Roadha Mihaaru
ޔާމީނަށް ވަގުތު އޮއްވައި އިސްތިއުނާފް ނިންމާނެ: ޖަމީލް

ޝަރުއީ ނިޒާމަށް ޖަމީލްގެ އިތުބާރު އެބައޮތް، ޔާމީނަށް ވަގުތު އޮއްވައި ހައި ކޯޓުން ހުކުމްކުރާނެ

05 ޖުލައި 2023

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ހައި ކޯޓުން ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ހައި ކޯޓުން ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ދައްކާފައިވަނީ ޔާމީނެވެ.

އެކަމަކު ޖިނާއީ ކުށެއް ތަންފީޒުކުރަމުން އަންނާތީ އިންތިހާބުގައި ޔާމީން ވާދަކުރެއްވުމުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ. ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.

އެހެންކަމުން ހައި ކޯޓުގައި މިހާރު ހިނގާ ޔާމީންގެ އިސްތިއުނާފު މައްސަލަ ނިމި މިނިވަން ވެގެން ނޫނީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުން މިހާތަނަށް ތިން އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. އެކަމަކު އަދި އެ މައްސަލަތަކުގެ އިސްތިއުނާފީ ނުކުތާތައް ވެސް އަދި ހުށަހަޅާ ނުނިމެ އެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މި މަހުގެ 23 ގައި ހުޅުވާލައި އަންނަ މަހުގެ 7 ގައި ހަމަވުމުގެ ކުރިން ހުކުމަކާ ހަމަޔަށް ޝަރީއަތްތައް ގެންދެވޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ނަމަވެސް، ޔާމީންގެ ނައިބުރައީސްކަން ވެސް ކުރެއްވި ޖަމީލު "މިހާރު" އަށް ވިދާޅުވީ ޝަރުއީ ނިޒާމަށް އޭނާގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ޔާމީންގެ މައްސަލައަކީ އާދައިގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ އިންތިހާބީ ގިނަ ހައްގުތަކަކާ ގުޅިފައިވާ މައްސަލައަކަށް ވާތީ ވީއެންމެ އަވަހަކަށް މައްސަލަ ނިންމާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެއީ ވަރަށް ގިނަ އިންތިހާބީ ހައްގުތަކާ ގުޅިފައި އޮތީމާ އެ ފަރުވާ ފޯރުކޮށްދޭނެ. ފަރުވާއޭ މި ދެންނެވީ އިސްތިއުނާފީ މައްސަލާގައި ކޮންމެވެސް އެއްގޮތަކަށް ނިންމުން، އެ ރޯލުން އެ ބޭފުޅުން [ހައި ކޯޓު] އެއްކިބާވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުގެ ހަމަ ފުރިހަމަ އިތުބާރު އެބަ އޮތް: ޑރ. ޖަމީލް

ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް ދަށު ކޯޓުން ހިންގި މައްސަލަ އަކީ ވަރަށް ގޯސްކޮށް ނިންމާފައިވާ "ސިޔާސީ" މައްސަލައެއް ކަމަށާއި އެ މައްސަލައާ ގުޅިގެން ޔާމީނާއި އެ މަނިކުފާނުގެ ޕާޓީގެ ގިނަ ބައެއްގެ އިންތިހާބީ ހައްގުތަކެއް ވެސް ހިފެހެއްޓިފައިވާ ކަމަށެވެ.

ޔާމީންގެ ހައްގުތަކެއް ހިފެހެއްޓިފައިވަނީ ވެރިކަންކުރާ ބާރުގެ ނުފޫޒުތަކަކާ ހެދި ކަމަށާއި އެހެންވެ އެ ގޯހުން އެ މަނިކުފާނު ސަލާމަތްކުރުމަކީ ތިން ބާރު ވަކިވެފައިވާ މި ނިޒާމްގެ ތެރެއިން އަނެއް ބާރު ކަމަށްވާ ޝަރުއީ ނިޒާމަށް އޮތް ޒިންމާއެއް ކަމަށް އެ ނިޒާމުން ގަބޫލުކުރާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި އޮތް ޝަރުއީ ނިޒާމަކީ ޖަމީލު ގަބޫލުކުރައްވާ ގޮތުގައި، ޔާމީނަށް އެ ރައްކާތެރިކަން ފޯރުކޮށްދީ ހައްގުތައް ކަށަވަރުކޮށްދޭނެ ފަދަ ނިޒާމެކެވެ.

"އެއީ ވަރަށް ގިނަ އިންތިހާބީ ހައްގުތަކާ ގުޅިފައި އޮތީމާ އެ ފަރުވާ ފޯރުކޮށްދޭނެ. ފަރުވާއޭ މި ދެންނެވީ އިސްތިއުނާފީ މައްސަލާގައި ކޮންމެވެސް އެއްގޮތަކަށް ނިންމުން، އެ ރޯލުން އެ ބޭފުޅުން [ހައި ކޯޓު] އެއްކިބާވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުގެ ހަމަ ފުރިހަމަ އިތުބާރު އެބަ އޮތް،" ޖަމީލު ވިދާޅުވި އެވެ.

އެކަމަކު ހައި ކޯޓުގެ އާންމު އުސޫލުތަކަށް ބަލާއިރު ޔާމީންގެ މައްސަލަ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ނިންމޭނެ ކަމާ މެދު ބައެއް ވަކީލުން އަދި ސިޔާސީ ބޭފުޅުން ވެސް ސުވާލު އުފައްދަ އެވެ.

އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ހާއްސަ އުސޫލަކަށް އަމަލުކޮށްގެން ނޫން ގޮތަކަށް ޔާމީންގެ މައްސަލަ މުއްދަތަށް ނުނިންމޭނެ އެވެ.

އެނގިފައިވާ ގޮތުން، ޔާމީންގެ މައްސަލަތައް ބައްލަވާ ބައެއް ފަނޑިޔާރުން ކުރިން ތާވަލް ކުރައްވާފައިވާ ޗުއްޓީތަކެއް ވެސް މި މަސް ތެރޭގައި އެބަ ހުއްޓެވެ. އެއީ ވެސް އިތުރު ލަސްކަމެއް ކުރިމަތިވާނެ ކަމެކެވެ.

ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް

ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް

ނަމަވެސް މި ކަމުގައި ޖަމީލުގެ ހިޔާލު ތަފާތެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޔާމީންގެ އިސްތިއުނާފީ މައްސަލައަކީ ބޭރުފުށުން ބަލާއިރު އާދައިގެ ޖިނާއީ މައްސަލައެއް ކަމުގައި ފެނުނަސް އެއީ އެހެން އޮތް ކަމެއް ނޫނެވެ. ޔާމީންގެ އިސްތިއުނާފީ މައްސަލައަކީ އޭގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު "ޖުޑިޝަލް ފެއާނެސް" ނުވަތަ "ޖުޑިޝަލް އެކްޓިވިޒަމް" ގެ ތެރެއިން ފަރުވާއެއް ދޭންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"...މިސާލަކަށް ދުސްތޫރީ މައްސަލައެއް އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ވަދެއްޖިއްއާ އާންމު އުސޫލުން އެ މައްސަލަ ގެންދާނެތޯ، ކެންޑިޑެންސީގެ ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓުން ވަކި މުއްދަތެއްގެ ތެރޭ މައްސަލަ ނިންމަންޖެހޭ ގޮތަށް މި އޮންނަނީ، މި މައްސަލައަކީ [ޔާމީންގެ އިސްތިއުނާފު] އޭގެ ޒާތުގައި މިފަދަ ގިނަ ކަންތައްތަކެއް ހިމެނޭ މައްސަލައެއް، އަދުލުއިންސާފުގެ ކަންކަމަކީ ބްލެކްއެންޑްވައިޓްކޮށް ލިޔެފައި ހުންނަ ކަންކަމެއް ނޫން، މީގައި ހަގީގަތުގައި އެބަހުރި ވަރަށް ގިނަ ހައްގުތަކާ ގުޅިގައި،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ޔާމީންގެ މައްޗަށް ދަށު ކޯޓުން ސާބިތުކޮށްފައިވާ މައްސަލައަކީ، އޭނާ ގަބޫލުކުރައްވާ ގޮތުން، "އެމްއެމްޕީއާރްސީއޭ ކިޔައިގެން ސިޔާސީ ގޮތުން" ޔާމީނަށް ފުރުސަތުތައް ބަންދުކުރުމަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ. ބޭނުމަކީ އެ ހުކުމް އޮތް ކަމަށް ބުނެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުކޮށްލުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މީގަ ނެތޭ ގާނޫނީ ސައްހަކަމެއް އެމްއެމްޕީއާރްސީގެ މައްސަލައެކޭ ކިޔައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމަށް. އެއީ ސަރުކާރުން އަމަލުކުރާ ގޮތުން އެބަ އެނގެއޭ މީގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންގެ މައްޗަށް އެއް ހަމައެއްގެ ދައުވާ އުފުލަމުން ނުދާކަން، އަދި އެ ނިޔަތެއް ވެސް ނެތްކަން. ޔާމީންގެ މައްޗަށް މި އަަންނަނީ މިކަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ތަކުރާރުކޮށް އުފުލާ ދައުވާތަކެއް މި ފެންނަނީ. ދަށު ކޯޓުން ކޮންމެ ފަހަރަކު ވަރަށް ގޯސްކޮށް ނިންމީމާ ބުނާ ކަހަލައޭ ދެން މި މުއްދަތުގެ ތެރޭގައި ލިބޭނެތާއޭ މީނާ އެތެރެކޮށްލަން،" ޖަމީލު ވިދާޅުވި އެވެ.

އެހެހެންވެ އެކަހަލަ "ގޯސް ހުކުމަކުން" ސަލާމަތްކުރުމަކީ މުޅި ޝަރުއީ ނިޒާމަށް އޮތް ޒިންމާއެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

"...އެ މަތީގައި އިށީނދެގެން ނޯމަލް ރޫޓިންއެއްގައި މި މައްސަލަ ގެންދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ، ރާއްޖޭގައި އެކަންޏެއް ވެސް ނޫން، ދުނިޔޭގެ އެއްވެސް ތަނެއްގައި އެމެރިކާ، ޔޫކޭ ތަންތަނުގައި ވިޔަސް މި ބާވަތުގެ މައްސަލަތަކުގައި ފަރުވާ ހޯދައިދޭ އަވަހަށް،" ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލު ވިދާޅުވި އެވެ.

އާރަށުގެ މައްސަލާގެ އިސްތިއުނާފު މައްސަލަ ޔާމީންގެ ސިޔާސީ ކުރިމަގަމަށް މުހިންމުވެފައި ވާއިރު ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ވެސް އެބަ އޮތެވެ. އަދި މި މަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލަ ތާވަލްކޮށްފަ އެވެ. ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. މި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގިކަން ސާބިތުވެ ޔާމީންގެ މައްޗަށް މީގެކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.