Roadha Mihaaru
ނުރައްކާކޮށް ދުއްވި މީހާ ދެއްކީ "ހަފީޒްގެ މައްސަލަ"

ނުރައްކާކޮށް ސައިކަލް ދުއްވި މީހާ ދެއްކީ "ހަފީޒްގެ މައްސަލަ"

05 ޖުލައި 2023

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒް މަގު ހުރަސްކުރައްވަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓުވީ އެ ސައިކަލު އަންނަތަން ފެނިގެން "ޕެނިކްވެ ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން" ކަމަށް ސައިކަލް ދުއްވި މީހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒް މަގު ހުރަސްކުރައްވަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓުވީ އެ ސައިކަލު އަންނަތަން ފެނިގެން "ޕެނިކްވެ ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން" ކަމަށް ސައިކަލް ދުއްވި މީހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފަތިސް ނަމާދުން ފައިބައިގެން ވަޑައިގަންނަވަނިކޮށް ހަފީޒްގެ ގައިގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއްވި އެކްސިޑެންޓުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޝަމްއާން އަބްދުއްޝަކޫރު، 22، ގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދު އިތުރުކޮށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ޝަމްއާންގެ ގާނޫނީ ވަކީލާ ހަވާލާދީ ބުނެފައިވަނީ ހާދިސާ ހިނގިކަމާއި މީހަކަށް އަނިޔާވިކަމާ މެދު ޝަމްއާން އިއުތިރާޒް ނުކުރާ ކަމަށެވެ.

"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރަމުން، ސައިކަލް އަންނަތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން ސައިކަލުގައި ލައިގަނެ އެކްސިޑެންޓުވީ" ކަމަށް ވަކީލް ވިދާޅުވި ކަމަށް އަމުރުގައިވެ އެވެ.

ރ. އިނގުރައިދޫ މީހެއް ކަމަށްވާ ޝަމްއާންގެ ވަކީލް ކޯޓުގައި ވިދާޅުވީ ހާދިސާ ހިނގިކަމާ މެދު އެއްބަސްވިޔަސް، އެކްސިޑެންޓުވީ މަގު ހުރަސްކުރަން ކަނޑައަޅާފައިވާ ކަފިހިހުރަސް މަތިން ދަނިކޮށް ޖެހިގެން ނޫން ކަމަށެވެ. އަދި ތުހުމަތުކުރާ ގާނޫނީ މާއްދާތަކަށް ބަލާއިރު ތުހުމަތަކީ ގާނޫނީ ބޮޑު ކުށެއް ނޫން ކަމަށާއި އެހެންވެ ޝަމްއާން ކަފާލާތުގެ ދަށުން ދޫކޮށްދޭން ވަކީލް އެދިވަޑައިގަތެވެ.

ނަމަވެސް ޝަމްއާނަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ވުމާއި އޭނާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް އިރު ވެސް ބާރު ސްޕީޑްގައި ސައިކަލް ދުއްވި ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެހެންވެ އިސްގާޒީ އާދަމް މުހައްމަދު ނިންމެވީ ކަފާލާތު ނުދީ 15 ދުވަހަށް ބަންދުކުރުމަށެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ އެއާ އެމްބިއުލާންސެއްގައި އިންޑިއާގެ ކޮޗިން އަށް ގެންގޮސްފަ އެވެ. ތައުލީމީ ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި ގިނަ ބަޔަކު އިހްތިރާމްކުރާ ހަފީޒަށް އަނިޔާވި އެކްސިޑެންޓަކީ ހަމައެއްލަމައެއް ނެތި ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ ނަތީޖާ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.