Roadha Mihaaru
ޝާހުގެ އެންމެ ބޮޑު ދިވެހި ސަޕޯޓަރު އަޝްރަފް ނިޔާވެއްޖެ

ޝާހުގެ އެންމެ ބޮޑު ދިވެހި ސަޕޯޓަރު އަޝްރަފް ނިޔާވެއްޖެ

02 އޯގަސްޓް 2023

ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާންގެ ނަމްބާ ވަން ފޭން ކްލަބް "އެސްއާރްކޭ ޔުނިވާސް" ހިންގާ މުހައްމަދު އަޝްރަފް ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާންގެ ނަމްބާ ވަން ފޭން ކްލަބް "އެސްއާރްކޭ ޔުނިވާސް" ހިންގާ މުހައްމަދު އަޝްރަފް ނިޔާވެއްޖެ އެވެ.

ގދ. ވާދުއަށް އުފަން އަޝްރަފް، 43، ނިޔާވީ ބޭސްފަރުވާ އަށް އިންޑިއާގެ ކޮޗިންގައި ހުއްޓާ އިއްޔެ އެވެ.

އޭނާގެ ރަހުމަތްތެރިޔަކު ބުނި ގޮތުގައި، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަޝްރަފަށް ސްޓްރޯކެއް ޖެހުނު ފަހުން އޭނާގެ ހާލު ވަރަށް ދެރަ އެވެ. އަޝްރަފް ނިޔާވީ ވެސް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އަޝްރަފް ނިޔާވުމުން އެކަމުގެ ހިތާމާގައި "އެސްއާރްކޭ ޔުނިވާސް"ގެ ފޭސްބުކް ޕޭޖުގައި، އޭނާގެ ހަނދާންތަކާ ގުޅޭ ވީޑިއޯއެއް ވެސް ޕޯސްޓު ކޮށްފައިވެ އެވެ.

"އެސްއާރުކޭ ޔުނިވާސް"ގެ އެޑްމިނުން އެކި ގައުމުތަކުގައި ތިބޭއިރު، ޝާހުގެ ހަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް އެ ކްލަބުގެ ޕޭޖުތަކުގައި ޝެއާކުރަމުން އައީ އަޝްރަފްގެ އިރުޝާދުގެ ދަށުންނެވެ. އެއީ ޝާހުގެ އެންމެ ބޮޑު ފޭން ކުލަބެވެ. އެ ކުލަބުގެ ފޭސްބުކް ޕޭޖަށް މިހާތަނަށް ލިބިފައިވާ ލައިކްސްގެ އަދަދު 3.2 މިލިއަނަށް އަރަ އެވެ. ޓްވިޓާ ހޭންޑަލް ފޮލޯކުރާ މީހުންގެ އަދަދު 557،000 އަށް ވުރެ މައްޗެވެ. އަދި އިންސްޓަގްރާމުގައި 485،000 އަށް ވުރެ ގިނަ ފޮލޯވާސް ތިބެ އެވެ.

އަޝްރަފް ވަނީ އެކި ފަހަރު މަތިން ޝާހުއާ ބައްދަލު ވެސް ކޮށްފަ އެވެ. އެންމެފަހުން، 2019 ވަނަ އަހަރު ޝާހު ޗުއްޓީ އަށް ރާއްޖެ އައުމުން، ދިވެހި އާއިލާއަކަށް ޝާހުއާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް އޭނާ ހޯދައިދިނެވެ.

ޝާހުގެ 50 ވަނަ އުފަން ދުވަހަށް ހާއްސަކޮށް އަޝްރަފްގެ ޓީމުން ޝާހު އަށް ހާއްސަ ޓްރިބިއުޓެއް ދިނުމުގެ ގޮތުން 2016 ވަނަ އަހަރު ބޮންބޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ވެސް އެ ދެ މީހުން ބައްދަލުވި އެވެ. އެ ޕާޓީގައި ޝާހު އެމީހުންނަށް ސަޕްރައިޒެއް ދީ އޭނާގެ އެންމެ ބޮޑު ފޭންގެ ގޮތުގައި އަޝްރަފް ހޮވި އެވެ.

މީގެ ނުވަ ވަރަކަށް އަހަރު ކުރިން އަޝްރަފް އެ ކްލަބްގެ ޕޭޖު ފޭސްބުކްގައި ފުރަތަމަ ފެށީ "ހޮބީއެއްގެ ގޮތުން" ކަމަށް އޭނާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އޭނާގެ ދިރިއުޅުމުގެ ބުރަ މަސައްކަތަށް އަޅުގަނޑު ޝައުގުވެރިވަނީ. އިންޑިއާއަކީ އެތައް މިލިއަން ބައެއް ދިރިއުޅޭ ތަނަކަށް ވާއިރު މަދު ބަޔަކު މިވަރުގެ މަޝްހޫރު ކަމެއް ހޯދަނީ ކިހިނެތްތޯ އެއީ އަޅުގަނޑު ވަރަށް ޝައުގުވެރިވި ކަމަކަށްވީ. ޝާހުގެ ފަހަތުން ދެވުނީ އެގޮތަށް އެއްކުރަން ފެށި މައުލޫމާތުތަކާ އެކު،" އަޝްރަފް ބުނެފައިވެ އެވެ.