Roadha Mihaaru
ފަރުދީން އާއި ނަތާޝާގެ ކައިވެނި ރޫޅާލަނީ

ފަރުދީން އާއި ނަތާޝާގެ 18 އަހަރު ވީ ކައިވެނި ރޫޅާލަނީ

31 ޖުލައި 2023

ބޮލީވުޑްގެ އެކްޓަރު ފަރުދީން ހާން އާއި އޭނާގެ އަންހެނުން ނަތާޝާ މަދަވާނީ، 18 އަހަރު އެކުގައި އުޅުމަށް ފަހު ވަރިވާން ނިންމައިފި އެވެ.

ބޮލީވުޑްގެ އެކްޓަރު ފަރުދީން ހާން އާއި އޭނާގެ އަންހެނުން ނަތާޝާ މަދަވާނީ، 18 އަހަރު އެކުގައި އުޅުމަށް ފަހު ވަރިވާން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ވަކިން ދިރިއުޅެމުން ދާތާ ވެސް މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް، އެ ދެމީހުންގެ މެދުގައި ޖެހުނީ ސީދާ ކޮން މައްސަލައެއް ކަން އަދި ނޭނގޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ފަރުދީން މިހާރު ދިރިއުޅެނީ އޭނާގެ މަންމައާ އެކު، ބޮމްބޭގަ އެވެ. އަދި ނަތާޝާ ދިރިއުޅެނީ ލަންޑަންގަ އެވެ. ނަތާޝާ އަކީ 70ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ބަތަލާ، މުމްތާޒުގެ ދަރިއެކެވެ.

ފަރުދީން އާއި ނަތާޝާ ކައިވެނިކުރީ ޑިސެމްބަރު 2005 ގަ އެވެ. އެ ދެމީހުންގެ 10 އަހަރުގެ ފިރިހެން ކުއްޖަކާއި ހަ އަހަރުގެ އަންހެން ކުއްޖެއް ހުރެ އެވެ.

ފަރުދީން އެންމެފަހުން ފިލްމަކުން ފެނުނީ 2010 ވަނަ އަހަރު ގެނެސްދިން "ދުލްހާ މިލް ގައޭ" އިންނެވެ. އޭގެ ފަހުން ބޮލީވުޑްއާ ދުރުގައި ހުރުމަށް ފަހު ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން އޭނާ މިހާރު ވަނީ ނިންމައިފަ އެވެ. އޭނާ އަންނަނީ "ވިސްފޮޓް" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ފަރުދީން ބުނީ 2005 ވަނަ އަހަރު ނުކުތް އޭނާ އެންމެ ކާމިޔާބު ފިލްމު "ނޯ އެންޓްރީ"ގެ ސީކުއެލްގައި ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.