25 ޖޫން 2023
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތްތަކުގައި އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރ. ދުވާފަރު ކައުންސިލް މެމްބަރުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދި ނިންމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ދިފާއުކުރައްވައިފި އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތްތަކުގައި އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރ. ދުވާފަރު ކައުންސިލް މެމްބަރުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދި ނިންމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ދިފާއުކުރައްވައިފި އެވެ.
ކޮރަޕްޝަނަށް ތުހުމަތުވި ރ. ދުވާފަރު ކައުންސިލްގެ މެމްބަރުން ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާއެއް ނުކުރެ އެވެ. ނަސޭހަތުގެ އެއްބަސްވުން ހަދައި މައްސަލަ ހައްލުކުރަން ނިންމީ އެވެ. މިކަމާ ގުޅިގެން ޕީޖީ އޮފީހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
ޕީޖީ ޝަމީމް މި މައްސަލާގައި އޭނާގެ އަމިއްލަ ބްލޮލުގައި ލިއުއްވި ގޮތުގައި ދުވާފަރު ކައުންސިލަރުންނާ އެކު ހެދި ނަސޭހަތުގެ އެއްބަސްވުމުން ވީ ފައިދާ އެވެ. ނުކުތީ ރަނގަޅު ނަތީޖާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އަންހެނުން ކޮމިޓީގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަން އޮޑިޓުން ފަޅާއެރުމުންނެވެ.
ކައުންސިލަރުންނަށް ތުހުމަތުވާ މި ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28 ގައި އެންމެން ސަސްޕެންޑުކުރި އެވެ.
ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާއަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އެތަނުން ބައެއް މީހުން ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން މިހާރު ވަޒީފާއަށް ވެސް ނުކުމެ އެވެ. އެ މައްސަލައިގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އެސްޖީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މާޗު މަހު އެވެ. އެކަމަކު، ޕީޖީން ނިންމީ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް އެ ކައުންސިލަރުންނާ އެކު ހެދުމަށެވެ.
ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ޕީޖީއަށް އޮތް އިހްތިޔާރެކެވެ. ގާނޫނުގައިވާ ގޮތުން މިފަދަ އެއްބަސްވުމެއް ހެދޭނީ، އެމީހަކު ކުރިކަމަށް އިއުތިރާފުވާ ކުށަކީ އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ހިމެނޭ ކުށަކަށް ނުވާ ނަމަ އެވެ. ނަސޭހަތުގެ އެއްބަސްވުމުގެ ބޭނުމަށް، އަދަބުގެ މިންވަރަކީ އެއް އަހަރު ކަމަށް ބެލުމުގައި، އަދަބުގެ ރޭންޖުން ދަށަށްގޮސް، އެންމެ ދަށްވެގެން އެއް އަހަރަށްވުރެ ކުޑަ އަދަބެއް ހިމެނޭ ކުށްތައް، ނަސޭހަތްދެވޭ ބާވަތުގެ ކުށުގެ ގޮތުގައި ހިމެނުމަށް ގާނޫނުން ހުއްދަކުރާ ކަމަށް ޕީޖީ އޮފީހުން ގަބޫލުކުރެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތުން، ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށްވާ ނަމަ، އެގޮތަށް އަމަލު ކުރެވިދާނެ އެވެ. އެގޮތް ބަލާނެ އަށް ހާލަތެއް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ؛
1- ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛
2- ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން؛
3- ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން؛
4- ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައިނުވުން؛
5- ކުށް ކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން؛
6- ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން؛
7- ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން؛
8- ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން.
ދުވާފަރު ކައުންސިލްގެ މެމްބަރަކު އޮފީހުގައި.
ޝަމީމްގެ ލިޔުމުގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނަށް ނަސޭހަތްދީ މައްސަލަ ނިންމުމަށް އެ އޮފީހުން ނިންމީ، އެ އަށް ހާލަތުގެ ތެރެއިން ހަތް ހާލަތެއް ފުރިހަމަވާތީ އެވެ. ފުރިހަމަ ނުވެ އޮތީ މި މައްސަލައާ ގުޅުމެއް ނެތް، ކުޑަކުދިންނާ ގުޅޭ ހާލަތެއް އެކަނި ކަމަށް ވިދާޅުވި އެވެ.
"ކުށުގެ އަދަބުގެ ކުޑަބޮޑު މިނަށް ބަލައި، ދެކޮޅަށް ވެސް ބަހުސްކުރެވެން އެބައޮތް، ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް ހަގީގަތުގައި ނެތް. ކުށްކުރި މީހުންގެ ކުށުގެ ރެކޯޑެއް ނެތް. އެމީހުންގެ މައްޗަށް އެހެން ޖިނާއީ ދައުވާއެއް ހުށަހެޅި ހިނގަމަކުން ނުދޭ. ކުށްކުރި މީހުންގެ އުމުރަށް ބަލާއިރު، މާ ހަގެއް ނޫން. ކުށްކުރި ހަމަ ކޮންމެ މީހަކު، ޒިންމާދާރުކަމާ އެކު އާއިލާއެއް ބަލަހައްޓަމުންދޭ. ތެދެކެވެ. ފައިސާ ގެންގުޅުނީ ގަވާއިދާ ޚިލާފަށް، ނަމަވެސް، ގެއްލުނު ހުރިހާ ފައިސާއެއް ވަނީ އަނބުރާ ދައްކާފައި، ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަހުގީގަކުން ނުދައްކާ،" ޝަމީމް ވިދާޅުވި އެވެ.
މި ލިސްޓްގެ އިތުރުން، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުމުގެ ބަދަލުގައި ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެ އެވެ. ޝަމީމް ވިދާޅުވާ ގޮތުން، ދުވާފަރު ކައުންސިލަރުންގެ މައްސަލާގައި އެ ލިސްޓްގައިވާ 13 ކަންތަކުގެ ތެރެއިން ފުރިހަމަ ވަނީ އެންމެ ތިން ކަމެވެ.
"އާންމު މަސްލަހަތަށް ފައިދާ ހުރި ދައުވާކުރުން ކަމަށް ބަލާނެ ލިސްޓުގައި އޮތް ކަންތައްތަކަށް ބަލައިގެން ކިޔައިފި ނަމަ، އެ ލިސްޓުގައި ހުރި ތިން ކަމެއް ފުރިހަމަވުމަކީ އެކަށީގެންވާ ކަމެއް، އެއީ، ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިނގި ކަމަކަށްވުމާއި، މުޖްތަމައުގައި ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު ކުރި ކަމަކަށްވުމާއި ކުށްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނުމާ، މިތިން ކަންތައް،" ޝަމީމް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ މިދެންނެވި ދެ ލިސްޓުން އަޅައި ބަލައިގެން ނަތީޖާއެއް ނެރުން. ދައުވާކުރަން ބާރުއަޅާ ލިސްޓުން ފުރިހަމަވީ، ލިސްޓުގައި އޮތް 13 ކަންތަކުގެ ތެރެއިން އެންމެ 3 ކަންތައް. ނަސޭހަތްދިނުމަށް ބާރުއަޅާ ލިސްޓުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވޭ. ވީމާ، ގާނޫނު މިހާރު އޮތް ގޮތުން، މިމައްސަލައަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ، އެކަމަށް ގާނޫނު ތަސައްވުރު ކޮށްފައި އޮތް، ޝަރުތު ހަމަވާ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ގާނޫނު ތަންފީޒުކުރުމުގައި ވެސް، އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތުތަކުގައި، އޯގާތެރިކަން އިސްކުރުމަކުން ގާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ އެވެ.
