Roadha Mihaaru
ހުރިހާ ކުދިން ރައީސް ވަށާލީ ސަލާންކުރަން

ހުރިހާ ކުދިން ރައީސް ވަށާލީ ސަލާންކުރަން

27 ޖުލައި 2023

އެއީ ގަލޮޅު ދަނޑުގައި ރޭ އޮތް ހެވިކަމާއި ކުޅިވަރުގެ އައިޓަމްތަކަށް ފަހު ފެނުނު މަންޒަރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއީ ގަލޮޅު ދަނޑުގައި ރޭ އޮތް ހެވިކަމާއި ކުޅިވަރުގެ އައިޓަމްތަކަށް ފަހު ފެނުނު މަންޒަރެވެ.

އައިޓަމްތައް ނިމުމުން އެ ހަރަކާތްތަކުގައި ބައިވެރިވި 800 އަށް ވުރެ ގިނަ ސްކޫލް ކުދިން ދަނޑު މައްޗަށް ނުކުތެވެ. ކުދިން ގޮސް ހުއްޓުނީ، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަން ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރޮސްޓްރަމްގައި އިށީނދެވަޑައިގެން ތިއްބެވި ދިމާލުން ދަނޑުމަތީގަ އެވެ.

ކުދިން އެ ތަނަށް ޖަމާވުމާ އެކު، އެ ކުދިންނާ ސަލާން ކުރައްވަން ރައީސް ވަޑައިގެންނެވި އެވެ.

ގަލޮޅު ދަނޑުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ފަހު، ބައެއް ކުދިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަށާލައި ސަލާން ކުރަނީ.

ގަލޮޅު ދަނޑުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ފަހު، ބައެއް ކުދިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަށާލައި ސަލާން ކުރަނީ.

ފަހަރަކު ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާން ކުރައްވާ ތަން ފެނިގެން ދެން ފެނުނީ ހުރިހާ ކުދިން އެ މަނިކުފާނު ވަށާލި ތަނެވެ. ރައީސްގެ ސެކިއުރިޓީން މަޑުމަޑުން ކުދިން ދުރަށް ޖެއްސި ނަމަވެސް، ރައީސް ގެންދެވީ އެ ކުދިންނާ ސަލާން ކުރައްވަމުންނެވެ. އެ ތަނުގައި ތިބި ވަރަށް ގިނަ ކުދިންނާ ރައީސް ސަލާން ކުރެއްވި އެވެ. ވަރަށް ގިނަ ބަޔަކަށް އެކަން ފެނުނީ ވަރަށް ހިތްގައިމު މަންޒަރަކަށެވެ. ފަހަކަށް އައިސް އާންމުކޮށް ނުފެންނަ މަންޒަރަކަށް ވުމުންނެވެ. އެއީ މި ފަހަރުގެ މިނިވަން ދުވަހަށް ލިބުނު ޗާލު ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ކަމަށް ބުނެ ބައެއް މީހުން ތައުރީފު ކުރި އެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ބައެއް މީހުން ސިފަކުރީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯގާތެރިކަމުން ފެނުނު މަންޒަރެއް ކަމަށެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލް ކުދިންނާއި ސިފައިންނާއި ރަށްރަށުން ވެސް އައިޓަމްތައް ހުށަހެޅި އެވެ.

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ޕެރޭޑާއި ރޭގަނޑު ފުޅަނދުބުރު ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މާދަމާ އިން ފެށިގެން އަންނަ މަހު ހަތަރެއްގެ ނިޔަލަށް ހުޅުމާލޭގައި ކާނިވަލެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ކާނިވާ ފެށުމުގެ ގޮތުން މާދަމާ ރޭ ހުޅުމާލޭގައި ހަވާ އަރުވާނެ އެވެ.