Roadha Mihaaru
ޕާސްޕޯޓަށް އެދުމުގައި ލުއިތަކަކާއެކު ވަގުތު އިތުރުކޮށްފި

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

04 ޖުލައި 2023

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ނިންމަވައިފި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދު ވެސް އާއްމުންނަށް ލުއިފަސޭހަކަމާ އެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެކަމަށް ބަލައި، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް ވަނީ ދަންމާލައިފަ އެވެ.

މިހާތަނަށް ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. ނަމަވެސް، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މިހާރު ވަނީ މާދަމާ އިން ފެށިގެން އިތުރުކޮށްފަ އެވެ. އެކަމަކު، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށެވެ.

ޕާސްޕޯޓު ހެދުމަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް 2019 ވަނަ އަހަރު ހަމަޖެއްސި އެވެ. އޭގެ ކުރިން ޖެހެނީ ސީދާ އިމިގްރޭޝަނަށް ގޮސް ފޯމު ހުށަހަޅާށެވެ. އެކަމަކު، ކޮވިޑާއެކު ޖުލައި 22، 2020 ގައި ތައާރަފްކުރި "އިމުގަ" ޕޯޓަލްއާއެކު އެ ހިދުމަތް ޑިޖިޓަލް ކުރީ އެވެ.

އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް މިހާތަނަށް 125،600 އަށް ވުރެ ގިނަ ޕާސްޕޯޓު ހައްދާފައިވާ ކަމަށެވެ.

އަލަށް ގެނައި ބަދަލުތަކަކީ؛

ފޯމު ފުރިހަމަކޮށް، ސްކޭންކޮށް، އަޕްލޯޑުކުރަން ނުޖެހުން

ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅިއަސް، ފޯމު ފުރައި ސޮއިކޮށް އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ޝަކުވާތަކަށް ބަލައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުށަހެޅޭނެ މަގު ވަނީ ފަހިކޮށްފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ ޓްވީޓް.

އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ

ޕާސްޕޯޓު އާ ކުރަން ހުށަހަޅާ ނަމަ ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑުކުރަންޖެހެ އެވެ. އަލަށް ގެނައި ބަދަލާ އެކު އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީއެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ޕާސްޕޯޓުގައި ސޮއިކުރަން ވެސް ފަސޭހަ ގޮތެއް

އިިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ސޮއި ނުވަތަ އެ މީހެއްގެ ސޮއި ރަނގަޅަށް ސާފުވާނެ ގޮތަކަށް ހުދު ކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްޗެއްގައި ގަލަމަކުން ސޮއިކޮށްލުމަށް ފަހު އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓާ ހަވާލުވާން އިމިގްރޭޝަނަށް ދާއިރު އެ ސޮއިކުރަންޖެހޭނެ އެވެ.

އީފާސް މެދުވެރިކޮށް ލޮގިން ވެވުން

ޕާސްޕޯޓު ހިދުމަތަށް އެދޭއިރު، އިމުގެ ޕޯޓަލް އަށް ރަޖިސްޓްރީކޮށް ވަކި އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ ވަދަލާއެކު، އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގަ ޕޯޓަލް އަށް ލޮގިން ވެވޭނެ އެވެ.