިނުމަށް. މި ތިލަދުންމައްޗަށް ދެން ވެސް ބަދަލު ގެންނާނީ އަޅުގަނޑުމެން. މި ވިޝަނެއް އެ ބޭފުޅުންގެ ނެތް. އެހެން ނޫން ނަމަ މިއަދަކު އެއްފަހަރާ މިކަންކުރާކަށް ނުޖެހޭނެ." އެ މަނިކުފާނު ވިދާޅުވި އެވެ.
މި ރަށަކީ ޒަމާނުއްސުރެ ތިލަދުންމަތީގެ އެއް މަރުކަޒު ކަމަށް ވުމާއި މީގެ އަހަރުތަކެއް ކުރިން އެޅި އެއާޕޯޓުގެ ސަބަބުން އިގުތިސޯދީ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވުނަސް އެއިން އެއްވެސް ކަމެއް ހާސިލްނުވާކަން، ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް ހަނިމާދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ
ތާރުކޮޅަކާއެކު ހަނިމާދޫ އެއާޕޯޓުގެ ނަން، އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރިޔަސް އެ ތަނުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭތީ އެކަމަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ. އެކަމަކު، މި ސަރުކާރުން އަންނަނީ ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، އަހަރަކު 1.5 މިލިއަން ޓޫރިސްޓުން ގެނެވޭ ވަރުގެ ޒަމާނީ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ އެއާޕޯޓު ތަރައްގީކުރުމުން އެންމެ ބޮޑެތި ބޯޓުތައް ޖައްސައި، ޓޫރިސްޓުންގެ އަދަދު ގިނަވަމުންދާ ވަރަކަށް އިގުތިސޯދު ކުރިއަރައި، މުދަލާއި ހިދުމަތްތައް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު، މުޅި އުތުރަށް އެ ތިޔާގިކަން އަންނަތަން ފެންނާނެ ކަމަށާއި ނަމަވެސް، އިގުތިސޯދީ ހަމަޖެހުމެއް ނެތި މި އެއްވެސް ކަމެއް ހާސިލްނުވާނެ ކަމަށް ވިދާޅުވި އެވެ.
"އިގުތިސޯދީ އެއްވެސް މަންފާއެއް ރައްޔިތަކަށް ނުކުރާނެ ސިޔާސީ ހަމަޖެހުން ނެތިއެއް. ފުރަތަމަ ކުރަންވީ ކަމަކީ ހަލަބޮލިކަމާއި ސިޔާސީ ދެކޮޅުވެރިކަމުން ދުރަށް ދިއުން. މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތްކުރަމުން ދިޔައީ އެގޮތަށް. އެހެންވެ، ރާއްޖޭގެ ރަށްރަށުން ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދަނީ." ރައީސް ވިދާޅުވި އެވެ.
ބޮޑުތިލަދުންމައްޗަށް ގެންނަނީ އިންގިލާބީ ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ރަށުގައި ބޮޑު ބަނދަރެއް ހަދައި، މަގުތަކުގައި ތާރު އަޅައި އަދި ފުޓްބޯޅަ ދަނޑު ވެސް އަޅައި ނިންމާފައިވާ ކަމަށެވެ. ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓް ކޮށްފައިވާއިރު، ކުނި މެނޭޖްކުރާ ތަނަކާއި ޕޮލިސް ސްޓޭޝަން ހަދަން ޓެންޑަރިންނަށް ލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރީ ސަރުކާރުން މި ބޮޑު އަތޮޅުގައި ހިންގީ 79 ޕްރޮޖެކްޓުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ފަސް އަހަރު އެކަނި ވެސް 235 ޕްރޮޖެކްޓް މި އަތޮޅުގައި ހިންގާފައިވާ ކަމަށެވެ. މި ރަށަށް އެކަނި ވެސް، މިދިޔަ ޖޫން 22 އާ ހަމައަށް 510 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކަންކަމާއެކު، ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފިނަމަ ހަނިމާދުއަށް އިތުރު ކަންކަން ކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި، ދެ ވަނަ ފިޔަވަހީގެ ގޮތުގައި ހަނިމާދޫގެ ބާކީ ހުރި މަގުތައް ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސް އަދި ރަށުގެ ޒުވާނުން އެދުނު ގޮތަށް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމާއެކު ޗޭންޖިން ރޫމެއް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
ބިން ބޮޑު ރަށަކަށް ވިޔަސް ބޯހިޔާވަހިކަމުގައި މައްސަލަ ހުރުމުން މި ސަރުކާރުން ވަނީ އެކަން ހައްލުކުރަން 100 ހައުސިން ޔުނިޓު އަޅަން ނިންމައިފަ އެވެ. އެ މަސައްކަތް ހަވާލުކުރި ފަހުން ބިޑުގެ މައްސަލައެއް ކޯޓުަށް ހުށަހެޅުމުން އެކަން ހުއްޓިގެން ދިޔައީ އެވެ. ރައީސް ވަނީ އެ މައްސަލަ އަވަހަށް ހައްލުކޮށް، ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފައްޓަވައިދެެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އަތޮޅާއި ޖެހިގެން އޮތް ހއ. އަތޮޅުގެ ރަށްތަކުގައި ވެސް ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ހިނގަމުން އަންނާތީ، ރައީސް ވަނީ އެ ހުރިހާ ކަމަކާ ދޭތެރޭ ވިސްނަވައި، އެ މަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.
ކޯލިޝަން ހެދުމަށް ޕާޓީތަކަށް އަދިވެސް ފުރުސަތު އެބައޮތް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