Roadha Mihaaru
ވަގުތުއޮއްވައި ޔާމީންގެ މައްސަލަ ނިމޭނެކަމަކަށް ނުބެލެވޭ

އިންތިހާބަށް ވަގުތު އޮއްވައި ޔާމީންގެ އިސްތިއުނާފް ނިމޭނެ ކަމަކަށް މިހާރު ނުބެލެވޭ

16 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެއް މި ހަފްތާއަށް އަދި ތާވަލްކޮށްފައި ނެތް ކަމަށް ހައި ކޯޓުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެއް މި ހަފްތާއަށް އަދި ތާވަލްކޮށްފައި ނެތް ކަމަށް ހައި ކޯޓުން ބުނެފި އެވެ.

އެހެންވެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވުމުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތެއް އުނިވެ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. އެނގިފައިވާ ގޮތުގައި ފަނޑިޔާރު ސަލީމް ވަނީ މިއަދުން ފެށިގެން އަހަރީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. މި ޗުއްޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އަމަލު ކުރަމުން އަންނަ، ދުރާލާ ޗުއްޓީތައް ނެގުމުގެ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅުއްވައިގެން ނެންގެވި ޗުއްޓީއެކެވެ. އެހެންވެ އަންނަ ހަފްތާގައި ވެސް އިސްތިއުނާފްގެ އަޑުއެހުމެއް ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ.

ސަބަބަކީ މި މައްސަލާގައި ތިން ގަޟިއްޔާއެއް އެއްކޮށް ބަލަމުން ގެންދާއިރު ތިން މައްސަލައިގެ ވެސް ބެންޗުގައި ތިއްބަވަނީ އެއް ފަނޑިޔާރުންތަކަކަށް ވުމެވެ. އެ ތިން ގަޟިއްޔާ އަކީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އާއި ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މީގެ ތެރެއިން އިސްތިއުނާފް ހުށަހަޅައި އަދި ނިމުނީ ޔޫސުފް ނައީމްގެ މައްސަަލައިގައި އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މި މަހުގެ ފަހުކޮޅު މިނިވަން ދުވަހުގެ ބަންދު ވެސް އަދި އަންނާނެތީ މިހާރު ބެލެވެނީ މި މަހު އެންމެ ގިނަވެގެން ވެސް ދެން ބޭއްވީ އެންމެ އަޑުއެހުމެއް ކަމަށެވެ. އެހެންވެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ވަގުތު އޮއްވައި އިސްތިއުނާފީ ހުށަހެޅުންތައް ނިންމައި ހުށަހެޅުންތަކާ މެދު ވާހަކަ ދައްކައި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ދިރާސާކޮށް ނިންމަން ބަލާއިރު މި މުއްދަތުގައި މިއީ ކުރެވޭނެ ކަމެއްގެ ގޮތުގައި، ހައި ކޯޓުގެ އެހެން މައްސަލަތަކާ އަޅާކިޔާއިރު ނުބެލެވެ އެވެ.

އެކަމަކު ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެފައިވަނީ މައްސަލަ އަވަހަށް ނިންމާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށާއި މިއީ އަވަހަށް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށެވެ.

ޖަމީލު ވިދާޅުވާ ގޮތުގައި، ޔާމީންގެ އިސްތިއުނާފަކީ ވަށައިގެން ބަލާއިރު ޖިނާއީ މައްސަލައެއްގެ އިސްތިއުނާފެއް ކަމަށްވިޔަސް، އެއީ އެހާ އާދައިގެ މައްސަލައެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ އިންތިހާބީ ގިނަ ހައްގުތަކަކާ ގުޅިފައިވާ މައްސަލައަކަށް ވާތީ ވީއެންމެ އަވަހަކަށް މައްސަލަ ނިންމާނެ އެވެ.

ޔާމީނަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކަމަށާއި އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް ތިބުމުން މިއީ އެ އެންމެންގެ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެއީ ވަރަށް ގިނަ އިންތިހާބީ ހައްގުތަކާ ގުޅިފައި އޮތީމާ އެ ފަރުވާ ފޯރުކޮށްދޭނެ. ފަރުވާއޭ މި ދެންނެވީ އިސްތިއުނާފީ މައްސަލާގައި ކޮންމެވެސް އެއްގޮތަކަށް ނިންމުން، އެ ރޯލުން އެ ބޭފުޅުން [ހައި ކޯޓު] އެއްކިބާވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުގެ ހަމަ ފުރިހަމަ އިތުބާރު އެބަ އޮތް،" ޖަމީލް ވިދާޅުވި އެވެ.

އެކަން ހައި ކޯޓުން ކުރާނީ "ޖުޑިޝަލް ފެއާނެސް" ނުވަތަ "ޖުޑިޝަލް އެކްޓިވިޒަމް" ތެރެއިން ކަމަށް ޖަމީލު ވިދާޅުވެ އެވެ. މާނައަކީ، ޔާމީންގެ މައްސަލަ އަށް ހައި ކޯޓުން ހާއްސަ ގޮތެއް ކަނޑައަޅައި، އާދަޔާ ހިލާފު އަވަސްމިނެއްގައި މައްސަލަ ނިންމާނެ ކަމެވެ.

އަނެއްކޮޅުން، ޕީޕީއެމުން ބުނާ ގޮތުގައި ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ އެވެ. އެއީ ޔާމީންގެ ހުކުމަކީ ނިހާއީ ހުކުމަކަށް ނުވާތީ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިސްތިއުނާފްގެ މައްސަލަ އޮތް އިރު ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލަ އޮތީ ހެކިބަސް ނަގައި ނިމުމާ ހިސާބުގަ އެވެ.