Roadha Mihaaru
ކްރިކަށް އައިޖީއެމްއެޗުން މެޑިކަލް ދިނީ ޓެސްޓް ނުހަދާ

ކްރިކް ރިޒާއަށް އައިޖީއެމްއެޗުން މެޑިކަލް ދޫކުރީ ޓެސްޓު ނުހަދާ

12 ޖުލައި 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ތުހުމަތުވާ އަހްމަދު ކްރިކް ރިޒާގެ ބަލި ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މެޑިކަލް ރިޕޯޓެއް ދީފައިވަނީ އޮތީ އެ ހޮސްޕިޓަލުން އެއްވެސް ޓެސްޓެއް ނުހަދައި އޭނާ ހުށަހެޅި އެހެން ކްލިނިކެއްގެ ރިޕޯޓްތަކަކަށް ބަލާފައިކަން އެނގިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ތުހުމަތުވާ އަހްމަދު ކްރިކް ރިޒާގެ ބަލި ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މެޑިކަލް ރިޕޯޓެއް ދީފައިވަނީ އޮތީ އެ ހޮސްޕިޓަލުން އެއްވެސް ޓެސްޓެއް ނުހަދައި އޭނާ ހުށަހެޅި އެހެން ކްލިނިކެއްގެ ރިޕޯޓްތަކަކަށް ބަލާފައިކަން އެނގިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި މައްސަލާގެ ޝަރީއަތް މިދިޔަ މަހުން ފެށިގެން ބޭއްވޭ ގޮތް ނުވެފައިވަނީ ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. މި މަހަށް ވެސް ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވުނީ ކްރިކްގެ ބަލި ހާލަތު ހުރީ ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ މެޑިކަލް ހުށަހަޅާފައި ވާތީ އެވެ.

މި މެޑިކަލް ރިޕޯޓްގެ ސައްހަކަން ދައުލަތުން ކަށަވަރުކުރަން އައިޖީއެމްއެޗަށް ހުށަހެޅުމުން ފޮނުވި ސިޓީއެއްގައި އެއީ އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން ދީފައިވާ ރިޕޯޓެއް ނޫން ކަމަށް ބުނެފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ މެޑިކަލް ދޫކުރީ އެހެން ތަނަކުން ހަދާފައިވާ ޓެސްޓުތަކަކަށް ބިނާކޮށް ކަމަށާއި އެކަމަކު ޝަރީއަތުގެ ބޭނުމަށް މެޑިކަލް ރިޕޯޓް ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ނެތުމުން އެ ރިޕޯޓް ދޫކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ނުފެންނަ ކަމަށެވެ.

އައިޖީއެމްޗުން އެ ސިޓީގައި ބުނެފައިވާ ގޮތުގައި، އެފަދަ މެޑިކަލް ރިޕޯޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަަވައިލާނެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފޝަލް އަހުމަދު ޝަފީއު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ކްރިކް ރިޒާ މެޑިކަލް ހޯދާފައިވަނީ އެންމެ އިތުބާރު ހުރި ގޮތަށް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މި ސިޓީ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން މިހާރު ވަނީ ޝަރީއަތުގެ ސަމާލުކަމަށް ގެނެސް، އެކަމާ ފިޔަވަޅު އަޅައިދިނުމަށް އެދިފައިކަން ވަނީ އެނގިފަ އެވެ.

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެ އެވެ. މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.