Roadha Mihaaru
ވާވަރުކަމެއް ނޫނޭ ބުނެ ރާއްޖޭގެ ކޯޗު ހިނގައްޖެ

ވާވަރު ކަމެއް ނޫނޭ ބުނެ ރާއްޖޭގެ ކޯޗު ޕްރެސް ދޫކޮށް ހިނގައްޖެ

25 ޖޫން 2023

ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ވުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ހިނގައްޖެ އެވެ.

ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ވުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ހިނގައްޖެ އެވެ.

ޕްރެސް ފަށަމުން ކޯޗު ބުނީ މި މެޗުން މޮޅުވުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށާއި، ހުރިހާ ދިވެހިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އިނގިރޭސި ބަހަށް ކޮށި ކޯޗު ބުނެލި ދެތިން ބަހެއްގައި ބުނީ ފަންސަވީހަކަށް މިނެޓް ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު މިއީ ރަނގަޅު މެޗެއް ނޫން ކަމަށެވެ.

"ހުރިހާ ދިވެހިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން، ޝުކުރިއްޔާ،" ކޯޗު ނުކުމެގެން ދަމުން އިނގިރޭސި ބަހުން ބުންޏެވެ.

މޮރިއޭރޯ ޕްރެސް ދޫކޮށް ދިއުމުން ރާއްޖޭގެ ޓީމުގެ ފަރާތުން ވާހަކަ ދެއްކީ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) އެވެ. އޭނާ ބުނީ ބުނީ ޕްލޭނާ އެއްގޮތަށް މެޗު ނުކުޅެވުނު ކަމަށް ކޯޗު ބުނި ކަމަށެވެ.

"ނަތީޖާއާ މެދު ވެސް، ޕަފޯމަންސާ މެދު ވެސް ކޯޗު ހިތްހަމައެއް ނުޖެހޭ،" ރާއްޖޭން ލަނޑެއް ޖަހާފައި އޮއްވައި ބަންގްލާދޭޝް އިން ފަހަތުން އަރައި ތިން ގޯލް ޖަހައިގެން މޮޅުވި މެޗާ ބެހޭ ގޮތުން ޝިބާ ބުންޏެވެ.

މުބާރާތުގައި ދެން ކުރިއަށް ދިއުމުގެ އުންމީދު އޮތީ ކިހާވަރަކަށްތޯ އެހުމުން ޝިބާ ބުނީ އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ. އެކަމަކު މެޗާ ބެހޭ ގޮތުން ކުރި މުހިންމު ބައެއް ސުވާލުތަކަށް ޝިބާ ވަނީ އޭނާ އަށް ޖަވާބު ދޭން ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ޖަވާބު ދޭން އިންކާރުކޮށްފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ނުކުންނާނީ ލެބަނަން އާ ދެކޮޅަށެވެ. ރާއްޖޭން ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ލެބަނަން އަތުން މޮޅުވުން މަޖުބޫރެވެ.

މުބާރާތުގެ ގަވައިދު ބުނާ ގޮތުން މެޗުގެ ޕްރެސް ކޮންފަރެންސްތަކުގައި ކޯޗު ޖަވާބުދޭން ޖެހެ އެވެ. އެހެންވެ، ކޯޗު ޕްރެސް ދޫކޮށް ދިޔަ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޝިބާ ބުނީ އެކަން ބަލާނެ ކަމަށާއި ކޯޗު ވެސް މުބާރާތުގެ ގަވައިދަށް އަމަލުކުރަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މުބާރާތުގައި ރާއްޖޭން ފުރަތަމަ ކުޅުނު މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވިޔަސް އެ ދުވަހުގެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމު ދުވަހަކު ވެސް ނުކުޅޭހާ ދަށް މެޗެއް ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

މިއަދުގެ މެޗަކީ ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގައި 20 އަހަރު ފަހުން ރާއްޖެ ބަލިކުރި ފުރަތަމަ މެޗެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ އެ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެންނެވެ.