Roadha Mihaaru
ފީފާގެ އެންގުމާ ގްރީންއިން ހިލާފްވިކަމުގެ ތުހުމަތު

ފީފާގެ އެންގުމާ ހިލާފަށް ގްރީން ސްޓްރީޓްސްއިން ކުޅުންތެރިން ރަޖިސްޓްރީ ކުރިކަމުގެ ތުހުމަތު

17 ޖުލައި 2023

ގްރީން ސްޓްރީޓްސް އަށް ފީފާއިން ކުރިމަތި ކުރި ޓްރާންސްފާ ބޭން އާ ހިލާފަށް ކުޅުންތެރިން ރަޖިސްޓްރީ ކުރި މައްސަލައެއް ފީފާ އަށް ހުށަހަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގްރީން ސްޓްރީޓްސް އަށް ފީފާއިން ކުރިމަތި ކުރި ޓްރާންސްފާ ބޭން އާ ހިލާފަށް ކުޅުންތެރިން ރަޖިސްޓްރީ ކުރި މައްސަލައެއް ފީފާ އަށް ހުށަހަޅައިފި އެވެ.

މިދިޔަ ސީޒަންގައި ގްރީން އަށް ކުޅުނު ސްޕެއިންގެ ފޯވާޑް އޭންޖަލް މުނޯޒް އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވުމުން، ފީފާއިން ވަނީ އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ގްރީން އަށް އަދަބު ދީފަ އެވެ.

އެކަމަކު އޭންޖަލްގެ ފަރާތުން ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑެރޭޝަނުން، ފީފާ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ފީފާއިން ޓްރާންސްފާ އަދަބު ކުރިމަތި ކުރި ފަހުން ގްރީންއިން ހަތަރެއް ނުވަތަ ތިން ކުޅުންތެރިޔަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

"އަހަރެމެންނަށް އަންގާފައި ވަނީ ދިވެހިރާއްޖޭގެ ކްލަބް، ގްރީން ސްޓްރީޓްސްއިން ހަތަރުވަރަކަށް ކުޅުންތެރިން ސޮއިކޮށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ފީފާގެ ސަސްޕެންޝަން ކުރިމަތި ކުރުމުގެ ކުރިން އެ ކްލަބްގައި ހިމެނުނު ކުޅުންތެރިން ނޫންކަން އަހަރެމެންނަށް ވަނީ އެނގިފަ އެވެ." ސްޕެއިންގެ އެފްއޭއިން ފީފާ އަށް ފޮނުވި ސިޓީގައި ވެއެވެ.

އެ ސިޓީގައި އެ ކުޅުންތެރިންގެ ނަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭންޖަލްގެ ފަރާތުން ފާހަގަ ކުރި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ އެ ޓީމުގެ ޖޯޒީ ނަންބަރު 10 މުހައްމަދު ރާއިފް ފަޒީލާއި ޖޯޒީ ނަންބަރު 13 އަމާން ނަސީމެވެ.

އެކަން ގްރީންއިން ދޮގު ކުރޭ

އެކަން ގްރީންއިން ދޮގު ކުރެ އެވެ. އެ ކްލަބްގެ އޮފިޝަލް ބުނީ މި ސީޒަންގައި އަލަށް ކުޅުނު ކުޅުންތެރިންނަކީ ކުރިން ވެސް ޓީމަށް ސޮއިކޮށްފައިވާ ކުޅުންތެރިން ކަމަށެވެ.

"އެ ކުޅުންތެރިން ޓީމާ ދުުރުގައި ތިއްބަސް އެ ކުޅުންތެރިން ވަނީ ކުރިން މި ކްލަބަށް ސޮއިކޮށްފަ. ބައެއް ކުޅުންތެރިން ލޯނު އުސޫލުން ދެވަނަ ޑިވިޝަނުގައި ވެސް ކުޅުނު. އެކަމަކު ސިސްޓަމްގެ ތެރެއިން އެ ކުޅުންތެރިން އިނީޝިއަލީ ތިބޭނީ މި ކްލަބްގައި ރަޖިސްޓްރީ ކޮށްފަ މާ ކުރިން ވެސް،" ގްރީންގެ އޮފިޝަލް ބުންޏެވެ.

ސްޕެއިންގެ އެފްއޭއިން ވަނީ އެ ކުޅުންތެރިން އެ ކްލަބްގައި ރަޖިސްޓްރީ ކުރި ތާރީހު އެފްއޭއެމް މެދުވެރިކޮށް ހޯދުމަށް ފީފާގެ ކިބައިން އެދިފަ އެވެ.

އެ މައްސަލައިގައި ފީފާއިން އަދި މިހާތަނަށް ވަކި ނިންމުމެއް ނިންމާފައެއް ނެތެވެ.