Roadha Mihaaru
ރާއްޖެ އައީ އަސްކަރީ އެންމެފަހުގެ ޖެޓުތައް

ރާއްޖެ އައީ އަސްކަރީ އެންމެފަހުގެ ޖެޓުތައް

01 އޯގަސްޓް 2023

ކުއްލިއަކަށް އިވެން ފެށި ބާރު އަޑުފައްގަނޑަކާ އެކު އެތައް ބަޔަކު ގަތީ ބިރެވެ. ހުޅުލެއާ ދިމާލުން އައި އަޑަށް މީހުން ބޭރަށް ނުކުމެ ވެސް ބެލި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުއްލިއަކަށް އިވެން ފެށި ބާރު އަޑުފައްގަނޑަކާ އެކު އެތައް ބަޔަކު ގަތީ ބިރެވެ. ހުޅުލެއާ ދިމާލުން އައި އަޑަށް މީހުން ބޭރަށް ނުކުމެ ވެސް ބެލި އެވެ.

ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން އެނގުނު ގޮތުގައި އެއީ އަސްކަރީ މަތިންދާބޯޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލި ގަޑީގައި އިވުނު ބާރު އަޑެވެ.

ވެލާނާ އެއާޕޯޓަށް މިއަދު ޓްރާންސިޓް ކުރީ، މިލިޓަރީ ކާގޯ ދެ ބޯޓާއި އިޓަލީގެ އަސްކަރީ ހަތަރު ފައިޓާ ޖެޓެވެ. އެއީ އެމެރިކާގައި އުފައްދާ ފަސް ވަނަ ޖެނަރޭޝަން ފައިޓާ ޖެޓް، ލޮކްހީޑްމާޓިން އެފް35ގެ ބޯޓުތަކެކެވެ. އަދި އެއީ އެންމެފަހުގެ، ވަރުގަދަ އަސްކަރީ ޖެޓުތަކެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އިޓަލީގެ އަސްކަރީ ބޯޓުތަކެއް ކަމަށާއި ރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭ އޮޕަރޭޝަނަކަށް އައި ބޯޓުތަކެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެ ބޯޓުތައް ޖެއްސީ ލޮޖިސްޓިކަލް ބޭނުމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ނަގައިގެން ރިފިލް ކުރުމަށާއި އެކި ބޭނުންތަކަށް ބޭރުގެ ބޯޓުތައް ވެލާނާ އެއާޕޯޓަށް އާންމުކޮށް ވެސް ޖައްސަ އެވެ.