Roadha Mihaaru
އެސްޑީއެފް އަށް 500 މިލިއަން ރުފިޔާ ޖަމާކޮށްފި

އެސްޑީއެފް އަށް 500 މިލިއަން ރުފިޔާ ޖަމާކޮށްފި

30 ޖުލައި 2023

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 500 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 500 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެސްޑީއެފް އަށް ވަނީ 550 މިލިއަން ރުފިޔާ ޖަމާވެފަ އެވެ. އެ ފަންޑަށް މި އަހަރު ޖުމްލަ 870 މިލިއަން ރުފިޔާ ޖަމާކުރަން ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ. މިހާތަނަށް ޖަމާ މި ކުރީ އޭގެ 63 ޕަސެންޓެވެ.

މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑަށް ވަނީ 820 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެސްޑީއެފްގެ ޖުމްލަ އަދަދު ހާމަކުރުން ހުއްޓާލައިފަ އެވެ. ފިނޭންސް އިން ބުނީ، އެސްޑީއެފްގެ އަދަދުތައް ހާމަކުރުން މެދުކަނޑާލީ، އެކަމާ ގުޅޭ ވަކި ހާއްސަ ރިޕޯޓެއް ތައްޔާރުކުރާތީ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެސްޑީއެފް އަށް ވަނީ 6.4 ބިލިއަން ރުފިޔާ ޖަމާވެފަ އެވެ. އަދި އޭރު އެސްޑީއެފް ބެލެންސްގައި ހުރީ 1.8 ބިލިއަން ރުފިޔާ އެވެ.

ސޮވަރިން ފަންޑު 2017 ވަނަ އަހަރު އުފެއްދީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އުފެއްދި ފަންޑެކެވެ. އެއީ އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ. އެސްޑީއެފްގައި ހުންނަ ފައިސާގެ ގާތްގަނޑަކަށް 70 ޕަސެންޓު ސަރުކާރުން މިހާރު އިންވެސްޓްކުރަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށެވެ. ބޭންކްތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފައިސާ އިންވެސްޓް ކުރެ އެވެ.

އެ ފަންޑު ކުރިން ބަލަހައްޓަމުން އައީ އެމްއެމްއޭއާ އެކު ހަދާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. އެހެންނަމަވެސް މިދިޔަ މަހު ވަނީ އެ ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ސަރުކާރުން ހަދާފައިވާ މި ފިސްކަލް ރިޒާވްގެ 90 ޕަސެންޓް ހުރީ ރުފިޔާ އިންނެވެ. އެ ފަންޑުގައި ޑޮލަރުން ހުރީ 10 ވަރަކަށް ޕަސެންޓެވެ. ކުރިން ޑޮލަރުން ހުރި އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރީ 2020 ވަނަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ، އެމްއެމްއޭގެ އެދުމުގެ މަތިން ކަމަށް ސަރުކާރުން ބުނެ އެވެ.