Roadha Mihaaru

އުފަންދުވަހު ޝާހު ދިން ހަދިޔާ: އިތުރު މަންޒަރުތަކާ އެކު "ޖަވާން" ނެޓްފްލިކްސް އަށް

02 ނޮވެމްބަރ 2023

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އޭނާގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން މިއަދު ފަށައިފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އޭނާގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން މިއަދު ފަށައިފި އެވެ.

މިއަދަކީ ޝާހުގެ 58 ވަނަ އުފަންދުވަހެވެ.

ނެޓްފްލިކްސް އިން ގެނެސްދިން ޝާހުގެ އުފަންދުވަހަށް ހާއްސަ ވީޑިއޯއެއް މެދުވެރިކޮށް ރޭގައި ވަނީ "ޖަވާން" އެ ޕްލެޓްފޯމްގައި ސްޓްރީމް ކުރަން ފެށިކަން ޝާހު އިއުލާންކޮށްފަ އެވެ. އެ ވީޑިއޯ އިން އެނގުނު ގޮތުގައި، ނެޓްފްލިކްސް މި ފިލްމު ސްޓްރީމް ކުރަން ފެށީ އިތުރު މަންޒަރުތަކަކާ ވެސް އެކުގަ އެވެ.

ސިނަމާގައި ދެއްކި އިރުގައި އެ ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާ 45 މިނެޓެވެ. މިހާރު އެ ފިލްމުގައި ވަނީ އިތުރު ފަސް މިނެޓުގެ މަންޒަރުތައް ހިމަނައިފަ އެވެ.

"ޖަވާން" އަކީ ޝާހުގެ އެންމެ ކާމިޔާބު ފިލްމެވެ. އޭނާގެ ހުރިހާ ރެކޯޑުތަކެއް މި ފިލްމު މުގުރާލި އެވެ. ޝާހުގެ ފިލްމަކަށް އަދި ބޮލީވުޑްގެ ބޮކްސް އޮފީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމަކަށް "ޖަވާން" ވަނީ ވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި "ޖަވާން" އަކީ 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ އާމްދަނީގެ ގޮތުގައި 140 މިލިއަން ޑޮލަރު ލިބިފަ އެވެ. އެ ފިލްމުގެ ސްޓްރީމިން ރައިޓްސް ނެޓްފްލިކްސް އަށް ވިއްކާލީ 31 މިލިއަން ޑޮލަރަށެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތައް ކުޅުނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެނުނެވެ.