Roadha Mihaaru
އުނދަގުލަސް ވެރިކަން ކުރެވޭނީ ކޯލިޝަނަކުން: ރައީސް

ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތްކުރަން އުނދަގޫ، އެކަމަކު ވެރިކަން ކުރެވޭނީ ކޯލިޝަނަކުން: ރައީސް

17 ޖުލައި 2023

ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ރާއްޖޭގެ ހާލަތު އޮތްގޮތުން ރަނގަޅު ހިދުމަތެއް ދެވޭނީ ކޯލިޝަން ވެރިކަމަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ރާއްޖޭގެ ހާލަތު އޮތްގޮތުން ރަނގަޅު ހިދުމަތެއް ދެވޭނީ ކޯލިޝަން ވެރިކަމަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. އަތޮޅަށް ވަޑައިގެން، ކެޔޮދޫގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދުގެ 90 ޕަސެންޓް ފުރިހަމަކޮށް، ބާކީ ހުރި ކަންކަން ހިނގަމުން އަންނަ ކަމަށެވެ.

ކޮވިޑާ ވެސް ކުރިމަތިލައި މި ހުރިހާ ކަމެއް ހާސިލްވީ އަމާންކަން ގާއިމްކުރެވުމުންކަން ރައީސް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންނަށް ކުރެވުނީ ގިނަ ބަޔަކު އެކުވެގެން ސަރުކާރެއް ހިންގަން ނުކުތީމަ އަދި އެކަން ދެމެހެއްޓުނީ. އެ ފަހަރު އަޅުގަނޑުމެން ކޯލިޝަން ހެދީ އަދާލަތު ޕާޓީއާ ޖުމްހޫރީ ޕާޓީއާ އެމްއާރުއެމް. މި ހިސާބަށް އައި އިރު ވެސް އަޅުގަނޑުމެންނަށް ހަމަޖެހުމާއި އަމާންކަން ދެމެހެއްޓިފައި މި އޮތީ އެ ކޯލިޝަން އެގޮތުގައި ދަމަހައްޓައިގެން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތްކުރުމަކީ ބައެއް ފަހަރަށް ފަސޭހަކަމަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ހާލަތު އޮތީ އެގޮތަށް ކަމަށާއި ގިނަ ބައެއްގެ ހިޔާލު އެއްގޮތްކޮށް، އޭގެ ތެރެއިން އެންމެންނަށް ރަނގަޅު ގޮތް ހޯދައިގެން މަސައްކަތްކުރުމަކީ އަމާންކަން ގެނެސްދިނުމުގެ އެއް އަސްލު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވ. ކެޔޮދޫގައި ބޭއްވި ރިޔާސީ ކެމްޕެއިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވ. ކެޔޮދޫގައި ބޭއްވި ރިޔާސީ ކެމްޕެއިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

"މިއަދު ވެސް އެ ކޯލިޝަން ދެމި އެބައޮތް. ފަސް އަހަރުގެ ދައުރެއް ނިމެނީ. އަޅުގަނޑަށް ގަބޫލުކުރެވުނީ އަދި ވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރެވޭނީ ގިނަ ބަޔަކު އެއްވެގެންނޭ. ހަގީގަތުގައި ބޭނުންވެސް ވޭ ތަފާތު ހިޔާލުތައް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސިޔާސަތާއި އަދާލަތު ޕާޓީގެ ވިސްނުން އަދި އެމްޑީއޭގެ ހިޔާލުތައް ވެސް ތަފާތު ކަމަށާއި ކުރިއަރަމުުން އަންނަ ގައުމެއްގައި އެފަދަ ހުރިހާ ފުރުސަތެއް ލިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވަކި ބަޔަކު ބާކީކޮށްފައި، ވަކި ބަޔަކު އެކަނި ދެކޭގޮތަށް ކަންކުރަން ފަށައިފިއްޔާ ހަމަނުޖެހުމާއި އަމާންކަން ގެއްލިގެންދާނެ. އަޅުގަނޑުމެންނަށް އެކަން ވިސްނޭތީ އަޅުގަނޑުމެން އެގޮތުގައި ކުރިއަށް މި ދަނީ. އިރާދަކުރެއްވިއްޔާ މިހާރު މި އުފެދިފައި އޮތް ކޯލިޝަން، އެމްޑީއޭއާ އަދާލަތު ޕާޓީ، އެމްޑީޕީއާއެކު އުފެދިފައި މި އޮތް ކޯލިޝަނަކީ ރައްޔިތުން، ރާއްޖޭގެ އަޣުލަބިއްޔަތު ބޭނުންވާ ގޮތަށް ހިންގާނެ ސަރުކާރެއް އުފައްދާނެ ކޯލިޝަނެއް،"

ރައީސް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕެއިން ތެރޭގައި މި ރަށަށް ހަތް ވައުދު ވާން ޖެހުނީ މީގެ ކުރިން ކަމެއް ކޮށްދެވިފައި ނުވާތީ އެވެ. ކުރިން ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުން ކޮށްދިނުމަށް ބޭނުންވާ ކަންތައްތަކުގެ ބޮޑު ލިސްޓެއް ކައުންސިލްތަކުން ދިނަސް، ވައުދުތައް ފުއްދޭ ވަރަކަށް އެ ލިސްޓު މަދުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ވެރިކަމުގައި ރައްޔިތުން ބޭނުންވާ ބަދަލު ފެންނަ ކަމަށާއި އެ ހިދުމަތް ކޮށްދިނުމަށް ދެމިތިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.