Roadha Mihaaru
17،000 އެޕްލިކޭޝަން، އިމިގްރޭޝަން ބޮޑު ލޯޑެއްގައި

ޕާސްޕޯޓު ހައްދަން 17،000 އެޕްލިކޭޝަން، އިމިގްރޭޝަންގެ ތާރީހުގައި ވެސް އެންމެ ބޮޑު ލޯޑު

22 ޖޫން 2022

އިމިގްރޭޝަންގެ ތާރީހުގައި ވެސް އާންމުކޮށް ކޮންމެ ދުވާލަކު އެވްރެޖްކޮށް ހައްދައިދެމުން އަންނަނީ 200 ވަރަކަށް ޕާސްޕޯޓެވެ. އެކަމަކު، ވޭތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި އެ ތާރީހު ބަދަލުކޮށްލައިފި އެވެ. ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް މިހާރު ހައްދައިދޭން ޖެހެ އެވެ. އެ އަދަދަށް ކޮންމެ ދުވަހަކު ވެސް އެތަނަށް އެޕްލިކޭޝަން ލިބެ އެވެ. އެހެންވެ، އެތަނުން ޖެހުނީ، އެކަން ކުރާނެ އިތުރު ގޮތްތަކެއް ހޯދައި، ހިދުމަތް އަވަސްކުރެވޭނެ ގޮތެއް ބަލާށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިމިގްރޭޝަންގެ ތާރީހުގައި ވެސް އާންމުކޮށް ކޮންމެ ދުވާލަކު އެވްރެޖްކޮށް ހައްދައިދެމުން އަންނަނީ 200 ވަރަކަށް ޕާސްޕޯޓެވެ. އެކަމަކު، ވޭތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި އެ ތާރީހު ބަދަލުކޮށްލައިފި އެވެ. ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް މިހާރު ހައްދައިދޭން ޖެހެ އެވެ. އެ އަދަދަށް ކޮންމެ ދުވަހަކު ވެސް އެތަނަށް އެޕްލިކޭޝަން ލިބެ އެވެ. އެހެންވެ، އެތަނުން ޖެހުނީ، އެކަން ކުރާނެ އިތުރު ގޮތްތަކެއް ހޯދައި، ހިދުމަތް އަވަސްކުރެވޭނެ ގޮތެއް ބަލާށެވެ.

މިދިޔަ މެއި މަހު އެކަނި ޕާސްޕޯޓު ހެއްދުމަށް 17،000 މީހުން އެޕްލިކޭޝަން ހުށަހެޅި އެވެ. މިއީ އިމިގްރޭޝަންގައި ހުރި ވަސީލަތްތަކުގެ ތެރެއިން ވަރަށް ބޮޑު ލޯޑެކެވެ. އިމިގްރޭޝަނުގެ ޕާސްޕޯޓު ހެއްދުމުގެ ލޯޑަކީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރަށް ވުރެ ވެސް ބޮޑު ލޯޑެކެވެ. އޭރު މަހެއްގެ ތެރޭ އެންމެ ގިނަވެގެން ވެސް ހުށަހަޅަނީ 5،000 އެއްހާ އެޕްލިކޭޝަނެވެ. އެހެން ނަމަވެސް މި އަދަދު މިދިޔަ މަހު ވަނީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފަ އެވެ.

އިމިގްރޭޝަނުން ބުނީ އެޕްލިކޭޝަންތައް ކުއްލިއަކަށް އެހާ ބޮޑަށް އިތުރުވީ މި ދުވަސްވަރު ދިވެހިން އެކި ތަންތަނަށް ދަތުރުކުރާލެއް އިތުރުވެގެން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ގައުމުތައް ބަންދުކޮށްފައި ހުޅުވާލުމާއި ސްކޫލު ޗުއްޓީއާ ދިމާވުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ރަސްމީ ގަޑީގައި އެތަނަށް ގޮސް ފޯމް ހުށަހެޅުމުގެ ބަދަލުގައި، "އިމުގާ" ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭތީ ވެސް ދުވާލެއްގެ މައްޗަށް ލިބޭ އެޕްލިކޭޝަންތައް އިތުރުވާން ފެށީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާ ބޮޑު ޕީކަކަށް އެ އިދާރާ އޮތީ ރެޑީ ނުވެ ކަމަށެވެ. އެކަމަކު، ކުއްލިއަކަށް އުފެދުނު މި ޑިމާންޑަށް އަވަސް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޕާސްޕޯޓުގެ މަސައްކަތަށް އެހެން ޑިޕާޓްމެންޓްތަކުން މުވައްޒަފުން އިތުރުކޮށް، ޕާސްޕޯޓް ހައްދާ ވަގުތު އިތުރު ކުރުން ހިމެނެ އެވެ. އިމިގްރޭޝަނުން މިހާރު ހެނދުނު 8:30 އިން ރޭގަނޑު 9:30 އަށް ޕާސްޕޯޓު ހެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އަދި ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރެ އެވެ.

"ބޯޑަރު ހުޅުވާލި ފަހުން އެ ލޯޑު އަޅުގަނޑުމެންނަށް ވެސް މިއައީ. އަޅުގަނޑުމެންގެ ވެސް ކެޕޭސިޓީ އެއަށް ތައްޔާރެއް ނޫން. އަޅުގަނޑުމެން ވެސް އުންމީދު ނުކުރާ ވަރުގެ ޕީކެއް މިއައީ. އެކަމަކު މިހާރު ވަގުތު އިތުރު ކޮށްގެން މި ހިދުމަތް ދެނީ،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ބައެއް ތަފާސްހިސާބުތައް.

