25 ޖުލައި 2023
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ހަފުތާގައި އެ ކޮމިޝަންގެ އަޣުލަބިއްޔަތުން ފާސްކުރި ނަމަވެސް އޭނާގެ މަގާމު ނުގެއްލެނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ސުވާލެކެވެ. ކޮމިޝަންގެ އެހެން މެމްބަރުންގެ އިތުބާރު ނެތް ބޭފުޅަކު މަގާމުގައި ދެމިހުންނެވުމުގެ ވަކި ބޭނުމެއް އެބައޮތް ހެއްޔެވެ؟ ފުއާދުގެ ގާނޫނީ ހައިސިއްޔަތަކީ ދެން ކޮބައި ހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ހަފުތާގައި އެ ކޮމިޝަންގެ އަޣުލަބިއްޔަތުން ފާސްކުރި ނަމަވެސް އޭނާގެ މަގާމު ނުގެއްލެނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ސުވާލެކެވެ. ކޮމިޝަންގެ އެހެން މެމްބަރުންގެ އިތުބާރު ނެތް ބޭފުޅަކު މަގާމުގައި ދެމިހުންނެވުމުގެ ވަކި ބޭނުމެއް އެބައޮތް ހެއްޔެވެ؟ ފުއާދުގެ ގާނޫނީ ހައިސިއްޔަތަކީ ދެން ކޮބައި ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު ލިބެނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުންނެވެ. އެ ދެ ގާނޫނު އެއްކޮށް ކިޔާލުމުން އެނގެނީ އިތުބާރު ނެތް ކަމަށް ފާސްކުރިޔަސް ފުއާދުގެ މަގާމު ނުގެެއްލޭ ކަމެވެ.
މި މައްސަލާގައި ބަލަން ޖެހޭ އެއް މާއްދާއަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ "ވަކި މަގާމަކަށް ނުވަތަ ވަކި އިދާރާއަކަށް ނުވަތަ ވަކި މުއައްސަސާއަކަށް މީހަކު އައްޔަން ކުރުމުގެ ބާރު، ވަކި މީހަކަށް ނުވަތަ ވަކި އިދާރާއަކަށް ލިބިދޭ ކަމަށް ވާ ނަމަ އެ މީހަކު އައްޔަން ކުރުމަށް ލިބިދޭ ބާރުގެ މާނައިގައި، އެހެން ގޮތަކަށް އެ ގާނޫނުން ދޭހަނުވާހާ ހިނދަކު، އެ މީހަކު އެ މަގާމުން ވަކިކުރުމުގެ ބާރާއި ވަކި މުއްދަތަކަށް މަގާމުގެ ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި އެ މަގާމުގެ ވާޖިބުތައް އަދާކުރުން ވަގުތީ ގޮތުން އެހެން މީހަކާ ހަވާލު ކުރުމުގެ ބާރު ވެސް ހިމެނިގެން ވެ އެވެ،" މިހެންނެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި އެބައޮތެވެ. އެއީ ކޮމިޝަންގެ މެމްބަރެއްގެ މަގާމު ހުސްވާ ހާލަތްތައް ބަޔާންކުރާ މާއްދާ އެވެ. އޭގައި ވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މަގާމަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅެއްގެ މަގާމު ގެއްލޭނީ ހަ ހާލަތެއްގަ އެވެ. އެއީ
1- މެމްބަރުކަމުގެ މުއްދަތު ހަމަވުން.
2- އިސްތިއުފާ ދިނުން.
3- އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމުން.
4- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން.
5- މަރުވުމުން.
6- ކޮމިޝަންގެ މެމްބަރުންގެ ކިބައިގައި ހުރުން ގާނޫނުން ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.
