Roadha Mihaaru
އިޓަލީގެ ގްރީން ލިސްޓަށް ރާއްޖެ އަރައިފި

ގިނަ ދުވަސްތަކަކަށް ފަހު އިޓަލީގެ ގްރީން ލިސްޓަށް ރާއްޖެ

29 ސެޕްޓެމްބަރ 2021

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިިގެން ގިނަ ދުވަސްތަކަކަށް ފަހު އިޓަލީ ޓޫރިސްޓުންނަށް ރާއްޖެ އަށް އައުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިިގެން ގިނަ ދުވަސްތަކަކަށް ފަހު އިޓަލީ ޓޫރިސްޓުންނަށް ރާއްޖެ އަށް އައުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ އިތުރުން ފަސް ގައުމަކަށް އިޓަލީގެ ރައްޔިތުންނަށް ދަތުރުކުރުމުގައި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި ސީޝަލްސް އާއި މޮރިޝަސް އާއި މިސްރުގެ އިތުރުން އަރޫބާ އާއި ޑޮމިނިކަން ރިޕަބްލިކަން ހިމެނެ އެވެ. އެ ގައުމުތަކަކީ ފިނި މޫސުމުގައި އިޓަލީގެ ޓޫރިސްޓުން އެންމެ ގިނައިން ދަތުރު ކުރާ ގައުމުތަކެވެ.

އެ ގައުމުތަކަށް ދަތުރު ކުރެވޭނީ ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފައި ތިބި، ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތް ރައްޔިތުންނަށެވެ. އެ ގައުމުތަކަށް ފުރުމުގެ 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ބޭނުންވާނެ އެވެ.

އެ ގައުމުތަކުން އެނބުރި އިޓަލީ އަށް ދާ އިރު ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އޮޮތް ނަމަ އެ ގައުމަށް ދިއުމަށް ފަހު ކަރަންޓީނުވާކަށް ވެސް ނުޖެހޭނެ އެވެ.

އިޓަލީއަކީ ޔޫރަފްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އެއް އަންނަ ގައުމެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ލިސްޓުގައި އިޓަލީ ހިމެނޭ އިރު، ރާއްޖެ އިން އެންމެ ފުރަތަމަ ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައި އެއް ގައުމަކީ ވެސް އިޓަލީ އެވެ. އެ ގައުމުން ރާއްޖެ އަށް ޓޫރިސްޓުން އައުން މަނާ ކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.