އިމިގްރޭޝަންގެ ބައެއް ތަފާސްހިސާބުތައް.

ހިދުމަތް އަވަސް ކުރަން ޕާސްޕޯޓް ޕޯޓަލަށް ބަދަލު ގެންނަނީ

މި ވަގުތު ޕާސްޕޯޓު އާ ކުރާށާއި ޕާސްޕޯޓު ހެއްދުމަށް "އިމުގާ" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުނު ނަމަވެސް ފޯމު ހުށަހެޅުމަށް މެނުއަލް ބައެއް ކަންކަަން ކުރަން ޖެހެ އެވެ. ޕާސްޕޯޓް ހައްދަން ޖެހެނީ ފޯމު ޕްރިންޓްކޮށް، މައުލޫމާތުތައް ފުރިހަމަކޮށްފައި އަނެއްކާ ސްކޭންކޮށްފައި ޕޯޓަލަށް އަޕްލޯޑް ކުރާށެވެ.

ހަނަފީ ވިދާޅުވީ އެފްލިކޭޝަންތައް ރިޖެކްޓްވާ ވަރު މަދުކުރަން ޓެކްނިކަލް ޓީމާ އެކު މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، އެޕްލިކޭޝަން ހުށަހަޅާ އިރު ފޮޓޯ ރަނގަޅު ނޫން ނަމަ، އެކަން ވަގުތުން އެނގޭނެ ގޮތްތައް ހަދާނެ ކަމަށެވެ.

"ފޮޓޯގެ މިންގަނޑު ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމް އަޕްލޯޑު ކުރާ އިރު، ސީދާ ޕޯޓަލް އިން އެ ފޮޓޯ ރަނގަޅުތޯ ނުވަތަ ނޫންތޯ އެނގޭނެ ސިސްޓަމެއް އެބަ ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާސްޕޯޓު ހެއްދުން ބައެއް ފަހަރު އެހާ ބޮޑަށް ލަސްވަނީ، އެޕްލިކޭޝަންގައި ކަނޑައަޅާފައިވާ އޮންނަ އުސޫލާ އެއްގޮތަށް ބައެއް ޑޮކިއުމެންޓްތައް ހުންނާތީ ކަމަށެވެ.

ހަނަފީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ހިދުމަތް އަވަސް ކުރަން ޕޯޓަލްއަށް ބަދަލު ގެންނާނެ

ހަނަފީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ހިދުމަތް އަވަސް ކުރަން ޕޯޓަލްއަށް ބަދަލު ގެންނާނެ

ޕާސްޕޯޓު ހުށަހެޅުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހުށަހަޅާ ފޮޓޯ އައިކާއޯގެ މިންގަނޑަށް ނުފެތޭ މައްސަލަ އެވެ. އެ މައްސަލަ ހައްލު ކުރަން އިމިގްރޭޝަނުން ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާސްޕޯޓު އެޕްލިކޭޝަން ހުށަހަޅާ ޕޯޓަލް އޮޓަމޭޓް ކުރުމެވެ. އެކަން ކުރަން ކުރިއަށް ތިން މަސް ތެރޭ މަސައްކަތްތައް ފަށާނެ އެވެ. އޭރުން ޕީޑީއެފް ފައިލް އަލުން އަޕްލޯޑު ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމު ފުރާލެވޭނެ އެވެ. އަދި ޕާސްޕޯޓުގައި އޮންނަ ސޮއި ވެސް ގަނޑެއްގައި ސޮއި ކުރުމަށް ފަހު ފޮޓޯ ނަގާފައި އަޕްލޯޑް ކުރެވިދާނެ އެވެ.

"މިއީ ރާއްޖޭގައި މިފަދަ ސިސްޓަމެއް ގާއިމް ކުރާ ފުރަތަމަ ފަހަރު. ގިނަ ތަންތަނުން މިހާރު ވެސް ޖެހެނީ ޕީޑީއެފް ފައިލް ފުރަން. އެވެސް ވަނީ ވަރަށް ބޮޑު ތަކްލީފަކަށް،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން: މިދިޔަ މަހު އެކަނި 17،000 އެޕްލިކޭޝަން އިމިގްރޭޝަނަށް ލިބުނު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން: މިދިޔަ މަހު އެކަނި 17،000 އެޕްލިކޭޝަން އިމިގްރޭޝަނަށް ލިބުނު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަނަފީ ވިދާޅުވީ، މިގެންނަ ބަދަލާ އެކު އެޕްލިކޭޝަން ފޮނުވުމަށް ފަހު ފޯމުގައި މައްސަލައެއް އުޅޭތޯ އަވަހަށް ދެނެގަނެވޭނެ ކަމަށެވެ.

"ބައެއް ފަހަރު އެބަ ޖެހޭ އެއް ޕާސްޕޯޓް އެޕްލިކޭޝަނަށް ހަ ފަހަރު، ހަތް ފަހަރު މުވައްޒަފަކު އެޓެންޑްވާން،" އޭނާ ވިދާޅުވި އެވެ.

"ކިރިޔާ ވެސް ގަބޫލު ކުރެވޭ މިންގަނޑަކަށް ފޮޓޯ އޮވެއްޖިއްޔާ އެ އެކްސެޕްޓް ކުރާނަން."