އީސީގެ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި އޮތަސް އެ ދެ މަގާމަށް އައްޔަން ކުރާ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރެއް ގާނޫނުން އެހެން މެމްބަރުންނަކަށް ނެތެވެ. ގާނޫނާ ހިލާފުވެ ނުވަތަ އެހެން ކަމެއް ދިމާވެ އިތުބާރު ގެއްލުނަސް މެމްބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންވެ، ފުއާދު މަގާމުން އިސްތިއުފާ ނުދެއްވާ ހާލަތުގައި ދެން އޮންނާނީ މެމްބަރުކަން ގެއްލުމެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު، އެހެން ތިން މެމްބަރަކު ހުށަހަޅުއްވައި އެ ގޮތަށް އެ ދުވަހު ފާސްކުރިއިރު ވެސް އެއީ ފުއާދުން މަގާމުން ވަކިކުރާ މައްސަލައެއް ނޫން ކަމަށް އެ މެމްބަރުން ވެސް ވިދާޅުވި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ އެހެން މެމްބަރުންނާއި ކޮމިޝަންގެ ބައެއް އިސް އޮފިޝަލުން ފުއާދާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި.---ފޮޓޯ: މިހާރު
"އެ ބޭފުޅުން ވަރަށް ސާފުކޮށް ވިދާޅުވި، އެއީ ފުއާދުގެ މަގާމު ގެއްލުވާލަން ކުރައްވާ ކަމެއް ނޫން ކަމަށް. އެ ބޭފުޅުންގެ އިތުބާރު ފުއާދަށް ނެތީމާ ހަމައެކަނި ނަގާ އިތުބާރު ނެތް ކަމެއް މައްސަލައެއް ކަމަށް. އެހެންވީމާ އެ ބޭފުޅުން ވެސް ގަބޫލެއް ނުކުރައްވާ ފުއާދުގެ މަގާމު ގެއްލޭނެ ކަމަކަށް. އެ ވާހަކަތައް ކޮމިޝަންގެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހުންނާނެ،" ހަބީބް ވިދާޅުވި އެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ. މީގެ ތެރެއިން ނަޝާތުގެ މަގާމްގެ ދައުރު އިއްޔެ އަށް ވަނީ ހަމަވެފަ އެވެ.
ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމާ އެކު، އޭނާ ވަނީ ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވުން ނައިބު ރައީސް ހަބީބްއާ ހަވާލު ކުރައްވައިފަ އެވެ. އޭގެ ބޭނުމަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މަގެއް ހޯދުން ކަމަށް ހަބީބް ވިދާޅުވި އެވެ.
"އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނީ ބޭފުޅުންނާ ވެސް ވާހަކަ ދައްކާފައި. އެ ބޭފުޅުން ވިދާޅުވެފައި އޮތީ ފުއާދަށް މަގާމުގައި ދެމިހުންނެވޭނެ ކަމަށް. އެ ސުވާލު ނުއުފެދޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމުގެ ފޯމު، ހަސަން ލަތީފު، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބުއާ ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުއާދާ ދެކޮޅަށް ނަޝާތާއި ޑރ. ޒާހިރު އަދި އާސިފް ތެދުވެވަޑައިގަތީ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ތިން ބޭފުޅުންގެ އަގު ވެއްޓޭ ގޮތަށް ފާޅުގައި ފުއާދު ވާހަކަ ދައްކަވާފައިވާތީ ކަމަށް ވިދާޅުވެ އެވެ. އޭގެ ފަހުން ފުއާދު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި އެ ތިން މެންބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ފުއާދު ވަޑައިގަންނަވާ ތަނަކަށް އަދި ކުރައްވާ ކަމަަކަށް ވެސް އެއްބާރުލުން ނުދެއްވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަންގެ އަޣުލަބިއްޔަތުން ފާސްކުރިޔަސް އޭނާ ހުންނެވީ އިސްތިއުފާ ދެއްވާކަށް ނޫނެވެ. ގައުމު އަނދަވަޅަކަށް ވައްޓާލަން ބޭނުން ނުވާތީ ހުންނަވަން ބޭނުންވަނީ އެ މަގާމުގަ އެވެ. ނަމަވެސް އިތުބާރު ނެތް ރައީސަކާ އެކު އެހެން މެމްބަރުން އަދި ރައީސް އެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތާ މެދު އަދިވެސް ސުވާލު އުފެދެ އެވެ. ފުއާދުގެ މަގާމާ މެދު ސުވާލެއް ނެތަސް އިތުބާރު ނެތް އިރު ދެން ކުރިއަށް ދާނެ ގޮތެއް ސާފެއް ނޫނެވެ.
ތާރީހުގައި ވެސް އެންމެ ގިނަ ބާތިލް ވޯޓު، ކީއްވެ؟
ވާދޫގެ ވޯޓު ފޮށި ފަޅާލައިފި
"ކަރުދާސް ދޭ އޮފިޝަލުން އަތުގައި ގަލަމެއް ނޯންނާނެ"
މިފަހަރު ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި
ފުރަތަމަ ބުރުގައި އުޅުނު އޮފިޝަލުންގެ އެލަވަންސް ދެނީ
ބާތިލް ވޯޓު މަދުކުރަން އީސީގެ ފިޔަވަޅުތަކެއް
ރީރަޖިސްޓްރޭޝަންގެ އެކްސެސް، އެއްވެސް މީހަކަށް ނުދޭ
ރީރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 ފޯމު
ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން 9،000 ފޯމު
ވޯޓުލާ ގަޑި ހަވީރު 5 އަށް އިތުރުކުރަނީ