Roadha Mihaaru
އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

12 ޖުލައި 2022

އިޓަލީގެ ގައުމީ އެއާލައިން، އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ) އެއާވޭސް ގެ ދަތުރުތައް މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިޓަލީގެ ގައުމީ އެއާލައިން، އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ) އެއާވޭސް ގެ ދަތުރުތައް މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ކުރި އިއުލާނެއްގައި ވާ ގޮތުން، އިޓަލީގެ ރޯމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ ޑިސެމްބަރު 17 ގަ އެވެ.

އައިޓީއޭގެ ދަތުރުތައް ރާއްޖެ އަށް ކުރަން ހަމަޖެއްސީ ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރު ކަމަށްވާ މި އަހަރުގެ ޑިސެމްބަރު މަހާއި އަންނަ އަހަރުގެ މާޗު މާހާ ދެމެދުގަ އެވެ. ތާވަލުގައިވާ ގޮތުން ނަމަ އައިޓީއޭގެ ދަތުރުތައް ޑިސެމްބަރު 17 އިން މާޗު 26 އާ ދޭތެރޭ ރާއްޖެ އަށް ކުރާނެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ 22 އާ ހަމައަށް ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރަން ހަމަޖެހިފާވާއިރު، އޭގެ ފަހުން ހަފުތާއަކު ދެ ދަތުރަށް މަދުކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އައިޓީއޭ އެއާވޭސް އަކީ އިޓަލީގެ ކުރީގެ ގައުމީ އެއާލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އުފައްދި އެއާލައިނެކެވެ. އެ ގައުމުގެ ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ އެ އެއާލައިނުގެ އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.