Roadha Mihaaru
"ބިރުވެރިކަމަށް ދީލާނުލައި އަމާންކަން ދަމަހައްޓަންޖެހޭ"

ބިރުވެރިކަން އިޔާދަނުކޮށް، މި އަމާން ދިރިއުޅުން ދަމަހައްޓަން ޖެހޭ: ރައީސް

10 ޖުލައި 2023

ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް އަނިޔާ އާއި ބިރުވެރި ހާލަތު އިޔާދަވިޔަނުދީ، ތަރައްގީ އާއި އަމާންކަމާއި ހަމަޖެހުމުގައި ގައުމު ކުރިއަށް ގެންދަން އެމްޑީޕީގެ ކޯލިޝަނާ އެކު ރިޔާސީ އިންތިހާބުގައި ތިބެން ޖެހޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ށ. ފޯކައިދޫން ނާޒިމް ހަސަން

ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް އަނިޔާ އާއި ބިރުވެރި ހާލަތު އިޔާދަވިޔަނުދީ، ތަރައްގީ އާއި އަމާންކަމާއި ހަމަޖެހުމުގައި ގައުމު ކުރިއަށް ގެންދަން އެމްޑީޕީގެ ކޯލިޝަނާ އެކު ރިޔާސީ އިންތިހާބުގައި ތިބެން ޖެހޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފޯކައިދުއަށް މި ސަރުކާރުންވީ ވައުދުތައް ސަތޭކަ އިން ސަތޭކައަށް މިއަދު ފުއްދައިދެވިއްޖެ ކަމަށެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންވީ މި ތަރައްގީ އާއި ހަމަޖެހުން ދަމަހައްޓަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

މި ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތާއި އާ ބަނދަރާއި އާ ސިއްހީ މަރުކަޒާއި ފުޓްބޯޅަ ދަނޑު މިއަދު ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ. އޭގެއިތުރުން މި ރަށުގައި ބީޗެއް ހެދުމުގެ މަޝްރޫއު ވަނީ ހަވާލުކޮށްފަ އެވެ.

ގިނަ ކަންތައްތަކެއް ކޮށްދެވުނު ކަމުގެ އުފާ މިއަދު އެބަ ލިބޭ, މުޅި ރާއްޖެއަށް ހަމަޖެހުމެއް ލިބިއްޖެ, ނޫސްވެރިންނަށް މިނިވަންކަން ތަންމިނަށް ލިބިއްޖެ، ރައްޔިތުންނަށް އަމާންކަމާއި އުފާވެރިކަން އިހްސާސް ކުރެވެން ފަށައިފި, އަސާސީ ހިދުމަތްތައް ލިބިއްޖެ. -- ރައީސް

ރައީސް މިރޭ ފޯކައިދުއަށް ވެވަޑައިގަތީ އާ ވައުދުތަކެކެވެ.

މި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހަދައި ހައުސިން ޔުނިޓްތައް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އޮތްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުޅި ރާއްޖެއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 90 ޕަސެންޓް ވައުދުތައް މިހާރު ދަނީ ހިނގަމުންނެވެ. އެމަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ދެވަނަ ދައުރަކަށް ވެސް ކުރިމަތިލެއްވީ ރައްޔިތުންނަށް މިހާރު އިހްސާސް ކުރެވެމުންދާ އަމާން ދިރިއުޅުން ދަމަހައްޓައިދެއްވުމުގެ ގޮތުން ކަމަށެވެ.

ފޯކައިދޫގައި ބާއްވާ ކެމްޕެއިން ޖަލްސާގައި ރައީސްއާ އެކު އެމްޑީޕީގެ އަދި ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވަނީ

ފޯކައިދޫގައި ބާއްވާ ކެމްޕެއިން ޖަލްސާގައި ރައީސްއާ އެކު އެމްޑީޕީގެ އަދި ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވަނީ

ކުރީގެ ސަރުކާރުތަކަށް ރައީސް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދެއްކެވީ އެ ސަރުކާރުތަކާއި މި ސަރުކާރުގެ ތަފާތެވެ؛ މި ފަސް އަހަރުގެ ތެރޭ ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިއްޖެ ކަމަށާއި ސިޔާސީ ހަލަބޮލިކަމުން ސަލާމަތްވެ، ބިރުވެރިކަން ނެތިއްޖެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ހުލާސާ:

- މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ހަމަޖެހުމެއް ނެތް، އޮތީ ބިރުވެރިކަމެއްގެ ތެރޭގައި.

- ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ތިބީ ބިރުވެރިކަމެއްގެ ތޭރޭގައި.

- އެ މަންޒަރު ބަދަލުވެ، އުމްރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން މި ދައުރުގައި ކުރިއެރުންތަކެއް ވަނީ ލިބިފައި.

- ރާއްޖެ މި ދެކޭ ހަމަޖެހުމުގެ ސިއްރަކީ ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުން.

- ސަރުކާރު ހިންގާ ޕާޓީއަކާ އެކު މީގެ ކުރިން އެހެން ޕާޓީއަކުން ކޯލިޝަން ހަދާފައި ނެތް.

- މި އިންތިހާބަށް ވެސް ނުކުންނެވީ ބިޔަ ކޯލިޝަނަކާ އެކު ކަމަށް ވިދާޅުވި.

ރައީސް ވިދާޅުވީ މި ސަރުކާރުގައި އެންމެންނަށް ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް އެ މަޖިލީހުގެ ރައީސް ބޭނުންވާ ގޮތަށް ހިންގަވަމުން ގެންދަވާ ކަމަށެވެ. އެކަން ސިފައިން ވަދެ ނުހުއްޓުވާނެ ކަމަށާއި ނޫސްވެރިންނަށް ވެސް އެމީހުންގެ ގަލަމުގައި ދޯރި ޖަހަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް ހަމަޖެހުމާ އެކު ތަރައްގީގެ ގޮތުން ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ.

އައްޑޫއަށް އަންނަ ބޮޑު ބަދަލާއި މާލޭގެ ބޯހިޔާވަހިކަމަށް ލިބުނު ހައްލާއި ތައުލީމީ އަދި ސިއްހީ ދާއިރާގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލުތައް ރައީސް ވިދާޅުވެދެއްވި އެވެ. ހަމައެއާއެކު މިނިމަމް ވޭޖާއި ހިލޭ ޑިގްރީއަށް ކިޔެވުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ.

"ގިނަ ކަންތައްތަކެއް ކޮށްދެވުނު ކަމުގެ އުފާ މިއަދު އެބަ ލިބޭ, މުޅި ރާއްޖެއަށް ހަމަޖެހުމެއް ލިބިއްޖެ, ނޫސްވެރިންނަށް މިނިވަންކަން ތަންމިނަށް ލިބިއްޖެ، ރައްޔިތުންނަށް އަމާންކަމާއި އުފާވެރިކަން އިހްސާސް ކުރެވެން ފަށައިފި, އަސާސީ ހިދުމަތްތައް ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ. "ކުރިއަށް އޮތް އިންތިހާބުގައި ގޮތް ނިންމާއިރު ވަށައިގެން ހިނގި ކަންކަމާއި އަދި ހިނގަމުންދާކަމާ މެދު ފުންކޮށް ވިސްނާލާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި މި އިންދުނީ އަދި ހަމަ އެންމެ އޮށެއް ކަމަށެވެ. އޭގެއިން ގަސް ފަޅާ މޭވާ އަޅަން ވަގުތު ނަގާނެ ކަމަށާއި އެކަން ދެމެހެއްޓުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. "ނިންމަން އޮތީ މިދާ ތަރައްގީގެ މަގުގަ ކުރިއަށްދާނީތޯ ނުވަތަ އިހު އޮތް ބިރުވެރިކަމުގެ މަގަށް ސޮއްސާލާނީތޯ، އަނެއްކާވެސް މި ނުކުތީ ކޯލިޝަނަކާ އެކު, މިއީ ގައުމަށް ހެޔޮ އެދޭ ގައުމު ކުރިއަށް ގެންދިޔުމުގެ ހެޔޮ ނިޔަތުގައި ތިބި ބައެއް, މިއީ މި ރާއްޖޭގެ އުފެދޭ މެންބަޝިޕް އެންމެ ބޮޑު ކޯލިޝަން،" ރައީސް ވިދާޅުވި އެވެ.