މި މައްސަލައިގައި، ނަސޭހަތުގެ އެއްބަސްވުމުގެ ނަތީޖާއަކަށްވީ، ޕީޖީ ވިދާޅުވި ގޮތުގައި މައްސަލައިގައި ހިމެނޭ މީހުންނަށް ކުށް ކުރެވިފައިވާ ކަމަށް އިއުތިރާފުވެ، ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމެވެ. އެ މީހުން، އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރަން އެއްބަސްވެފައިވާއިރު، އިތުރު ކުށެއް ކޮށްފި ނަމަ، ނަސޭހަތް ދެވުނު މައްސަލަ އާއި އަލަށް ކުރި ކުށުގެ ދައުވާ ވެސް ކޯޓުގައި އުފުލާނެ އެވެ.
ދުވާފަރު ކައުންސިލަރުންނަށް ނަސޭހަތްދީ މައްސަލަ ނިންމިޔަސް މިއީ އެފަދަ އެއްބަސްވުމެއް ހެދޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ފާޑުވިދާޅުވި މައްސަލައަށް ޕީޖީ ރައްދު ދެއްވި އެވެ. ޝަމީމް ވިދާޅުވީ އެއީ ޖިނާއީ އަދުލުގެ ނިޒާމްގެ އިލްމްވެރިން ނޫން ކަމަށެވެ.
"ޖިނާއީ އަދުލުގެ ނިޒާމުގެ އިލްމުވެރިންނަކީ، ތަންދޮރު ފިލާ މީހުންނަކީ، މި ނިޒާމުގައި ތެރޭގައި އަޅާ ކޮންމެ ފިޔަވަޅަކީ، މިދެންނެވި ތިން ކަންތަކުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް އަޅާނެ ފިޔަވަޅެއްކަން އެނގޭ މީހުން. ގާނޫނުގެ ލަފްޒުތައް ދިވެހި ބަހުން ލިޔެފައި ހުރީތީ، ބޮޑު މަންޒަރާއި، ގާނޫނުގެ މަފްހޫމްތަކާއި، އެއް މަފްހޫމް އަނެއް މަފްހޫމާ ގުޅޭ ގޮތަށް ބެލުމެއް ނެތި، އަކުރުން އަކުރަށް ގާނޫނު "ތަންފީޒުކުރަން" ވާހަކަ ދައްކާނީ، ގާނޫނު ކިޔަވައިގެން ތިބި ކަމަށް ބުނި ނަމަވެސް، ތަންދޮރު ނުދަންނަ "ދަންނަ މީހުން". "އިލްމުވެރިން" ނެއް ނޫން. މިއީ ތަފާތު ދެ ގިންތިއެއް." ޝަމީމް، ރައްދު ދެއްވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމަކީ ހަމައެކަނި މީހުންނަށް އަދަބުދޭ ނިޒާމެއް ނޫނެވެ.
ކުށާއި އަދަބު ބަޔާންކޮށް، ކުށްކުރާ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ތިން ބޭނުމެއް އޮންނަ ކަން ފާހަގަކުރައްވައި އޭނާ ލިއުއްވި އެވެ.
އެއީ، މުޖްތަމައު ރައްކާތެރިކުރުމާއި، ކުށެއް ކޮށްފިނަމަ، އެ ކުށްކުރި މީހާ އާއި މުޖްތަމައުގެ އެހެން މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން އެނގުމާއި، އެ ފިޔަވަޅުގެ ސަބަބުން ކުށްކުރި މީހާ އިސްލާހުވެ، ޒިންމާދާރު މީހެއްގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުމެވެ.
ޖިނާއީ އަދުލަށް އޮތް ގޮންޖެހުމަކީ ކޮރަޕްޝަން: ޕީޖީ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!
"އެމްއެމްޕީއާރުސީ ބޮޑު މައްސަލައާ އުޅޭ ތަނެއް ނުފެނޭ"
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!
މަހްލޫފް މައްސަލައިގެ އިތުރު ހެެއްކެއް ނުހޯދަން: ޕޮލިސް
އިސްތިއުފާ ދެއްވުމާ މެދު މަހްލޫފު އަލުން ވިސްނަނީ